ވިޔަފާރި

އެމްއޭސީއެލް ކޮންމެ މުވައްޒަފަކަށް ބޯނަސްގެ ގޮތުގައި 7،879 ރުފިޔާ

Aug 15, 2019
9

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ކޮންމެ މުވައްޒަފަކަށް މިދިޔަ އަހަރުގެ އަހަރީ ބޯނަސްގެ ގޮތުގައި 7،879.79 ރުފިޔާ ލިބިއްޖެ އެވެ.

ރާއްޖޭގެ މައި އެއާޕޯޓް ހިންގާ ކުންފުނި، އެމްއޭސީއެލް އިން މުވައްޒަފުންނަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނީ މިދިޔަ އަހަރުގެ އަހަރީ ބޯނަސް ދިނުމަށް ހަމަޖެހިފައިވަނީ ހުރިހާ މުވައްޒަފުންނަށް ވެސް ހަމަހަމަ އުސޫލެއްގެ ދަށުން ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި 7،879.79ރ. ވަނީ ލިބިފަ އެވެ. މި ސާކިއުލާގައިވާ ގޮތުން އީދު ބަންދުގެ ކުރިން ފައިސާ ވަނީ މުވައްޒަފުންނަށް ޖަމާކޮށްދީފަ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި މިދިޔަ އަހަރު ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންގެ ތެރެއިން ހަ މަސް ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ވަޒީފާގައި އުޅުނު މުވައްޒަފުންނަށް ބޯނަސް ދީފައިވަނީ ވަޒީފާގައި އުޅުނު ދުވަހަށް ބަލާފަ އެވެ. ނަމަވެސް "ޑިސިޕްލިނަރީ ޕޮލިސީ"ގެ ދަށުން ވަޒީފާއިން ވަކިކޮށްފައިވާ މީހުންނަށް ބޯނަސް ނުލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެމްއޭސީއެލް އިން މި އަހަރު ހަމަހަމަ އުސޫލެއްގެ ދަށުން ބޯނަސް ދީފައިވާއިރު، ފިނޭންސް މިނިސްޓްރީން ދާދި ފަހުން ވަނީ ސަރުކާރުގެ ކުންފުނި ތަކުން ބޯނަސް ދިނުމުގެ އުސޫލެއް އާންމުކޮށްފަ އެވެ. މި އުސޫލުގެ ދަށުން ބޯނަސް ދެވޭނީ ސަރުކާރަށް ޑިވިޑެންޑް ދެއްކުމަށްފަހު އެވެ.

އެމްއޭސީއެލްއަކީ އެންމެ ގިނަ ދިވެހި މުވައްޒަފުން މަސައްކަތް ކުރާ އެއް ކުންފުންޏެވެ. އަދި ސަރުކާރު ކުންފުނިތަކުގެ ނިސްބަތުން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ކުންފުންޏަކީވެސް އެމްއޭސީއެލް އެވެ. އަދި އެ ކުންފުނިން ދަނީ މުވައްޒަފުންނަށް ގިނަ ކަންތައްތަކެއް ކޮށްދެމުންނެވެ.