ހަބަރު

މޫސުން ގޯސް، ކަނޑުދަތުރު ކުރާ ފަރާތްތައް ސަމާލުވޭ!

މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ދުވަސް ވަރަކަށް ވާތީ، ކަނޑުދަތުރު ކުރާ ފަރާތްތައް މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނި ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މޫސުން ގޯސްވުމުގެ ސަބަބުން ނުރައްކާތެރި ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުން އަންނަ ކަމަށެވެ. އެގޮތުން، ގިނަ އަދަދެއްގެ އުޅަނދު ފަހަރު ފަރަށް އެރުމާއި، އުޅަނދު ފަހަރު ދިޔަވެ އަޑިއަށް ދިއުމާއި އަދި ނަގިލި ކަހައިލައިގެން އުޅަނދު ފަހަރު ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރަށް ރިޕޯޓުތައް ލިބެމުންދާ ކަމަށެވެ.

އިތުރަށް ބުނީ، ކަނޑު ދަތުރުކުރާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށެވެ. އަދި، ދަތުރު ކުރާ ފަރާތްތަކުން އަންގަންޖެހޭ ފަރާތްތަކަށް ފުރުމުގެ ކުރިން ދަތުރާއިބެހޭ މައުލޫމާތު އެންގުމަށް ވެސް ވަނީ އެދިފަ އެވެ.

މީގެ އިތުރުން، އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމާއި ވަކިން ހާއްސަކޮށް ކުދި އުޅަނދުފަހަރުގައި ރޭގަނޑު ދަތުރު ކުރާ ފަރާތްތަކުން އިތުރަށް ސަމާލުކަންދިނުމަށް އެދިފައި ވެ އެވެ. އަދި، މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލްކުރުމަށް އިލްތިމާސްކޮށްފައި ވެ އެވެ.

ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށްވެސް އެމްއެންޑީއެފުން އެދިފައި ވެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފަ އެވެ. އަދި މެދުރާއްޖެތެރެއަށް ޔެލޯ އެލާޓްވެސް ނެރެފައި ވެ އެވެ.