މަސްތުވާތަކެތި

ދެ މިލިއަނެއްހާ ރުފިޔާގެ ޑްރަގްސް އަތުލައިގެންފި

ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު ދެ މިލިއަނެއްހާ ރުފިޔާގެ ޑްރަގްސް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ މަސްތުވާތަކެތި އަތުލައިގަތީ އިއްޔެ އިންޑިއާގެ ޓްރިވެންޑްރަމްއިން ރާއްޖެ ދަތުރުކުރި 25 އަހަރުގެ ދިވެހި ފިރިހެނެއްގެ ލަގެޖުން ކަމަށެވެ. އޭނާގެ ލަގެޖު ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުގެ ތެރެއިން ހެރޮއިން އާއި ކޮކެއިން ކަމަށް ބެލެވޭ ޕެކެޓުތަކެއް ފެނިފައިވާކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސް އިން ވަނީ އެ މީހާގެ ލަގެޖުން 0.33 ކިލޯގެ ކޮކެއިން އާއި 1.1 ކިލޯގެ ހެރޮއިން އަތުލައިގަނެފަ އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 1.43 ކިލޯއެވެ. އެއީ މަގުމަތީ އަގު ގާތްގަނޑަކަށް 1.93 މިލިއަން ރުފިޔާ އެވެ. މި މައްސަލައިގައި މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހާ ހައްޔަރުކޮށްފައިވާ ކަމަށާއި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާއި ހަވާލުކޮށްފަވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.