ހޮންކޮންގް

އެއާ ޕޯޓުގައި މުޒާހަރާ ކުރުމަށްފަހު މާފަށް އެދެފި

ހޮންކޮންގެ ބައިވެރިން އެކެސްޓްރެޑިޝަން ބިލާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ ބައެއް އެއާ ޕޯޓުގައި ކުރިއަށް ގެންދެވުނުތީ އެކަމާއި މަފަށް އެދިއްޖެ އެވެ.

މުޒާހަރާގެ ބައިވެރިން އެއާޕޯޓުގައި މުޒާހަރާ ކުރަން ނިންމީ ރައްކާތެރި މާހައުލެއް ނެތް ކަމަށް ބުނެ އެވެ. ނަމަވެސް މުޒާހަރާ ރޫޅާލުމުގައި ބައިވެރިވި ފުލުހުން ވަނީ އެއާޕޯޓުތެރޭގައި ވެސް މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލާ ކަރުނަ ގޭސް ޖަހާފަ އެވެ.

ފުލުހުން މިއަދު މުޒާހަރާ ރޫޅާލީ ކޯޓު އަމުރެއްގެ ދަށުންނެވެ. މުޒާހަރާގެ ބައިވެރިން ވަނީ އެމީހުންގެ ކިބައިން އެގަައުމަށް އަންނަ ފަތުރުވެރިންނަށް ދިމާވި ދަތިތަކަށް މާފަށް އެދިފަ އެވެ.

މުޒާހަރާތަކުގެ ސަބަބުން އެގައުމަށް ދަތުރުކުރަން ހަމަޖެހިފައިވާ ފުލައިޓުތަށް ކެންސަލްވެ އަދި ބޮޑެތި މަގުތަކުގެ ދަތުރުތައް ވެސް ވަނީ ހުއްޓުފަ އެވެ.

މުޒާހަރާގެ ބައިވެރިން އެއާޕޯޓް ތެރޭގައި މިފަދަ ގޮތަކަށް މުޒާހަރާކުރަން ފެށީ، އެގައުމަށް އަންނަ އެހެން ގައުމުތަކުގެ މީހުނަށް އެކްސްޓްރެޑިޝަން ބިލާއި ރައްޔިތުން ދެކޮޅު ހަދަމުންދާތީ އެކަން ތަފާތު ގޮތަކަށް އަންގައިދިނުމުގެ ބޭނުމުގަ އެވެ. މުޒާހަރާގެ ބައިވެރިން ވަނީ އެއާޕޯޓް ތެރޭގައި އެކިއެކި ކާޓޫން ކެރެކްޓާސްތަކާއި ކުރެހުންތަށް ބޭނުންކޮށްގެން ހިމޭން މުޒާހަރާ އެއް ކޮށްފަ އެވެ. މި ކުރެހުންތަކުން ދައްކުވައިދެނީ ޗައިނާގެ ނުފޫޒުގެ ސަބަބުން ހޮންގްކޮންގްއަށް ލިބެމުންދާ ގެއްލުންތަކުގެ ވާހަކަ އެވެ.

މީގެ ކުރިންވެސް މުޒާހަރާގެ ބައިވެރިން އެއާޕޯޓަށް ދާން އުޅުމުން ފުލުހުން ވަނީ ހުއްޓުވާފަ އެވެ. ނަމަވެސް މިފަހަރު އެއާޕޯޓުގައި މުޒާހަރާކޮށްފައި މިވަނީ ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލުންތަކެއް ވެސް ހިނަގަމުންދާ ދުވަސްވަރެއްގަ އެވެ. ދެ މަސް ދުވަސް ވެފައިވާ މި މުޒާހަރާގައި މިހާތަނަށް ވަނީ މިލިއަނަކަށް ވުރެ ގިނަ މީހުން ބައިވެރިވެފަ އެވެ.

ހޮންގްކޮންގެ ރައްޔިތުން ދެކޮޅު ހަދަމުންދާ އެކްސްޓެރެޑިޝަން ބިލްގައިވާ ގޮތުން ޗައިނާ ސަރުކާރުން އެދިއްޖެ ހާލަތެއްގައި ހޮންގްކޮންގް ފަސްގަނޑުގައި ހުރި ކޮންމެ މީހަކު ހައްޔަރުކޮށް އަނބުރާ ޗައިނާއަށް ފޮނުވާލުމުގެ ބާރު ޗައިނާއަށް ލިބެ އެވެ.

މި ބިލްގައި އިނގިރޭސިވިލާތައި އެމެރިކާގެ އިތުރުން 20 ގައުމެއް ހިމެނޭއިރު އެކަމާ މުޒާހަރާގެ ބައިވެރިން ކަންބޮނޑުވުން ފާޅުކޮށް މުޒާހަރާއެއް ނުކުރެ އެވެ.

ކުރިން އިނގިރޭސިވިލާތުގެ އަޅުވެތިކަމުގައި އޮތް ހޮންގްކޮންގައި މިހާރު އަމިއްލަ ދައުލަތެއް އޮންނަ ނަމަވެސް އަސްކަރީ ކަންކަމުގައި ހަރަކާތްތެރިވަނީ ޗައިނާ އެވެ. ޗައިނާގެ ނުފޫޒުގެ ސަބަބުން އެ ގައުމަށް ބޭރުގެ އެހީތައް ނުލިބޭ ކަމަށްވެސް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ. މުޒާހަރާގެ ބައިވެރިން ވަނީ މީގެ ކުރިން ޗައިނާ ބޯޑަރު ކައިރީގައި ވެސް މުޒާހަރާކޮށްފަ އެވެ.