ރިޕޯޓް

އުރީދޫ އަޔަސް ދިވެހިންގެ އިންޓަނެޓް ކެކުޅުންތަކަށް ލުޔެއް ލިއްބައެއް ނުދެވޭނެ!؟

Jul 31, 2015
1

ރާއްޖޭގައި އަސާސީ ހިދުމަތެއް ދޭ ކޮންމެ ފަހަރަކު، އެއީ މުވާސަލާތީ ހިދުމަތް ކަމަށް ވިޔަސް، އެ ދާއިރާއެއްގައި އެއް ކުންފުންޏެއް އޮއްވާ އޭގެ މޮނޮޕޮލީ ކަނޑުވާލައި، ދެވަނަ ނުވަތަ އިތުރު ކުންފުނިތަކަކުން އެ ފަދަ ހިދުމަތެއް ދިނުމަށް ހުޅުވާލަމުން، އެ އިރެއްގައި އޮންނަ ސަރުކާރުން އަބަދުވެސް ބުނަނީ، އެ ހިދުމަތަކަށް އެދެވޭ ބަދަލު އަންނާނެ ކަމަށެވެ. މި ފަހަރު އިންޓަނެޓްގެ ހިދުމަތް ދިނުމަށް ރާއްޖޭގެ މޮބައިލްގެ ހިދުމަތް ދޭ ކުވައިތުގެ ކުންފުނި އުރީދޫއަށް އިއްޔެ ހުއްދަ ދެމުން، ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ "ވާދަވެރި މާހައުލެއް ގާއިމްވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވެ، އަގު ހެޔޮވެގެންދާނެ" ކަމަށެވެ. ނަމަވެސް، މާޒީ މިހާތަނަށް ދެއްކި ހަގީގަތަކީ މަދު ދާއިރާތަކަކުން ނޫނީ ދިވެހި ރައްޔިތުން ހިތްހަމަޖެހޭ ގޮތަކަށް މި ފަދަ ހިދުމަތްތައް ނުލިބޭ ކަމެވެ.

މިއީ އުރީދޫ ނުވަތަ އާރްއޯއެލް ނުވަތަ ދިރާގަށް ބުނާ ބަދުބަހެއް ނޫނެވެ. ނަމަވެސް މިއީ ރާއްޖޭގެ ޖޯގްރަފީއާ ގުޅިފައިވާ މައްސަލައެކެވެ. ރާއްޖޭގެ މާހައުލަކީ އެކަހެރި ޖަޒީރާ ރަށްތަކަކަށް ވުމާއި އާބާދީ ކުޑަވުމުގެ ސަބަބުން ޓެކްނޮލޮޖީގެ ގޮތުން ހަރަދު ބޮޑު އަދި ކުރިއަރާފައިވާ ހިދުމަތްތައް ފެންވަރު ރަނގަޅު އަދި އަގުހެޔޮކޮށް ފޯރުކޮށްދިނުމަކީ ނާދިރު ކަމެކެވެ. އެހެންކަމުން ސަރުކާރުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބޭ ގޮތަށް ބޮޑު "ގުރުބާނީ"އެއް ވެގެން ނޫނީ މިފަދަ ހިދުމަތެއް ރައްޔިތުންނަށް އެކަށީގެންވާ ފެންވަރެއްގައި އަދި އެކަށީގެންވާ ހެޔޮއަގެއްގައި ފޯރުކޮށްދިނުމަކީ ލާހިކު ކަމެއް ނޫނެވެ.

ރާއްޖޭގެ މުވާސަލާތީ ހިދުމަތުގެ ތާރީހަށް ބަލާއިރު ވެސް ކަންތައްތައް ވެފައި ހުރީ މިހެންކަން މިއީ އެންމެން ދަންނަ ގައުމުގެ "ބޮޑު ސިއްރެ"ވެ. އާރްއޯއެލް އައުމަކުން އިންޓަނެޓްގެ ހިދުމަތް ރަނގަޅެއް ވެސް ނުވެއެވެ. އަދި އަގުހެވެއް ވެސް ނުވެއެވެ. އާއްމު ފަރުދަކު ގޭގައި ގެންގުޅޭ އިންޓަނެޓް ޕެކެޖް އަޕްގްރޭޑް ކޮށްލާތާ ދުވަސްކޮޅެއް ފަހުން އޮންނަނީ "މައްސަލަތައް" ޖެހިފައެވެ. އިންޓަނެޓްގެ ހިދުމަތް ފެންވަރު ރަނގަޅުކޮށް ހޯދުމަށް މިއިން ކޮންމެ އާއިލާއަކަށް އަގުބޮޑުކޮށް ވިޔަފާރިތަކަށް ދޭ ހާއްސަ "ބިޒްނަސް" ޕެކެޖް ނެގުމަކީ ކުޅަދާނެ ކަމެއް ނޫނެވެ. އެއީ މި މައްސަލައިގެ ހައްލެއް ވެސް ނޫނެވެ.

އަދި ރާއްޖެ ކަހަލަ ކުޑަ މާކެޓެއްގައި ހަރަދު ބޮޑުކޮށް ހިންގާ މި ފަދަ ކުންފުނިތަކުން ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުންތަކާ ދެކޮޅަށް ސަރުކާރުގެ ރެގިއުލޭޓަރުންނަށް ވެސް ފިޔަވަޅު އަޅާކަށް ނުކުރޭނެއެވެ. އޭގެ ތެރެއިން ކުންފުންޏެއް ބަނގުރޫޓުވެ، އާއްމު ރައްޔިތުންނަށް އެކަމުން އަދި މާބޮޑު ގެއްލުމެއް ކުރިމަތިވެދާނެތީއެވެ. އެހެންކަމުން ޕޯސްޓްޕެއިޑް ޕެކެޖްތަކުން ގުޅޭ ހިލޭ ނަންބަރުތައް ކަނޑާލައި ނުވަތަ މަދުކޮށްލައި، އެ ޕެކޭޖްތަކުގެ އަގުތައް ބޮޑު ކުރަން "މޭޒު ދަށުން" އުރީދޫ އާއި ދިރާގުން "ޑީލް"އެއް ހަދާ އެއްބަސްވި ކަމީ ވެސް އެންމެން ދަންނަ ހަގީގަތެކެވެ. އެ ނޫން ގޮތެއް ނެތިގެންނެވެ. ސަބަބަކީ ވާދަވެރިންނޭ ކިޔާފައި އެއް ކުންފުންޏަކުން އަނެއް ކުންފުންޏެއް އިނދަޖައްސާލުމަކީ ސުލޫކީ ގޮތުން ވެސް ރަނގަޅު ކަމެއް ނޫނެވެ. އަދި އެ ފަދަ ގޮތަކަށް އަގު ތިރި ކުރުމަށް ސަރުކާރުން ވެސް ހުއްދައެއް ނުދޭނެއެވެ.

ފަހަރެއްގައި މި މިސާލުގެ ސަބަބުން ރާއްޖޭގައި ވިއްކާ އެހެން މުދަލާއި ދޭ ހިދުމަތުގެ އަގު، މިނިވަން އިގުތިސާދުތައް އޮންނަ ބޮޑެތި ގައުމުތަކުގައިވާ ގޮތަށް، ޑިމާންޑާއި ސަޕްލައި އާއެއްގޮތަށް ބަދަލު ނުވަނީ މިހެންވެކަން ރައްޔިތުންނަށް ފަހުމް ވެދާނެއެވެ. މަސައްކަތްތެރިންގެ މުސާރަ ބޮޑު ވިޔަސް ނޫނީ އިންފްލޭޝަން ނިސްބަތް ދަށަށް ދިޔަސް ނޫނީ ރޯދަ މަސް ވިޔަސް، ވިޔަފާރި އާއި ހިދުމަތުގެ އަގު ރާއްޖޭގައި ހެޔޮ ވެގެން ނުދަނީ މިހެންވެއެވެ. މިއީ ބައެއް ނޫސްތަކުގެ ވެބްސައިޓްތަކަށް ކިޔުންތެރިން ކޮށްފައި ހުންނަ ނަފުރަތާއި ނުހުރުމުގެ ކޮމެންޓްތަކުގައި ބުނާ ކަހަލަ ކަމެއް ނޫނެވެ. މާނައަކީ މިއީ "ދަހި" ދިވެހި ވިޔަފާރިވެރިންގެ "ދަހިވެތިކަމުން" ގަސްދުގައި "ސިއްރު ރޭވުމެއްގެ ދަށުން" އާއްމުން "ފެލައިލަން" އަގުތައް މަތީގައި ބަހައްޓަނީ ނޫން ކަމެވެ.

މިފަދަ ސާފު ހަގީގަތްތައް ސީދާކޮށް އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ނުފެންނަނީ އަހަރެމެން މުސްކުޅިވެ ބޯހަރުވެފައިވާތީއެވެ. ނަމަވެސް ދުނިޔެއަށް އަލަށް އަންނަ ކުޑަ ކުއްޖާ، ނުވަތަ ދުނިޔޭގެ ދަޅަތަކުގައި ޖެހުމަށް ވުރެ އަދި ހަގު ދިވެހި ޒުވާނުންނަށް މިފަދަ ކަންތައްތައް މާ ސަރީހަކޮށް ދޭހަވެ، މާ ރީއްޗަށް އެ ކުދިންނަށް ރޭކާލައެވެ. ރާއްޖޭގެ އިގުތިސާދަށް ހެޔޮ ބަދަލެއް އައުން ނާދިރީ "ގުދުރަތީ" ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކަން އެ ކުދިން ދަނެއެވެ. މިސާލަކަށް، ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރެއް ކަމަށްވާ އަހްމަދު އަޒްމީލް ކޮމިއުނިޓީ ނޫހެއް ކަމަށްވާ "އޭދަފުށި ވޮައިސް" ("އޭދަފުށީގެ އަޑު")ގައި ލިޔެފައިވާ ކުރު މަޒްމޫނެއްގެ ފުރަތަމަ ތިން ޕެެރެގްރާފް ކަމަށްވާ މި ކުޑަ އިބާރާތްކޮޅު ފުދެއެވެ:

"އިންޑިއާ ކަނޑުގައި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ އަޅުގަނޑުމެންގެ ދިވެހި ރާއްޖެއަކީ ދުނިޔޭގެ ހުރިހާ ހިސާބަކުންވެސް ވާދަޖަހަމުންދާ ތަރައްގީގެ ރޭހުގައި ދުވެލި ބާރުކުރަން ޖެހިފައިވާ ގައުމެކެވެ. ގައުމުގެ އުމްރާނީ ތަރައްގީ ކުރިއަރުވައި ،އިގްތިސާދު ހަރުދަނާކޮށް ނަގަހައްޓަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ގައުމެކެވެ. އެހެންނަމަވެސް ގައުމުގެ އިގްތިސާދީ ދުވެލި މިއަދު މަޑުޖެހިފައި މިވަނީ އިގްތިސާދަށް ދިމާވެފައިވާ ގިރާކުރަން އުދަނގޫ ގޮންޖެހުންތަކެއްގެ ސަބަބުންނެވެ. އެހެންކަމުން މިފަދަ ހުރަސްތައް ނައްތާލުމަށް މަސައްކަތްކުރުމަކީ މިއަދު ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެކެވެ.

"އިގްތިސާދީ ގޮތުން ކުރިއަރާފައިވަ ގައުމުތަކަށް ބަލާއިރު ގިނަ ގައުމުތަކަކީ ބިންބޮޑު ބިމުގެގޮތުން މުއްސަނދި ގައުމުތަކެކެވެ. އެހެންނަމަވެސް ރާއްޖެއަށް ބަލާއިރު ރާއްޖޭގެ ބޮޑު ބައެއްގައި އޮންނަނީ ކަނޑެވެ. ހިކިފަސް ބިމުގެ ނިސްބަތް ވަރަށް ކުޑައެވެ. އެހެންކަމުން އިގްތިސާދީ ގޮތުން ރާއްޖެ ކުރިއަރައިދިއުމަށް ކުރިމަތިވެފައިވާ އެންމެބޮޑު މައްސަލައަކީ އުފެދިފައިވާ ގޮތުން ދިމާވެފައިވާ ބިމުގެ މައްސަލައެވެ. ކުދިކުދި ރަށްތަކެއްގެ މައްޗަށް ބިނާވެފައި އޮތުމުގެ ސަބަބުން އިގްތިސާދީ ޚާއްސަ ސަރަހައްދުތަކާއި އިގްތިސާދީ ހަރަކާތްތައް ހިންގުމަށް އެކަށީގެންވާވަރުގެ ބިމެއް ލިބުމަށް މިވަނީ ދަތިވެފައެވެ.

"ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އާބާދީކުޑަ ގައުމެކެވެ. ހަތަރުލައްކަ މީހުން ހަމަނުވާ މި ކުޑަކުޑަ މުޖްތަމައު އިގްތިސާދީގޮތުން ކުރިއަރުވާނެ މޭސްތިރިން އުފެއްދުމަށް ދަތިވެފައި މިވަނީ ގައުމުގެ އާބާދީ ކުޑަވުމުގެ ސަބަބުންނެވެ. ހަމައެހެންމެ އާބާދީގައި 500މީހުން ހަމަނުވާ ރަށްރަށްވެސް މިރާއްޖޭގައި އެބަ ހުއްޓެވެ. މިފަދަ ރަށްރަށުގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުންކުރާ ހޭދައަކީ އެއިން އެންމެފުރިހަމަ ފައިދާ ހާސިލްކުރަން އުދަނގޫކަމެކެވެ. ސަބަބަކީ ކޮންމެ ރަށަކަށް މިފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރުމުގެ ސަބަބުން ދައުލަތުގެ ބައިތުލްމާލަށް ބާރުބޮޑުވެ ދަރަނިވެރިވާތީއެވެ. ގައުމެއްގެ ބަޖެޓް ދަރަނިވެރިވުމަކީ އިގްތިސާދީ ކުރިއެރުމަށް ދިމާވާނެ ވަރަށްބޮޑު ހުރަހެކެވެ."