ހަބަރު

މާލޭގެ ބައެއް ޕާކިން ޒޯންތައް ކުއްޔަށް ދެނީ

މާލ،ޭ ސިޓީގެ މާލޭގެ ބައެއް ޕާކިން ޒޯނުތައް ކުއްޔަށް ދޭން ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލުން ކުއްޔަށް ދޭން ނިންމާފައި ވަނީ އަމީނީ މަގުގެ ދެކުނުން އިއްޒުއްދީން މަގާއި، ދޮން އަދަރާދަ ހިނގުމާއި ދެމެދުގައިވާ މަގުތަކާއި ގޯޅިތަކުގައިވާ ހުސް ޖާގަތަކުންނެވެ.

އަމީނީ މަގުގެ ދެކުނުގައިވާ މަގުތަކާއި ގޯޅިތަކުގެ ޕާކިން ޒޯންތަކުން ސްލޮޓްތައް ކުއްޔަށް ދޭން ނިންމާފައި ވަނީ ހަތަރު ފުރޮޅުލީ އުޅަނދުތަކަށެވެ. އެއިން ކޮންމެ ޕާކިން ސްލޮޓަކަށް މަހަކު 1500ރ. ކައުންސިލަށް ނަގާނެ އެވެ. ޖުމްލަ 292 ސްލޮޓެއް ޕާކް ކުރަން އެ ސަރަހައްދުތަކުން ދޭއިރު، ސްލޮޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލަނީ މާދަމާ އިން ފެށިގެންނެވެ.

މި ޕާކިން ޒޯނުތަކުން ޖާގަ ދޭނީ ކާރަށާއި، 350 ކިލޯއަށްވުރެ މަތި ނޫން ޕިކަޕުތަކަށެވެ. ޕާކިން ޒޯނުތަކަށް އެދޭނީ ސިޓީ ކައުންސިލުން ހުޅުވާލައިފައިވާ ޕޯޓަލް މެދުވެރިކޮށެވެ. މިހާރު ދޫކުރަން ނިންމާފައިވާ ޖަގަތަކާއި، ހުސްވަމުންދާ ޖާގަތަކުގެ އަޕްޑޭޓް އެ ޕޯޓަލުން ފެނެ އެވެ.