ހަބަރު

އީދު ނަމާދަށް ކުދި މިސްކިތްތަކަށް އިމާމުން ހަމަނުޖައްސާ: މިނިސްޓްރީ

އިއްޔެގެ އީދު ނަމާދަށް އާސަހަރާ މިސްކިތައް އިސްލާމިކް މިނިސްޓްރީން އިމާމަކު ހަމަޖައްސާފައިނުވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

އީދު ނަމާދަށް އިއްޔެ ގޮވައި 7:40 ވީ އިރުވެސް އިމާމްވެ ނަމާދު ކުރާން މީހަކު ނުގޮސްގެން އެ މިސްކިތުގައި ހުތުބާ ކިޔާ އިމާމްވެ ނަމާދުކޮށްފައިވަނީ އެމިސްކިތަށް އީދު ނަމާދަށް ދިޔަ އާންމުންގެ މީހެކެވެ.

އެކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން އަވަސް އަށް ބުނީ ، އީދު ނަމާދު ކުރަން ހަމަޖައްސާފައިވަނީ ބޮޑެތި މިސްކިތް ތަކުގައި ކަމަށާއި، އެ މިނިސްޓްރީން އިމާމުން ހަމަޖެއްސީ އެ މިސްކިތްތަކަށް ކަމަށެވެ. އަދި އާސަހަރާ މިސްކިތް ހުންނަނީ ބޮޑު ޖަމާތް ހަދަން ކުރިން ނިންމާފައިވާ ހިސާބާއި ކައިރީގައި ކަމުން އެ މިސްކިތައް ވަކިން އިމާމަކު ހަމަޖައްސާފައި ނުވާ ކަމަށެވެ. އީދުގެ ބޮޑު ޖަމާތް ކުރިން ހަދަން އޮތީ މާފަންނު ސްޓޭޑިއަމް ހުންނަ ސަރަހައްދުގަ އެވެ. އެހެން ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން ފަހުން ބޮޑު ޖަމާތް ބަދަލުކޮށްފައިވަނީ އިސްލާމީ މަރުކަޒަށެވެ.

އާސަހަރާ މިސްކިތައް އިއްޔެ އީދު ނަމާދަށް ގިނަ ބަޔަކު ގޮސްފައިވާއިރު، އިމާމަކު ނޮގޮސްގެން 7:40 ވަންދެން އެ މިސްކިތުގެ މުދިމު ވަނީ ތަކުބީރު ކިޔާފަ އެވެ. އެމިސްކިތުގައި އިމާމްވެ އީދު ހުތުބާ ކިޔާ ނަމާދުކޮށްފައިވަނީ އިބްރާހިމް ނަމަކަށް ކިޔާ މީހެކެވެ.