އެކްސިޑެންޓް

ދުއްވާފައި ދިޔަ ސައިކަލަކަށް ފެން ޖެހުމުން އެކްސިޑެންޓެއް ހިނގައިފި

ރ. މަޑުއްވަރީގައި ސައިކަލުގައި ދުއްވާފައި ދަނިކޮށް ބަޔަކު ފެން ޖަހަން އުޅުމުން ސިއްސައިގެން ގޮސް އިއްޔެ އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން މިއަދު ބުނީ މަޑުއްވަރީގައި އިއްޔެ ސައިކަލެެއްގައި ދިޔަ 21 އަހަރުގެ އަންހެނަކާއި ސައިކަލު ފަހަތުގައި އިން ހަތް އަހަރުގެ ކުޑަކުއްޖެއްގެ ގަޔަށް ފެން ޖެހީ ދުއްވާފައި ދިޔަ ޕިކަޕެއްގައި ތިބި ބަޔަކު ކަމަށެވެ.

އެ މީހުން ފެން ޖެހުމުން އަންހެން މީހާ ސިއްސައިގެން ގޮސް، ދެ މީހުން ސައިކަލުން ވެއްޓި އަނިޔާވި އެވެ. ނަމަވެސް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އަޟްހާ އީދުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފެނާއި ކުލަ ޖެހުން އާންމުވެފައިވާއިރު، އެކަމުގެ ތެރޭގައި ބައެއްް މީހުން ހިތްހަމަ ނުޖެހޭ ކަންކަން ވެސް ހިނގާފަ އެވެ.

އެ ގޮތުން ތ. ވޭމަންޑޫގައި އީދު ފާހަގަ ކުރަން އުޅުމުގެ ތެރޭގައި އަންހެން ކުއްޖަކާއެކު ގަދަކަމުން ބަދު އަހުލާގީ އަމަލު ކުރި ކަމަށް ބުނާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.