ބޮލީވުޑް

ބޮލީވުޑުން ކުރިން ނޭނގޭ ދެ ތިން ވާހަކަ: ޕްރިޔާންކާ ވާން ބޭނުންވީ އިންޖިނިއަރަކަށް!

މި ވާހަކައެއް ހަމަ އެންމެ ރަނގަޅު ވާނީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔާންކާ ޗޯޕްރާ އިން ފެށިއްޔާ އެވެ. އޭގެ ސަބަބަކީ އެއްގޮތަކަށް ވެސް މަޝްހޫރު ދިވެހި ނެށުންތެރިޔާ ސުނީތާ އަލީއެއް ނޫނެވެ.

ބޮލީވުޑްގެ ވާހަކައެއް އަންނަ ނަމަ އެ ވާހަކައެއް ޕްރިޔާންކާ ޗޯޕްރާ އިން ފަށަން ޖެހެނީ މި ހުނަރުވެރި ފަންނާނަށް ދިވެހިންގެ ހިތްތަކުގައި ދީފައިވާ ޖާގަ ގައުމަށް ވުރެ ވެސް ބޮޑުވީމަ އެވެ. އެހެންޏާ ފަހެ ޕްރިޔާންކާ މާލެ ގެނެސް ގަލޮޅު ސްޓޭޑިއަމުގައި ދައްކާލި ރޭ ހީވީ އެ ހިސާބުގަނޑު ބަންޑުން ޖަހައިލަން އުޅުނު ހެންވިއްޔާ އެވެ. ޕްރިޔާންކާގެ މޫނު ދެކިލުމަށް އެވަރަށް މީހުން އެއްވެ ތިއްބެވެ.

އެހެންވީމަ "ބޮލީވުޑުން ކުރިން ނޭނގޭ ފަސް ވާހަކަ" އެއްގެ ފުރަތަމަ ޗެޕްޓަރުގައި މި ފުރަތަމަ ވެސް މި އޮތީ ޕްރިޔާންކާއާ ބެހޭ ގޮތުން އޭނާގެ ބައެއް ފޭނުންނަށް ކުރިން ނޭނގި އޮތް ވާހަކަ އެކެވެ. އެކަމަކު ސުނީތާއަށް މި ވާހަކަ ނޭނގި އޮވެދާނެއެކޭ ބުނާކަށް ހަމަ އެއްގޮތަކަށް ވެސް ނުކެރޭނެ އެވެ.

ޕްރިޔާންކާއާ ބެހޭ ގޮތުން އެނގެނީ ކިހާވަރަކަށް ހެއްޔޭ އެއްފަހަރަކު އަޅުގަނޑު ސުވާލުކޮށްލުމުން ސުނީތާ ބުނީ "ވަރަށް ބޮޑަށް" އޭނާއާ ބެހޭ ކަންކަމާއި ވާހަކަ އެނގޭ ކަމަށެވެ.

ފިލްމް ސްޓާރެއްގެ ގޮތުގައި ދުނިޔެ އަށް މަޝްހޫރުވުމުކުރިން އޭނާ އެންމެ ފުރަތަމަ ފައްކާކުރީ މޮޑެލިން ކެރިއަރެކެވެ. ނަމަވެސް އޭގެ ކުރިން އަދި އެންމެ ކުރިން އޭނާ ނިންމައިގެން ހުރީ ސޮފްޓްވެއާ އިންޖިނިއަރަކަށް ވާށެވެ. އަދި މޮޑެލްކުރުމުގެ ދާއިރާ އަށް ނުކުތުމުގެ ކުރިން ކްރިމިނަލް ސައިކޮލޮޖިސްޓަކަށް ވުމުގެ ހުވަފެން ވެސް ދެކުނެވެ. 

އަދިވެސް އެހެން ވާހަކައެއް އެބައޮތެވެ. ޕްރިޔާންކާ ދިވެހިންގެ ތެރޭގައި މިފަހުން މިވަރަށް މަޝްހޫރުވީ ސުނީތާ އަލީއާ ހެދިއޭ ބުނުމަކުން ހަމަ އެއްވެސް ގޯހެއް ނެތެވެ. އަދި ޕްރިޔާންކާ އަށް "ޕީސީ" އޭ ކިޔަން ވަރަށް ގިނަ ދިވެހިންނަށް ދަސްވީ "ސުނިޔާންކާ" އުފެއްދި ވިލާގަނޑެއްގެ ދަށަށް ދިވެހިން ގެންދިޔަ ދުވަސްކޮޅުގައޭ ބުނުމަކުން ވެސް ގޯހެއް ނެތެވެ.

ޕީސީ އަކީ މީޑިއާ އާއި އޭނާގެ ފޭނުންގެ ބައެއް ފަހަރަށް ޕްރިޔާންކާ އަށް ލޯބިން މުހާތަބުކުރާ ގޮތެކެވެ. ނަމަވެސް އެއަށް ވުރެ މަޝްހޫރު ވަނަމަކީ "ޕިގީ ޗޮޕްސް" އެވެ. މި ވަނަ އޭނާ އަށް ދިނީ "ބްލަފްމާސްޓާ" ގެ މަސައްކަތުގައި އުޅެމުން އަބީޝެކް ބައްޗަން އެވެ.

މި ނަމުން އޭނާ ބޮލީވުޑަށް އަދި މީޑިއާ އަށް މަޝްހޫރުވެފައިވިޔަސް ޕްރިޔާންކާގެ އެންމެ ގާތް މީހުން އޭނާ އަށް ގޮވަނީ "ސަންޝައިން" ނުވަތަ "މިމީ" ގެ ނަމުންނެވެ.

ދެން މި އޮތީ ހަމަ ޕްރިޔާންކާ ދިވެހިންނާ ބައްދަލުކުރި ގޮތަށް އިހަކަށް ރޭ ދިވެހިންނާ ސްޓޭޖުމަތިން ބައްދަލުކުރި ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫގެ ދެ ތިން ވާހަކަ އެކެވެ. ސްޓޭޖަށް އަރައި ބިޕާޝާ ބުނީ ރާއްޖެއިން އެނގުނީ "ގަރުދިޔައެއް" ގެ ވާހަކަ އެކަނި ކަމަށެވެ.

އެހެންވީމަ އޭނާއާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށްތޯ އެވެ.

ބިޕާޝާ އަށް ކުޑައިރު ވަނަމަކަށް ކިޔައި އުޅުނީ "ލޭޑީ ގުންޑާ" އެވެ. އެއީ ކަޅުކޮށް ކުރުކޮށް ހުންނާތީ ކަމަށްވެ އެވެ.

ފިލްމު "ޝިކްހާރު" ގެ މަންޒަރެއްގައި ބިޕާޝާގެ ފުރާނަ އަށް ނުރައްކާވާ ވަރުގެ ހާދިސާއެއް ހިނގިކަން އެނގޭ ހެއްޔެވެ؟

އެ ފިލްމުގައި ކަނޑުއަޑީގެ މަންޒަރެއް ބިޕާޝާއާ އެކު ޝޫޓްކުރަން ބެލިއިރު އޭނާ އަކަށް ފަތާކަށް ނޭނގެ އެވެ.

ޝޫޓިންގައި ދިމާވި އެކްސިޑެންޓަކުން އޭނާ ސަލާމަތްވީ ހަމަ ކިރިޔާ އެވެ. ނަމަވެސް ފަހުން ވަނީ ފަތަން ދަސްކޮށްފަ އެވެ.

ރާއްޖެ އައިސް އިންޓަގްރާމެއްގައި މާ ފޯރިއެއް އަރުވާލައިގެން އުޅުނީ މޫދު ދެކެ މިހާރު ބިރު ނުގަންނާތީ ކަމަށް ވެސް ވެދާނެ އެވެ.

ދެން މި އޮތީ ކުރުކޮށްލާ ވަގުތު ޖެހިފަ އެވެ. ނަމަވެސް އޭގެ ކުރިން އަދި ދެ ތިން ވާހަކައެކެވެ. މި ދުވަސްކޮޅު އެންމެ މަޝްހޫރު ބޮލީވުޑް ފިލްމު "ބަޖުރަންގީ ބައިޖާން" ގެ ވާހަކަ އަކުން ނިންމާލާނީ އެވެ.

މިހާރު ވެސް މި ފިލްމެއް އެ ގެންދަނީ ބޮލީވުޑްގައި ކޮންމެ ދުވަހަކުހެން ރިކޯޑެއް ތަޅައި ސުންނާފަތިކުރަމުންނެވެ. އެންމެފަހުން އެ މުގުރާލީ "ދޫމް 3" ގެ ރިކޯޑެވެ. އެހެންވީމަ ސައްލޫ ބާއީއާ ޖެހި އާމިރު ޚާން ވެސް އެއްޗަކަށް ނުވިއެއް ނޫން ހެއްޔެވެ؟ 

ބޮލީވުޑްގެ ބޮކްސް އޮފީހުގައި މިހާތަނަށް އެންމެ ގިނަ ފައިސާ ހޯދި ފިލްމުތަކުގެ ރޭހުގެ ދެ ވަނަ އަށް "ބަޖުރަންގީ ބައިޖާން" އެރީ އެވެ.

ސައްލޫ ބާއީއާ އެއްވަރަކަށް މި ފިލްމުގެ ކާމިޔާބީގެ އަނެއް ހިއްސާދާރަކީ ފިލްމުގެ ޗައިލްޑް އެކްޓްރެސް ހަރްޝާލީ މަހޯތުރާ އެވެ. އުމުރުން ފަސް އަހަރުގެ މި ބަތަލާ ފިލްމުގެ ރޯލަށް ނެގީ މި ރޯލުގެ އޮޑިޝަނުގައި ބައިވެރިވި 5000 އަށް ވުރެ ގިނަ ކުދިންގެ ތެރެއިންނެވެ.