މީހުން

ޑރ. ނާއިލާގެ ދިރިއުޅުން ކުރެހުމުގެ ތެރެއަށް!

ޑރ. ނާއިލާ އިބްރާހިމް ދީދީއޭ ބުނުމުން ނޭނގޭ މީހަކު ނުހުންނާނެ އެވެ. އެއީ ރާއްޖޭގެ ފުރަތަމަ އޮބްސްޓެޓްރިޝަން އަދި ގައިނެކޮލޮޖިސްޓްއެވެ. ދާއިރާއިން ރާއްޖެއަށް ގިނަ ގުނަ ހިދުމަތްކޮށްދެއްވި ހުނަރުވެރި ބޭފުޅެކެވެ. ޑރ. ނާއިލާއަކީ ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ)ގެ އެއް ފައުންޑާ މެންބަރުވެސް މެއެވެ. އެ ތަނުގެ ހިދުމަތުގައި ވެސް އެތައް ދުވަހަކު ހުންނެވި އެވެ. ބެއްލެވުމުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށަކަށް ޝީގެ ޓީމްތައް އެއް ފަހަރަށްވުރެ ގިނަ ފަހަރު ފޮނުއްވި އެވެ.

ޝީގެ މަސައްކަތް ފިޔަވައި މެޑިކަލްގެ ހިދުމަތުން ޑރ. ނާއިލާ އެއްކައިރިވެލީ މީގެ ދިހަ އަހަރު ކުރިންނެވެ. މެޑިކަލް ދާއިރާއިން ޑރ. ނާއިލާ ރިޓަޔާކުރެއްވުމަށް ނިންމެވީ އާއިލާއަށް ވަގުތު ދެއްވާށެވެ. ހިތަށް ލިބުނު އެންމެ ބޮޑު ފިނިކަން، ފުރަތަމަ މާމަ ދަރިކަނބަލަކު ލިބިވަޑައިގެން ގޭގައި މަޑުކޮށްލަން ޑރ. ނާއިލާ ނިންމެވީއެވެ. މާމަ ދަރިކަނބަލަށް ވަގުތުތައް ހުސްކޮށްލުމަށްފަހު ހޮބީއެއްގެ ގޮތުގައި ކުރެހުމުގެ ތެރެއަށް ޑރ. ނާއިލާ ފުންކޮށް ވެއްނެވީ އެވެ.

އެކަމަކު، އެއީ ޑރ. ނާއިލާ އިހަށް ދުވަހު ފެއްޓެވި ކަމެއް ނޫނެވެ. ކުރެހުމަށް ޝައުގުވެރިވެ ކުރަހަން ފެއްޓެވީ މީގެ އަހަރުތަކެއް ކުރިން، 1995 ވަނަ އަހަރު އެވެ. ކުރިން އެކަމަށް އެހާ ގިނަ ވަގުތު ނުދެއްވެނީ އެވެ. ގައުމީ ހިދުމަތުގައި އުޅުއްވީ އެއަށްވުރެ މާ ބުރަކޮށެވެ. ހިތަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް އޭރު ލިބުނީ ވެސް އަންހެނުން ކުރިއެރުވުމާއި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުންނެވެ.

"އޭރު ކުރެހުމަށް ވަގުތެއް ނުދެވުނު، ރާއްޖޭގައި ޑޮކްޓަރުން ވެސް އޭރު ވަރަށް މަދު، ހާއްސަކޮށް އަޅުގަނޑުގެ ދާއިރާގައި ވަރަށް ޑޮކްޓަރުން މަދު، އެހެންކަމުން ގިނައިރު ހޮސްޕިޓަލްގައި ހޭދަ ކުރަންޖެހޭ،" ޑރ. ނާއިލާ ބުންޏެވެ.

މިހާރު ދިރިއުޅުން ކުރެހުމުގެ ތެރޭގައި ބައްޓަން ކުރައްވާފައިވާއިރު ޑރ. ނާއިލާގެ އާޓްވޯކްގެ އިންސްޕިރޭޝަންއަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމެވެ. އެކްރިލިކް ޕެއިންޓް ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުއަޑީގެ އަދާޔާ ހިލާފު ޗާލުކަން އެކްރިލިކް ޝީޓް އަދި ބިއްލޫރީގެ ޕެއިންޓްކުރައްވައެވެ.

"އެކްރިލިކް ޝީޓް ނުވަތަ ބިއްލޫރި ފަހަތުގައި އެކްރިލިކް ޕެއިންޓް ބޭނުންކޮށްގެން ކުރެހުމުން ކަނޑުއަޑީގެ ފުންމިން ތިލަމިން ރަނގަޅަށް ގެނެވޭ އަދި ފެނުގެ އަޑީގެ މަންޒަރެއްކަން ސިފަވާ ގޮތް ހުރޭ،" ޑރ. ނާއިލާ ކިޔައިދިނެވެ.

މީގެ ކުރިން 1996 އަދި 1998 ވަނަ އަހަރުގައި ޑރ. ނާއިލާ ވަނީ އާޓްގެ ހުނަރު ކުރުނބާ މޯލްޑިވްސްގައި ބޭއްވި އާޓް އެގްޒިބިޝަނެއްގައި ދައްކާލާފަ އެވެ. އޭގެ އެތައް އަހަރެއް ފަހުން މިހާރު ޑރ. ނާއިލާ އަނެއްކާވެސް މިވަނީ ކުރެހުންތައް އާންމުކޮށް ދައްކާލަން ތައްޔާރުވެފަ އެވެ.

މާދަމާއިން ފެށިގެން މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް ނޭޝަނަލް އާޓް ގެލަރީގައި "އަންޑަވޯޓާ ވޯލްޑް އޮފް މޯލްޑިވްސް އެންޑް ކްރާފްޓްވޯކްސް ބައި ޑރ.ނާއިލާ" ނަމުގައި އެކަމަނާގެ މަސައްކަތް ދައްކާލުމަށް އެގްޒިބިޝަނެއް އޮންނާނެ އެވެ.

"އާޓް ގެލެރީގައި ދައްކާލަނީ އަޅުގަނޑުގެ ކުރަހާފައިވާ ކަނޑުއަޑީގެ މަންޒަރުތަށް، މިގޮތުން މުރަކަ އާއި އެކި އެކި މަސްމަސް ހިމެނޭ ކަނޑުއަޑީގެ މަންޒަރުތަށް އެކްރިލިކް ޝީޓްގައި ޕެއިންޓްކޮށްފައިވާނެ، ގާތްގަނޑަކަށް 35 ވަރަކަށް ޕެއިންޓިން އެގްޒިބިޝަންގައި ދައްކާލާނީ، މިއީ އެކި ދުވަސްމަތިން ނިންމާފައިވާ މަސަައްކަތްތަކެއް، ކަނޑުއަޑީގެ މި ކުރެހުންތަކަކީ ޕެއިންޓްކުރަން ވަރަށް ގިނަ ވަގުތު ނަގައިގެން އަޅުގަނޑު ކޮށްފަ ހުރި މަސައްކަތެއް، ކަނޑުއަޑީގެ މަންޒަރު ކުރަހާއިރު ހާއްސަކޮށް އެކި ވައްތަރުގެ ކޮރަލްސް ކުރަހާއިރު ކޮންމެ ކޮރަލް ޕޮލިޕެއް ފުރިހަަމަކުރުމަށް ހިމަހިމަ ބުރުހަކުން ކުލަ ޖައްސަންޖެހޭ، މިގޮތުން ވަރަށް ވަރަށް ގިނަ ވަގުތު ނަގާ ކަމެއް،" ޑރ. ނާއިލާ ބުންޏެވެ.

ޑރ.ނާއިލާގެ އެގްޒިބިޝަން 21-24 އޯގަސްޓްގައި ނެޝެނަލް އާޓް ގެލެރީގައި

ޕެއިންޓިންގެ އިތުރުން ދެން އެގްޒިބިޝަންގައި ދައްކާލަނީ ޑރ. ނާއިލާ ހައްދާވާފައިވާ ކްރާފްޓް މަސައްކަތްތަކެވެ. މީގެ ތެރޭގައި ޑެކިއުޕާޖްގެ މަސައްކަތް ހިމެނެއެވެ.

ކުރެހުމާއި އެއްވަރަށް ދެން ޑރ. ނާއިލާ ގޭގައި ހޭދަކުރައްވާ ވަގުތުގައި ޝައުގުވެރިކަމާއި އެކު ކުރައްވާ މަސައްކަތަކީ އެކަމަނާގެ ބަގީޗާ ބެެލެހެއްޓުމާއި އާއިލާއެކު ވަގުތު ހޭދަ ކުރުމެވެ. ރިޓަޔާ ކުރުމަށްފަހުވެސް ކުރާނެ ކަމެއް ނޭގި އުޅުމުގެ ބަދަލުގައި އެމީހަކު ކުރާހިތްވާ ކަމެއް ކުރުމަށް ފަސްނުޖެހުމަކީ ޑރ. ނާއިލާގެ މެސެޖެވެ. ކުރާހިތްވާ ކަމަކުން އެހެން ބަޔަކަށް ހިދުމަތެއް ދެވެންޏާ އަދި މާ ރަނގަޅު ކަމުގައި ވިދާޅުވި އެވެ.

"ކޮލިޓީ ލައިފެއް ވޭތުކުރެވެނީ ޒުވާން އުމުރެކޭ އެއްފަދައިން ރިޓަޔާމަންޓްގައި ވެސް އެމީހަކު ކުރާހިތްވާ ކަމެއްގައި އުޅުގެން، އެހެންވެ ކަންކަމާއި ފަސްނުޖެހި ކުރިއަށްދާންވީ އަބަދުވެސް،" ޑރ. ނާއިލާގެ މެސެޖަކީ މިއީ އެވެ.