ހަބަރު

އިންޑިއާ އެމްބަސީން އެ ގައުމުގެ މިނިވަން ދުވަސް ފާހަގަކޮށްފި

ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި އެ ގައުމުގެ މިނިވަން ދުވަސް މިއަދު ފާހަގަކޮށްފި އެވެ.

އިންޑިއާގެ 73 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި ހުންނަ އެ ގައުމުގެ އެމްބަސީގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ޝްރީ ސަންޖޭ ސުދީރު ވަނީ އިންޑިއާގެ ގައުމީ ދިދަ ނަންގަވައިފަ އެވެ.

އެ ރަސްމިއްޔާތުގައި އިންޑިއާ ސަފީރު ވާހަކަ ދައްކަވަމުން ސަފީރު ވަނީ އެ ގައުމުގެ ރައީސް ރާމް ނާތް ކޯވިންދް އެމްބަސީއަށް ފޮނުއްވި މެސެޖެއް ވިދާޅުވެއްދެއްވައިފަ އެވެ.

އިންޑިއާގެ ރައީސް ފޮނުއްވި މެސެޖުގައި އިންޑިއާއަށް މިނިވަން ލިބުނުފަހުން ވޭތުވެދިޔަ 72 އަހަރުގެ ތެރޭގައި އެ ގައުމަށް ލިބުނު ކުރިއެރުންތަކާއި، އެ ކުރިއެރުންތަކުގައި ރާއްޖެފަދަ އަވައްޓެރި ގާތް ގުޅުން އޮންނަ ގައުމުތަކަށް އިންޑިއާއަށް ކުރެވިފައިވާ މަސައްކަތްތައް ވަނީ ފާހަގަކުރައްވައިފަ އެވެ.

އޭގެ އިތުރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއާއެކު އޮންނަ ގުޅުން ބަދަހި ކުރުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތަށް އެ ގައުމުގެ ރައީސް ޝުކުރު އަދާ ކުރެއްވި އެވެ. އަދި އެމަނިކުފާނު ފޮނުއްވި މެސެޖުގައި ވަނީ މިދިޔަ އަހަރު ރައީސް ސޯލިހް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި މި އަހަރުގެ ޖޫން މަހު ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ބައެއް ކަންކަން ފާހަގަކުރައްވައިފަ އެވެ.

އިންޑިއާގެ ރައީސްގެ މެސެޖުގައި އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ އިންޑިއާއާއި އިޖުތިމާއީ އަދި ސަގާފީ ގޮތުން ގާތް ގުޅުމެއް އޮންނަ ގައުމެއް ކަމަށާއި ދެ ގައުމުން ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ކުރާ މަސައްކަތްތައް އޭނާ ފާހަގަކުރާ ކަމަށެވެ.