ލައިފްސްޓައިލް

އީދު ނިމިއްޖެ، މަސައްކަތަށް ނުކުންނަން ތައްޔާރުތަ؟

މި އަހަރު ފެށުނީއްސުރެ ދުރާލާ ތައްޔާރުވަމުން އައި އީދު މި ނިމުނީ އެވެ. އީދަށް ދާނެ ރަށަކާއި ލާނެ ހެދުމާއި ކުލަ ޕެކެޓާއި ފެން ބަޑި އާ ރައްޓެހިންގެ ބޮޑު ގްރޫޕެއް މާ ކުރިން ފަށައިގެން ހޯދި އެވެ. މެޓް އޮފީހުން ދިން ހިތާމަވެރި ހަބަރާއެކު، ފެން އީދަކަސް ހެޔޮ ކަމަށް ޕްލޭންތައް ފަނިނުކޮށް މި ސަކަރާތްގަނޑުގައި ހަފްތާއެއް ވަންދެން އުޅެފި އެވެ. ދެން އޮތީ އާދިއްތަ ދުވަހު އެމީހަކު އެމީހެއްގެ ބިޒީ ޝެޑިއުލްއަށް ދިއުމެވެ.

އެނބުރި މަސައްކަތަށް ދިއުމުގެ ކުރިން މި އަހަރުގެ އަލްހާ އީދު ދިޔަ ގޮތުގެ ހައިލައިޓްސް ބަލާލަން ހިނގާށެވެ؟

ބޮޑު ފެން އީދެއް!

އީދަކީ އާއްމުކޮށް ދިވެހިން ތެރޭގައި ފެން ޖަހާ މަޖާ ކުރާ ދުވަހަކަށް ވިޔަސް މިފަހަރު އީދު ވީ ހަމަ ފެން އީދަކަށެވެ. އީދަށް ފުރަން ފެށުމުގެ އެއް ދުވަސް ކުރިން ނެގި ބޯ ވިލާގަނޑުން އަލި ކަމެއް ލިބުނީ ހަފްތާގެ ފަހު ދުވަހު އެވެ. އެއްދުވަހަށް ވިޔަސް އަލި ކޮޅެއް ލިބި އެންމެންނަށް ރީތި ފޮޓޯ ތައް ނަގާނެ ފުރުސަތެއް ވެސް ލިބުނެވެ. ވާރެ އާ ތެމިގެން ވިޔަސް މުޅި އީދު ހަފްތާ ކުރިއަށް ދިޔައީ ވަރަށް ފޯރި ގަދަކޮށެވެ.

ސަގާފީ ނެށުމާއި ކުޅިވަރުތައް ގިނަ

މުސްލިމުން ފާހަގަ ކުރާ ދެ އީދުގެ ތެރެއިން އަލްހާ އީދު ނުވަތަ ދިވެހިންގެ ބޮޑު އީދަކީ ސަގާފީ ކުޅިވަރުތައް ފެންނަ މުނާސަބަތެކެވެ. ކޯޑި ކެނޑުމާއި، ދަނޑި ޖެހުމާއި ބޮޑުބެރު އަދި ވާ ދެމުމާއި ނާ ބޭލުން ފަދަ ކަންކަން ކުރިއަށްދެ އެވެ. އެކި ރަށްރަށުގައި މި ކުޅިވަރުތައް ކުޅޭ އިރު އެރަށަކަށް ހާއްސަ ކުޅިވަރުތަކެއް ވެސް އޮވެ އެވެ. މި ކުޅިވަރުތަކުގެ ތެރެއިން މި ފަހަރުގެ އީދުގައި ޒަމާނީ ކުޅިވަރުތަކެއް ވެސް ބައެއް ރަށްރަށުގައި ދައްކާލި އެވެ. ރަށު އުންސިލްތައް އިސްނަގައިގެން އަންހެނުންނާއި ފިރިހެނުންގެ ފުޓުބޯޅަ، ބެޑްމިންޓަން މުބާރާތާއި މޫދުކުޅިވަރުތައްވެސް ބާއްވާ ފޯރި ނެގި އެވެ.

ބޮޑުމަސް ވެސް ބޭނީ މޫދުން

ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް އެންމެ ކަމުދާ ބޮޑުމަސް ބޭނުން ނުވަތަ ދުއްވުން މިފަހަރު ދިޔައީ ތަފާތު ގޮތަކަށެވެ. ބައެއް ރަށްރަށުގައި މާލި ޕެރޭޑާއެކު ދުއްވާ ބޮޑު މަސް މިފަހަރު ބޭނީ މޫދުންނެވެ. މޫދުން ނެގި ބޮޑު މަހާއެކު މާލިތައްވެސް އުޅުނެވެ. ދެލި މާއްޔާއި ފުޅި މާއްޔާއި ގޯނި މާލި އެއީ މާލިތަކުގެ އެންމެ ކުރީގައި ތިބޭ އެއްޗިއްސެވެ. މާލި ޕެރޭޑުގެ ތެރެއިން ހދ. ކުޅުދުއްފުށިން ނެރުނު މަށިމާލި ޕެރޭޑު އެއީ ކޮންމެ އަހަރެއްގެވެސް ހިޓެކެވެ. މި އަހަރުގެ ޕެރޭޑުވެސް ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަތެވެ.

ފަންނާނުންގެ ހުއްޓުމެއް ނެތް މިއުޒިކް ޝޯތައް

ކޮންމެ އީދަކަސް ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަންނާނުން މިއީ ސްޓޭޖް ޝޯތައް ފަޅުފިލުވުމުގައި ހުއްޓުމެއް ނެތި އުޅޭ ބައެކެވެ. މި އަހަރުގެ ގަދަ ވިއްސާރައިގައިވެސް ފަންނާނުންގެ އެކި ގްރޫޕް ގްރޫޕް ދިޔައީ ފަހަރަކު ރަށަކުން ޝޯ ދެމުންނެވެ. ގްރޫޕްތަކާ ވަކިން ސޯލޯ ހުށަހެޅުން ދިޔަ ސުނީވެސް ހުއްޓުމެއް ނެތެވެ. އައްޒަ އާދި ޖާދުގެ ގްރޫޕް އަދި ރިޝްމީ ރަވީގެ ގްރޫޕްވެސް ރަށްރަށުގައި ދިން ޝޯތަކުގެ ފޮޓޯތައް ސޯޝަލްމީޑިއާގައި ވަނީ ހިއްސާކޮށްފަ އެވެ. ހަމަ ޔަގީނުންވެސް ވިއްސާރައަކަށް ވާރޭ އަކަށް ނުބަލަ ދަތުރު ކޮށް، ވަރުބަލި ކަމެއް ނެތި ފަސް ދުވަހު ޝޯ ދީ، ބަލަން ދިޔަ އެންމެންގެ ހިތް ފުރާލި އެވެ.

ރަށު ވާދަވެރިކަން ގަދަ!

ދިވެހިންގެ ތެރެއިން ގިނަ ބަޔަކު އީދުގައި ދިޔައީ އެކި ރަށްރަށަށެވެ. އެ ރަށެއްގެ އީދު ޕްލޭން ބެލުމަށްފަހު ރައްޓެހިންގެ ގްރޫޕް އެއްކޮށް އީދު ރާވާލަނީ އެވެ. ރަށްރަށުގައި ބާއްވާ އީދުގެ ކުޅިވަރުތައް މިހާރު ފޯރި ގަދަ ކޮށްލައިފި އެވެ. ކޮންމެ ރަށެއްވެސް އެ ރަށަކަށް އީދަށް އަންނަ މެހެމާނުންނަށް އެންމެ ފުރިހަމަ އަށް އެ ރަށެއްގެ ކުޅިވަރުތައް ދައްކާލަ އެވެ. ކޮންމެ ރަށެއްވެސް ހަމަ އެހާމެ ފުރިހަމަ އެވެ.

ދެން މަސައްކަތަށް ތައްޔާރު ވާންވީ

ކުލަ ޖެހުމާއި މަޖަލާއި ސަކަރާތުގައި ދިޔަ މި އީދުވެސް މި ނިމުނީ އެވެ. މަސައްކަތަށް ތައްޔާރު ވާއިރު، އެއްދުވަސް ކުރިން އައިސް ހަމަޖެހިލަން ވާނެ އެވެ. ދަތުރުގެ ވަރުބަލިކަމާއެކު މަސައްކަތަށް ދިއުމުން ފަހުން އޭގެ އަސަރު ކުރާނެ އެވެ. ފްރެޝް މައިންޑަކާއެކު ދިއުން މުހިއްމެވެ. އަދި، މި ހުރިހާ ކަމަކާއެކު އީދު މަޖަލުގެ ވާހަކަތައް ހުސްވަންދެން ދައްކަންވެސް ތައްޔާރުވާން ވީ އެވެ.