ބޮލީވުޑް

ޕްރިޔަންކާ ހޫނު ފެނުގައި

އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި ނިއުކިއުލާ ހަނގުރާމައެއް އިއުލާނު ކުރަން ޕްރިޔަންކާ ޗޯޕްރާ ތާއީދު ކުރާ ކަމަށް ބުނެ ފާޑުކިޔުން އަމާޒު ވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ލޮސްއެންޖަލަސްގައި ބޭއްވި ކޮސްމެޓިކްސް ހަފްލާއެއްގައި، އޯޑިއަންސް އިން ސުވާލުކުރަން ހުޅުވާލުމުން، ޕާކިސްތާނުގެ ރައްޔިތެއް ކަަމަށްވާ އައިޝާ މަލިކް ވަނީ ބޮލީވުޑް އަދި ހޮލީވުޑްގައި ވެސް މަޝްހޫރު ބަތަލާ ޕްރިޔަންކާ އަށް ފާޑު ކިޔާފަ އެވެ. އޭނާ ބުނި ގޮތުގައި ޕްރިޔަންކާ އަކީ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ މީހަކަށް ވެފައި އިންޑިއާ އާއި ޕާކިސްތާނުގެ ހަމަލާތަކާ ގުޅިގެން 26 ވަނަ ދުވަހު ޕްރިޔަންކާ "ޖެއި ހިންދު" ޖަހާފައި ޓްވީޓު ކުރުމަކީ ހަނގުރާމަ ކުރުމަށް ދިން އިތުރު ހިތްވަރެއް ކަމަށެވެ.

ޕްރިޔަންކާ އަށް އެ ސުވާލު ކުރަމުން ދިޔަ ވަގުތު، އިވެންޓު ބަލަހައްޓަމުން ދިޔަ ސެކިއުރިޓީން އައިސް އެ އަންހެން މީހާ ސުވާލު ކުރަން ހުރި މައިކު ދަމައިގަން ވީޑިއޯވެސް ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފަ އެވެ.

އަދި ސުވާލަށްފަހު، ޕްރިޔަންކާގެ ޖަވާބު ދިން ގޮތަށްވެސް ގިނަ ބަޔަކު ފާޑު ކިޔެވެ. ޕްރިޔަންކާ ބުނި ގޮތުގައި އޭނާ އަކީ، ހަނގުރާމަތަކަށް ތާއީދު ކުރާ މީހެއް ނޫން ކަމުގައިވިޔަސް، ގައުމީ ލޯބި ހުންނަ ކަމަށެވެ. އަދި ޕާކިސްތާނުގައިވެސް އޭނާގެ އެތައް ހާސް ރައްޓެހިން ތިބޭ ކަން ފާހަގަ ކުރި އެވެ.

އެހެންނަމަވެސް، ޕްރިޔަންކާ ދިން ޖަވާބު ބަލައިނުގަނެ ސޯޝަލް މީޑިއާގައިވެސް އޭނާ އަށް ދަނީ ފާޑުކިޔަމުންނެވެ.

ޕްރިޔަންކާ އަކީ ޔުނިސެފްގެ ޕީސް އެމްބެސަޑަރަކަށް ވެ ހުރެ އެފަދަ ގޮތަކަށް ޓްވީޓު ކޮށް ޖަވާބު ދިނުމުން ކަމަށްވެސް ދުނިޔޭގެ މުސްލިމުން އަދި ހިޔާލު ފާޅު ކުރާ މީހުން ދަނީ ބުނަމުންނެވެ. އަދި ޕީސް އެމްބެސަޑަރުކަންވެސް އޭނާގެ އަތުން ނެގުމަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ގޮވަމުންނެވެ.

އަދި، ޕްރިޔަންކާ އަކީ ޕާކިސްތާނުގައިވެސް އެތައް ހާސް ބައެއް ބަލައިގަންނަ މީހަކަށް ވެފައި އެފަދަ ގޮތަކަށް ޓްވީޓު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާޅުގައި ބުންޏެވެ. އެ ޓްވީޓަކީ ޕާކިސްތާނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ދިން ހިތްވަރެއް ކަމަށް އައިޝާ ވަނީ ބުނެފަ އެވެ.

ސޯޝަލް މީޑިއާގައިވެސް ވަރަށް އެކްޓިވްކޮށް އުޅޭ ޕްރިޔަންކާ މި މައްސަލައިގައި އެއްވެސް އެއްޗެއް ފަހުން ނުބުނެ އެވެ.