ރެއާލް މެޑްރިޑް ލަލީގާގައި ކުޅޭ ފުރަތަމަ މެޗުގައި، އަނިޔާގެ ސަބަބުން ޓީމުގެ ތަރި އެޑެން ހަޒާޑް ނުކުޅެވޭނެކަން ކަށަވަރު ވެއްޖެ އެވެ.
ރެއާލް މެޑްރިޑްގެ ވެބްޒައިޓްގައި ބުނެފައި ވަނީ، ހަޒާޑްގެ ވާތު ފައިގެ ފަލަމަސްގަނޑުގެ ބަޔަކަށް އަނިޔާވެފައިވާ ކަމަށާއި އަނިޔާއާ ބެހޭ އިތުރު ތަފްސީލު ދޭނީ، އިތުރު ޓެސްޓްތައް ހެދުމަށް ފަހުގައި ކަމަށެވެ. ބެލެވޭ ގޮތުގައި ހަޒާޑްގެ އިންޖަރީ ހަފުތާތަކަކަށް ދެމިގެން ހިނގައިދާނެ އެވެ.
ލީގްގައި މިރޭ ސެލްޓަ ޑެ ވިގޯ އާ ދެކޮޅަށް ކުޅޭ މެޗުގައި ހަޒާޑް ނުކުޅެވުމުން، ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން މެޗަށް އެކުލަވާލި ސްކޮޑުން ވޭލްސްގެ ފޯވަޑް ގެރެތު ބޭލްއަށް ވަނީ ފުރުސަތު ދީފަ އެވެ. ކެނަޑާގައި ކުރިއަށް ގެންދިޔަ ޕްރީ ސީޒަންގެ ތެރޭގައި ޒިދާން ބުނީ، އޭނާ އަށް ރަނގަޅީ ބޭލް ޓީމު ދޫކޮށް ދިއުން ކަމަށެވެ. ޗައިނާ ލީގަށް ބޭލް ބަދަލުވުމާ ވަރަށް ގާތަށް ދިޔަ އެވެ. އެ ޓްރާންސްފާ ރެއާލްއިން ހުއްޓުވީ އެންމެ ފަހު ވަގުތުގަ އެވެ.
ބޭލް އާމެދު ޒިދާންގެ ވާހަކަތައްވެސް މިހާރު ވަނީ ބަދަލު ވެފަ އެވެ. މިހާރު އޭނާ ބުނަނީ، ޓީމުގައި ބޭލް ދެމިހުންނަނަމަ އޭނާ އަކީ މުހިންމު ކުޅުންތެރިޔަކަށް ވާނެ ކަމަށެވެ.
"މި ޓީމުގައި ތިބި ހުރިހާ ކުޅުންތެރިންނަށްވެސް އަހަރެން ބަރޯސާ ވާނަން، އޭނާ އަށް އޭނާގެ މަގާމު ލިބޭނެ،" ބޭލްއާ ބެހޭގޮތުން މެޗުގެ ކުރިން ޒިދާން ބުންޏެވެ. "އަހަރެން އުންމީދު ކުރަން ހުރިހާ ކުޅުންތެރިންވެސް ޓީމު ވަރުގަދަ ކުރުމަށް އެ ކުޅުންތެރިޔަކަށް ދެވިފައިވާ ޓާސްކު ފުރިހަމަ ކުރާނެ ކަމަށް."
ދެ އަހަރުގެ ލޯން އެއްބަސްވުމެއް ދަށުން ބަޔާން މިޔުނިކަށް ކުޅުނު ހަމޭސް ރޮޑްރިގޭޒް ވަނީ އަލުން ރެއާލްގެ ޓީމަށް އެނބުރި އައިސްފަ އެވެ. މިރޭ ކުޅޭ މެޗަށް ނެގި ސްކޮޑުން އޭނާއަށްވެސް ފުރުސަތު ދީފައިވެ އެވެ. ޒިދާން ބުނީ ހަމޭސް ޓީމުގައި ހުރުމުން ހިތްހަމަ ޖެހޭ ކަމަށެވެ.
ސެލްޓަވިގޯ އާއި ރެއާލް މެޑްރިޑް ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 8:00 ގަ އެވެ.