ރާއްޖެ އަށް ބާނާ މަހަށް އާ މާކެޓުތައް ހޯދުމުގެ ގޮތުން، ކާބަންމޮނޮކްސައިޑާއި ފިލްޓަ ސްމޯޓް ބޭނުންކޮށްގެން މަހާއި މަހުގެ ބާވަތްތައް އުފައްދައި އެކްސްޕޯޓް ކުރުމުގެ ގޮތުން ލައިސަންސް ދިނުމުގެ ގަވާއިދެއް އެކުލަވާލައިފި އެވެ.
ފިޝަރިޒް މިނިސްޓްރީން ބުނީ މި ގަވާއިދުގެ މަގުސަދަކީ ކާބަންމޮނޮކްސައިޑާއި ފިލްޓަ ސްމޯޓް ބޭނުންކޮށްގެން މަހާއި މަހުގެ ބާވަތްތައް އުފައްދައި އެތަކެތި އެކްސްޕޯޓް ކުރާ ހުރިހާ ތަންތަނާއި އެ ތަކެތި އުފައްދާ މަރުހަލާއެއްގައި ބަލައި ފާސްކޮށް ލައިސަންސް ދިނުމާ ބެހޭ އުސޫލުތައް ކަނޑައެޅުން ކަމަށެވެ.
ކާބަންމޮނޮކްސައިޑާއި ފިލްޓަ ސްމޯޓް ފިޝްއަކީ ޔޫރަޕުގެ މާކެޓުތަކުގައި ބޭނުން ކުރާ މަހެކެވެ. މަހުގެ ކުލަ އަށް ބަދަލު ގެނެސް ރަތް ކުލައިގައި ހުންނަ ގޮތަށް ބަދަލުކޮށްފައިވާ މި މަހަކީ ޔޫރަޕުގެ ބޮޑެތި ސުޕަ މާކެޓުތަކުގައި ބޮޑު އަގު ލިބޭ މަހުގެ ބާވަތެކެވެ.
ރާއްޖެއަކީ ޔޫރަޕަށް މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރާ ގައުމެކެވެ. ނަމަވެސް މިހާރު އާންމު ގޮތެއްގައި އެކްސްޕޯޓް ކުރަނީ ބޮޑު ކަންނެއްޔާއި ދަޅު މަހެވެ.