ފިނިޕޭޖް

ވަރަށް ސަޅި ފަސް ލަވަ ސިލްސިލާ: މިފަހަރު ވަރަށް ތަފާތު!

މިފަހަރުގެ ހޮވުންތައް ވަރަށް ވެސް ތަފާތެވެ. "ތަފާތަކީ" މިފަހަރުގެ ތީމް ވެސްމެ އެވެ.

އެހެންވީމަ ޝަހީދުގެ އިތުރު އަޅިއެއް ނުބުރުވައި މިފަހަރުގެ ފުރަތަމަ ހޮވުން ޕްލޭކޮށްލަމާ ހިނގާށެވެ.

ކުރިން ވެސް ދެންނެވި ފަދައިން މިފަހަރުގެ ހޮވުމަކީ "ތަފާތު" ލަވަތަކެކެވެ. މި ލަވަތައް ހޮވުމުގައި ބޮޑަށް ބަލާފައި ވާނީ އާދަޔާހިލާފަށް މޮޅު ނުވަތަ ހުނަރުވެރި މިއުޒިކެއް ހިމެނޭ ލަވަތަކެއްގެ ބަދަލުގައި ލިރިކްސް އާއި ހުށަހަޅައިދިނުން ތަފާތު ލަވަތަކަކަށެވެ.

ޔަގީނަށް ވެސް ޓީވީއެމްގެ "ރާގު" ޝޯގައި 2013 ވަނަ އަހަރުގެ ޖުލައި މަހު އަންދަލާ ހަލީމް ނުވަތަ އަންޔާ ހުށަހަޅައިދިން ލަވަ "ޖޯޑެއްގެ ސާފު ލޯބި" މިއީ މި ދެންނެވި ހުރިހައި ހިތްގައިމު ސިފަތަކެއް އޭގައި ނިކަން ރަނގަޅަށް ޖެހިފައިވާ ނުވަތަ ޖައްސާފައިވާ ލަވައެކެވެ.

އަޅުގަނޑުމެންގެ ފާޑުކިޔުންތެރިޔާ ޝަހީދަށް ވެސް މި ލަވަވީ ހަމަ ނިކަން ބޮޑު ސަޕްރައިޒަކަށެވެ.

"އާންމުކޮށް ދިވެހި ލަވައެއް ކަންފަތުގައި ޖެހޭ އިރަށް ކޮންމެ މީހަކަށް ވެސް ހީވާނީ އެއީ ބިޓެއް ކަޓައިގެން ނުވަތަ ލޯބީގައި ކޮންމެވެސް އެހެން ކެއްސެއް ލިބިގެން އެކަމަކުން އަރައިގަތުމަށް ހަދާފައި އޮންނަ ލަވައެއް ހެން،" ޝާމް ސައީދުގެ ލިރިކްސް އާއި މިއުޒިކަށް އަންދަލާ ހުށަހަޅައިދީފައިވާ ލަވައިގެ ވާހަކަ ފަށައިގަތުމުގެ ކުރިން ޝަހީދު ބުނީ މިހެންނެވެ.

"އާންމުކޮށް ލޯތްބާ ގުޅުން ހުރި ލަވައެއް ވެއްޖެއްޔާ އެ ލަވައެއްގައި ކަލާ، ކަލާ، ކަލާއެއްގެ ވާހަކަ އަންނާނެ ބައްތިރީސް ފަހަރު. އެކަމަކު މިއީ ކަލާ ސްޓައިލްގެ ލަވައެއް ނޫން"

"މިއީ ވެސް ލޯބީގެ ކުލަތަކެއް ޖައްސާފައިވާ ލަވައެއް. އެކަމަކު އެ ކަލައެއް މި އަށް އޮއްސާލާފައިވާ ގޮތް ވަރަށް ތަފާތު."

ޝަހީދު ބުނީ މިހެންނެވެ. އެހެންވީމަ އެ ތަފާތަކީ ކޮބައި ހެއްޔެވެ؟

"މީގެ އެންމެ ބޮޑު ތަފާތަކީ އޭގެ ލިރިކްސް. އާދަޔާހިލާފަށް ތަފާތު، މިއިން ޒަމާނަކު ވެސް ދިވެހިންގެ ލަވައަކުން އިވިފައިނުވާ ސްޓައިލެއް އަދި ފެންވަރެއްގެ ލިރިކްސްއެއް މިއީ،" ޝަހީދުގެ ތައުރީފު ޝާމްގެ ލިރިކްސް އަށް އޮއްސާލި އެވެ.

އެހެންވީމަ އެބުނާހާ ތަފާތު ލިރިކްސްއެއް މީގައި އޮވެއްޖެ ނަމަ އޭގައި ވެސް ކުޑަކޮށް ބީހިލަން ޖެހޭނެ އެވެ.

"ލޮނުމެދަކާ ދެ ފިޔަކާ ކަރުނަޔާ"

"ލޮނު ލުނބޮޔާ ދެ މިރުހަކާ ފުރާނަޔާ"

"ލޮނު، ދިރި، ކޮތަންބިރި"

"ބައި ސަމުސަލެއްގެ އާދޭހާ"

"ދޮންކަނބުލޮގެ އަތުން ލިބޭތޯ"

"ޖޯޑެއްގެ ސާފު ލޯތްބާ"

"ރަހަލާ ވަރަށް އެ ހިނިތުންވުން"

މިއީ މި ލަވައެއް ފަށައިގެން އަންދަލާ އެ ލަވައެއް ކިޔަމުން ކުރިއަށް ދާ ގޮތެވެ. ދެން ކިޔައި ދެނީ ތެއްޔަކަށް ކޯތާފަތާއި ރާނބާފަތާއި ހިކަނދިފަތާއި ތި ތުންފަތާއި ރާހުތާއި ހިތާއި އުލްފަތް ކޮށައި ގަށައި ނިކަން ގަދަ އަށް ލޯބި ކައްކާނެ ގޮތުގެ ވާހަކަ އެވެ.

ކުރުކޮށް ބުނަނީ ނަމަ މި ލަވައެއްގެ ހުލާސާއަކީ މިއީއޭ ބުނެވިދާނެ އެވެ. މި ލަވަ ލޯބީގެ ކުލަތައް ޖެހިފައިވާ އެހެން ލަވަތަކާ ތަފާތުވަނީ ވެސް މި ސަބަބާ ހެދިއޭ ބުނެވިދާނެ އެވެ.

"ލޯބި ހާސިލުކުރާނެ ގޮތް ނުވަތަ ލޯބީގެ ރެސިޕީ ނުވަތަ އަސްލު ލޯތްބަކީ ކޮބައިކަން ނިކަން ތަފާތު ގޮތަކަށް ކިޔައިދޭ ލަވައެއް މިއީ،" ޝަހީދު ވެސް ބުނެލި އެވެ.

"ވެދާނެ މި ލަވައިގައި ކިޔައި މި ދެނީ ލޯބީގެ ސައިންސް ކަމަށް ވެސް. ލޯބީގެ ދިވެހި ބޭސްވެރިއެއްގެ ބަހުރުވައިންހެން ބޮޑަށް ހީވަނީ ލިރިކްސް ހަދާފައި މި ވަނީ"

"ވެދާނެ ޕާފެކްޓް ލޯބި ހޯދަން ކަމަށް ވެސް މި އެކްޕެރިމެންޓެއް މި ހަދަނީ މި ހުރިހައި އެއްޗެހިތަކެއް އެއްކޮށްގެން. ކޮންމެއަކަސް ލަވައިގެ މިއުޒިކްގައި ވެސް އެބަހުރި ދިވެހި ވަންތަކަމެއް ވެސް ހިމެނިފައި އޭގެ ދިވެހިވަންތަ ލިރިކްސްއާ ހެދި،" ޝަހީދުގެ ސަމާސާ އާއި ތައުރީފު ނިންމާލީ މިހެންނެވެ.

މި ލަވަ ކިޔައިދީފައިވާ ފަރާތަށް ކުރާނެ އިތުރު ތައުރީފެއް އޮތް ހެނެއް ހީއެއް ނުވެ އެވެ. އެއީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އިޔާނާގެ ދަރިއެކެވެ.

ދެން މި އޮތީ މި ހަފުތާގެ ދެ ވަނަ ހޮވުމެވެ. ފުދޭވަރަކަށް ކުރީގެ ލަވައެކެވެ. "ޝަވިޔަނި" އެވެ.

މި ލަވައެއް ޔޫޓިއުބްގައި އެނބުރެމުން ދަނީ 2010 ވަނަ އަހަރުން ފެށިގެންނެވެ. ނަމަވެސް ލަވަ ވައިގައި ހިފައި ގަދަ އަށް މަޝްހޫރުވީ މީގެ ދެ އަހަރެއްހާ ކުރިންނޭ ބުނުމަކުން މައްސަލައެއް އޮތް ހެނެއް ހީއެއް ނުވެ އެވެ. ވަކިން ހާއްސަކޮށް ޓީވީއެމްގެ ރާގު ޝޯގައި ނިޝްފާ ނާޝިދު (ނިޝް) މި ލަވައިގެ ކަވާއެއް ހުށަހަޅައިދިން ހިސާބުން ލިބިގެން ދިޔަ މަޝްހޫރުކަން ވެސް ވަކިން ބޮޑެވެ.

މި ލަވައިގެ ރާގާއި ލިރިކްސް ހަދައިދީފައި ވަނީ އިބްރާހިމް ފަޔާޒު އެވެ. އޮރިޖިނަލް ލަވަ ކިޔާފައި ވަނީ ތޯތި އެވެ.

"މިއީ ވަރަށް އުފާވާ ނުވަތަ އުފާކޮށްދޭ ކަހަލަ އިހްސާސްތަކެއް އެއްކޮށްލާ ލަވައެއް އޭތި އަޑުއަހަން ފެށުމާއެކު. ވަރަށް ސެލެބްރޭޓްކޮށްލާ، ދަތުރުގޮސްލާ މަޖާކޮށްލާފައި އުޅޭ ހިތްވާ ފީލްއެއް ގެނެސްދޭ ލަވައެއް. މިއުޒިކް ވަރަށް ހިތްގައިމު،" ލަވަ ޕްލޭކޮށްލައިގެން އިރުގަނޑެއް ވަންދެން އަޑުއަހަން ހުރެފައި ޝަހީދު ބުނީ މިހެންނެވެ.

"އެންމެ ލަފުޒަކުން މި ލަވަ ސިފަކޮށްދޭ ނަމަ ބުނަން ޖެހެނީ އުފާވެރިއޭ."

"އަނެއްކޮޅުން މި ލަވަ ތަންކޮޅެއް ކުރީގެ ލަވައަކަށްވުމަކީ ވެސް ހާއްސަވާ ސަބަބެއް. އަހަރުތަކަކަށް ދެމިގެންދާއިރު ވެސް ފޫހިކަމެއް ނައިން ހިފަހައްޓާލާ ފެންވަރުގެ ލަވައެއްކަން ފާހަގަކޮށްލެވޭ. މީގެ އިތުރުން މި ތަފާތު ލަވައިން ސާބިތުކޮށް ދެނީ މީގެ ފަސް އަހަރު ކުރިން ވެސް އަދި އޭގެ ފަސް އަހަރު ކުރިން ވެސް އަދި އެއަށް ވުރެ ކުރިން ވެސް މި ކޮލިޓީގެ މި ތަފާތު މިއުޒިކަށް ލޯބިކުރި އަދި ލޯބިކުރާ މިއުޒީޝަނުން ދިވެހިންގެ ތެރޭގައި ތިބިކަން"

"މިކަހަލަ ރީތި ހިތްގައިމު މިއުޒިކްތައް މި ހުންނަނީ ގެއްލިފައި ނުވަތަ ފޮރުވިފައި. މި ހުންނަނީ ދިވެހިން އެ ވަރެއް ނެތިގެން އުޅޭ އެހަނދާނަށް ވުރެ އަގުބޮޑު ކޮށް ވިއްކޭނެ ކަހަލަ ލަވަތައް އަސްލުގަ ވެސް."

ދެން އަނެއްކާވެސް އެހެން ލަވައަކަށް ޖެހިލަމާ ހިނގާށެވެ.

ކުރިއަށް މި އޮތް ލަވަ އަކީ "ތަފާތު" ދިވެހި އަމިއްލަ ރާގުގެ ލަވަތަކެއް ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން އަހަރެމެންގެ ބޮލަށް ވަދެ ނުނިކުތް އަދި އެ ލަވައަކާ މެދު ދައްކާނެ މާ ގިނަ ވާހަކަތަކެއް ވެސް ނޭނގުނު ލަވައެކެވެ. ލަވަ އަށް ގޮތް ކިޔަން ގަޑި ދެ ގަޑިއިރު ހޭދަކުރިއިރު ވެސް ލަވައިގެ އަސްލު ނުވަތަ ލަވައިގެ އަސްލު މަގުސަދު ނުހޯދުނު ލަވައެކެވެ. 

އެހެންވީމަ މި ލަވައިގެ ލިރިކްސް އާއި މިއުޒިކް އަދި އަޑުގެ ވެރިފަރާތް ކަމުގައިވާ މަރިޔަމް އާތިޒާ އާތިފަށް ދޭން ޖެހެނީ ވެސް "ތަފާތު" މާކުހެކެވެ. ހަމަ 100 އެކެކެވެ.

އާތިޒާ ނުވަތަ އާތީ އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މިޝީގެ ދައްތައެކެވެ.

"މިއީ ވަރަށް ކޮމްޕްލިކޭޓެޑް ލަވައެއް އަސްލަށް ވެސް. މިހާތަނަށް އަޑުއަހަން ޖެހުނު އެންމެ ތަފާތު ލަވައޭ ވެސް ބުނެވިދާނެ،" ލަވަ އެތައް ފަހަރަކު އަޑުއެހުމަށް ފަހު ޝަހީދު ވެސް ބުނީ މިހެންނެވެ.

"މި ބުރުގައި އަޅުގަނޑުމެން ހޮވާލި ތަފާތު ލަވަތަކުގެ ތެރޭގައި ހިމެނޭ އެންމެ ތަފާތު ލަވައޭ ބުނަން ޖެހޭނީ."

"އާންމުކޮށް ލަވައެއްގައި މި އަންނަނީ އިންޓްރޯއެއް، ދެ ވާސް، ދެ ކޯރަސް ދެން އައުޓްރޯއެއް. އެކަމަކު މި ލަވައިގައި އެ ތަރުތީބެއް ނެތް. ވަރަށް ބައިވަރު ބްރޭކްޑައުންތަކެއް އެބަހުރި ގެންގުޅެފައި. ކޮންމެއަކަސް އޭގެ އެރޭންޖުމަންޓް ވަރަށް ތަފާތު ލަވައެއް މިއީ،" ޝަހީދު އިތުރަށް ކިޔައިދިނެވެ.

"ހަގީގަތަށް ބުނަނީމަ މި ލަވައިގެ ތަފާތުކަމުން މިއީ ގޮތެއް ކިޔަން ވެސް އެހާ ފަސޭހަ ލަވައެއް ނޫން."

"އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ނޭނގޭ މިއީ ސީދާ ކޮން ކަހަލަ ގޮތަކަށް ހަދާފައި އޮތް ލަވައެކޭ ބުނާކަށް. އާތީ ޖެހޭނީ އައިސް މި ލަވައިގައި ވާ ނުވާ ކިޔައިދޭން ހެން އަޅުގަނޑަށް ހީވަނީ. ވާނުވާ ނޭނގި އެއަށް ގޮތެއް ކިޔައިގެން ގޯސްވެސް ވެދާނެ"

"ބޮޑަށް ވާނުވާ އަދި ނޭނގެނީ އޭގެ ލިރިކްސްގައި. އަނެއްހެން މިއުޒިކަށް ބަލަނީ ނަމަ މި ދެންނެވި ބްރޭކްޑައުންތައް އަޔަސް ސަޅިކަމެއް އެބަހުރި އޭގެ ހުށަހެޅުމުގައި"

"އެކަމަކު ލިރިކްސް އަށް ވިސްނައިގެން ނޭނގޭ ލަވައިގައި ބުނަން އުޅޭ އެއްޗެއް ހަމަ އެއްގޮތަކަށް ވެސް. އެއްގޮތަކަށް ވެސް އޭގެ އެއް ބަޔާއި އަނެއް ބައި ދިމާވެގެންދާތަނެއް ނުފެނޭ."

މިފަހަރުގެ ހޮވުމުގައި ހިމެނޭ ލަވަތަކަށް ގޮތެއް ކިޔަން ނޭނގުމަކީ ހަމަ ވެދާނެ ގޮތެކެވެ. ސަބަބަކީ އަޅުގަނޑުމެންގެ ހޮވުން ހަމަ އަސްލަށް ވެސް "ތަފާތު" ވީމަ އެވެ.

ދެން މި އޮތީ އަދި މާ މަޖާ، މާ ތަފާތު ލަވައެކެވެ.

"ކާކުބާ ކަކުލަށް ކަކޫ ކީ؟"

އެއީ ލަވައިގެ ނަމެވެ. މިއީ ޒުވާން ހުނަރުވެރިންތަކެއްގެ މައްޗަށް އެކުލެވޭ ބޭންޑެއް ކަމަށްވާ "ޓާޓްލް ތިއަރީ" ގެ އާދަޔާހިލާފު އުފެއްދުމެކެވެ.

"ލަވަ ފެށުމާ އެކު ދެން ލަވައިން ވާނީ ކިހިނެތްތޯ ނުވަތަ އޭގައި ކިޔަނީ ކީކޭ ތޯ ބަލަން ބޭނުންވެއްޖެ. އޭގެ ތެރެއަށް ދަމައިގެންދާ މިއީ. ލަވަ އަށް ދީފައި މި އޮތް ނަމަކީ ވެސް މި ލަވައިން ވާ ގޮތް ބަލައިލަން އޭތި ޕްލޭނުކޮށް ދޫކޮށްލެވޭ ވަރުގެ ނަމެއް ނޫން،" ހިނިގަނޑެއް ޖަހާލާފައި ޝަހީދު ބުނީ މިހެންނެވެ.

"އެއީ ކަކުލަށް ކަކޫ ކީ މީހަކު ބަލަން ޖެހޭނެތާ ކޮންމެ ގޮތެއް ހަދާފައި ވެސް. ކަކުލަށް ކަކޫ ނޫން އެހެން ނަމެއް ނުކީ ސަބަބެއް ހޯދަން ޖެހޭނެތާ. އެހެންވީމަ މިއީ ހަމަކޮންމެހެން ވެސް އަޑު އަހަން ޖެހޭ ލަވައެއް"

"މި ލަވައެއް އަޑުއަހާލާއިރު އެންމެ ފުރަތަމަ ވެސް ބަނޑުންކުރުވަނީ އުފާވެރިކަމެއް. އެއީ އޭގެ އާދަޔާހިލާފު ލިރިކްސްގެ ބާރުގަދަކަން. އަނެއްކޮޅުން ލިރިކްސް ހަމަ ބާރު މިނުގައި އެ ކިކުގައި މި ގެނެސް ދެނީ އޭގެ ވޯކަލިސްޓާއި މިއުޒިކް. ވަރަށް ސަޅި."

"މިއީ މިފަހަރުގެ ހޮވުންތަކަށް ބަލާއިރު އެންމެ މަޖާ އަދި އެންމެ ގަދަ އަށް އުފާވެލަން ލިބުނު ލަވަ. ލަވައިގެ ސޯލޯ ޕީސްތައް ވެސް ވަރަށް ރަނގަޅު. ވާސްތަކުގެ ތެރެއިން އެ އަންނަ ކުދިކުދި ސޯލޯ ލިކްތައް ވެސް ވަރަށް ހިތްގައިމު."

"ރިކޯޑިން ވެސް ވަރަށް ފެންވަރު ރަނގަޅު ލަވައެއްކަން ފާހަގަކޮށްލެވޭ. މިއީ ޅަ އެކަމަކު ވަރަށް ހުނަރުވެރި ކުދިންކޮޅެއްގެ މަސައްކަތެކޭ ބުނެވޭނީ. އެކަމަކު މީގައި ދެރަ ތަންކޮޅަކީ ލަވަ ނިންމާލިއިރު ވެސް ނުވަތަ ލަވަ ނުމުނުއިރު ވެސް ކަކުލަށް ކަކޫ ކީ މީހަކު ނޭނގުނީމަ،" ޝަހީދު އަނެއްކާވެސް ހިނިގަނޑެއް ޖަހާލި އެވެ.

ދެން މި ހަފުތާގެ އެންމެ ފަހު ހޮވުމެވެ. "ވައި ސޯންގް" އެވެ. އެއްގޮތަށް ވެސް ފޫހި ލަވައެއް ނޫނެވެ. އެއީ ލަވައިގެ ނަމެވެ.

މިއީ އިހަކަށް ދުވަހު ނެރުނު ވީޑިއޯ ލަވައަކާ އެކު ނަގޫރޯޅިއެއްހެން ފޭސްބުކްގައި އެނބުރެމުން ދިޔަ ޑީ ޓިއުން ބޭންޑްގެ ލަވައެކެވެ. ފަހަރެއްގައި މިފަހަރުގެ ހޮވުންތަކަށް ބަލާއިރު ހުރިހާ ގޮތަކުން އެންމެ ފުރިހަމަ ލަވައަކީ މިއީ އެވެ.

ޝަހީދު ބުނަނީ މިހެންނެވެ.

"މިއީ ވަރަށް ސިމްޕަލް ލަވައެއް މިއުޒިކަށް ބަލާއިރު. މާ ގިނަ އިންސްޓްރުމެންޓްތަކެއް ބޭނުންކޮށްފައިވާ ލަވައެއް ނޫން. އެކޯސްޓިކް ގިޓައެއް އެކަނި. ކުރު ވެސް ލަވައެއް މިއީ ވަރަށް،" ޝަހީދު ބުންޏެވެ.

އޭނާ ބުނީ މާ ބޮޑު މިއުޒިކްގެ ކާނިވަލެއް އޭގައި ނެތަސް އޭގެ ވޯކަލްސް އާއި އޭގައި ކިޔައިދޭ ވާހަކައިން ލަވައިގެ އެހެން އެލެމެންޓްތައް މަތިން އަޑުއަހާމީހާ އެއްކޮށް ހަނދާން ނައްތާލާނެ ކަމަށެވެ.

"މިއީ އޭގައި ވަރަށް އިންޓްރެސްޓިން ސްޓޯރީއެއް ހިމެނޭ ލަވައެއް. މި ލަވަ އަދި މި އަށް ވުރެ ސަޅިވާނެހެން ހީވޭ ތަންކޮޅެއް ދިގުކޮށްލި ނަމަ ސޯލޯއެއް ހިމަނައިގެން. އެކަމަކު ހީވަނީ ކަރަންޓް ދިޔައީމަ ދެން އިތުރަށް ލަވަ ދިގުކޮށްނުލެވުނީހެން،" ލަވަ ނިންމާލާފައިވާ އާޓިސްޓިކް ގޮތްގަނޑަށް ސަމާސާ ރާގެއް ކުޅެލަމުން ޝަހީދުގެ ވާހަކައިން ވެސް ޕްލަގް އުފުރާލި އެވެ.