ހަބަރު

ހީނާމާގޭ މެކޭނިކަލް ސިސްޓަމް ނަގައި ޕާކިން ޒޯން ހަދަނީ

ހ. ހީނާމާގޭގައި ހުރި ސައިކަލު ޕާކު ކުރެވޭ މެކޭނިކަލް ޕާކިން ސިސްޓަމް ނަގައި، އެ ސަރަހައްދުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

ކުރީ ސަރުކާރުން 60 މިލިއަން ރުފިޔާ ހަރަދުކޮށްގެން މާލޭގެ އެކި ސަރަހައްދުތަކުގައި ހެދި މެކޭނިކަލް ޕާކިން ސިސްޓަމްތައް ބަހައްޓަން ނިންމި އެވެ. އަދި ބައެއް ސަރަހައްދުތަކުގައި އެތަކެތި ގާއިމް ކުރި ނަމަވެސް އެއިން އެއްވެސް ސިސްޓަމެއް ބޭނުންކޮށްފައެއް ނުވެ އެވެ. އަދި އެތަކެތި އެގޮތަށް ހުރެ، ނުބެލެހެއްޓި ވަނީ ބާދަގަނޑަށް ވެފަ އެވެ.

ހީނާމާގޭގައި ވެސް ބެހެއްޓީ 300 ސައިކަލު ޕާކު ކުރެވޭ މެކޭނިކަލް ޕާކިން ސިސްޓަމެކެވެ. ނަމަވެސް މާލެ ސިޓީ ކައުންސިލުން ވަނީ އެ ސިސްޓަމް ނަގައިފަ އެވެ. އަދި މާލޭގައި މިހާރު ހަދާ ޕާކިން ޒޯންތަކުގެ ޑިޒައިނަށް ގިނަ ސައިކަލު ޕާކު ކުރެވޭ ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ކުރިޔަށް އެބަދެ އެވެ. އެނގިފައިވާ ގޮތުގައި މި މަހުގެ ނިޔަލަށް އެ ތަނުގެ މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ ހަފްތާއެއް ކުރިން ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެފައި ވަނީ މި އަހަރުގެ ނިޔަލަށް މާލޭގައި 1000 އާއި 400 ދެމެދުގެ އަދަދަކަށް ސައިކަލު ޕާކު ކުރާނެ ޖާގަ ހަދައިދިނުމަށް ނިންމާފައިވާ ކަމަށާއި އަދި 100 ކާރު ޕާކު ކުރެވޭނެ ޖާގަ ވެސް ހެދުމަށް ނިންމާފައިވާ ކަމަށެވެ.