ކުޅިވަރު

ފުޓްބޯލް ސީޒަންގެ ބޯލް ޕާޓްނާއަކަށް މޯލްޓެން

ރާއްޖޭގެ ފުޓްބޯލް ސީޒަންގެ އޮފިޝަލް ބޯލް ޕާޓްނާއަކަށް ޖަޕާންގެ މޯލްޓެން ކޯޕަރޭޝަން ހަމަޖައްސައިފި އެވެ.

ޖާޕާނުގައި މައި މަރުކަޒު ގާއިމު ކޮށްފައިވާ މޯލްޓެން ކޯޕަރޭޝަނަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި މަރުކަޒުތައް ގާއިމު ކޮށްފައިވާ ކުންފުންޏެވެ. އެ ކުންފުނި އުފެއްދީ 1958 ވަނަ އަހަރު އެވެ.

އެފްއޭއެމުން ބުނީ މި ސީޒަންގައި، ހުރިހާ މުބާރާތްތަކަށް ބޯޅަ ފޯރުކޮށްދޭނީ މޯލްޓެން އިން ކަމަށެވެ. އެއީ މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގްގެ އިތުރުން ފުރަތަމަ ޑިވިޝަންގެ އެހެން މުބާރާތްތަކާއި ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަންގެ އިތުރުން މިނިވަން ޗެމްޕިއަންޝިޕެވެ. އެ ހުރިހާ މުބާރާތްތަކުގައި ބޭނުން ކުރަނީ މޯލްޓެން ބޯޅަ އެވެ.

މިދިޔަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް، ޔޫއެފްއާގެ ދެ ވަނަ އަށް އެންމެ ބޮޑު ކުލަބު މުބާރާތް، ޔޫރޮޕާ ލީގްގައިވެސް ބޭނުން ކުރަމުން ދަނީ މޯލްޓެން ބޯޅަ އެވެ.

މި އަހަރު ބޭއްވި އޭޝިއަން ކަޕުގައިވެސް ބޭނުން ކޮށްފައި ވަނީ މޯލްޓެން ބޯޅަ އެވެ. އަދި މިދިޔަ އަހަރުގެ ފަހު ކޮޅު އޭއެފްސީން ވަނީ މި އަހަރު އޭއެފްސީ ހުރިހާ ކުލަބު މުބާރާތަކާއި ގައުމީ ޓީމުގެ މުބާރާތްތަކުގައި މޯލްޓެން ބޯޅަ ބޭނުން ކުރުމަށް އެ ކުންފުންޏާއެކު އެއްބަސްވެފަ އެވެ.

މޯލްޓެން ފުޓްބޯޅަ ތައްޔާރު ކޮށްފައި ވަނީ ޕޮލިމާ އާއި ކޯބޮމޭޓް އެއްކޮށްގެން އުފައްދާފައިވާ މާއްދާއެއް ކަމަށްވާ ޕޮލިޔޫތުރޭން ބޭނުންކޮށްގެންނެވެ. އެ ބޯޅައާ ބެހޭގޮތުން މޯލްޓެންގައި ބުނެފައި ވަނީ ގުދުރަތީ ވިނަ ދަނޑުތަކަށާއި އާޓިފިޝަލް ޓާފް ދަނޑުތަކުގެ އިތުރު ހަރު ބިންތަކުގައިވެސް އެ ބޯޅަ ބޭނުންކޮށްގެން ކުޅޭން ފަސޭހަ ވާނެ ކަމަށެވެ.

ދުނިޔޭގެ ބާސްކްޓްބޯޅައިގެ މައި އިދާރާ، ފީބާއިން ވެސް، އެ ފެޑޭރޭޝަންގެ މުބާރާތްތަކުގައި ބޭނުން ކުރާ ބޯޅަ އަކީ މޯލްޓެން ބާސްކެޓް ބޯޅަ އެވެ.

މި އަހަރުގެ ދިވެހި ޕްރިމިއާ ލީގް ފެށުނު ތަނުން، ލީގްގައި މިދިޔަ އަހަރު ބޭނުން ކުރި ބޯޅަތަށް ބޭނުން ކުރި ކަމަށް ބުނެ، ގުރީން ސްޓްރީޓްގެ ކޯޗް އަލީ ސުޒޭން ވަނީ، ސީޒަންގެ ކުރިން ހަ މަހުގެ ދިގު ބުރޭކެއް ލިބުނުއިރުވެސް އެންމެ އެކަށީގެންވާ ބޯޅަ ނެތުމުން ފާޑު ކިޔުން އަމާޒު ކޮށްފަ އެވެ. ސުޒޭން ބުނީ އެއީ ހަ މަސް ދުވަސް ލިބުމުންވެސް ސީޒަނަށް އެފްއޭއެމުން ތައްޔާރު ނުވާ ކަމުގެ ހެއްކެއް ކަަމަށެވެ.