ހަބަރު

ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށައިފި

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން މައްކާއަށް ދިޔަ ރާއްޖޭގެ ހައްޖުވެރިން އެބުރި އަންނަން ފަށައިފި އެވެ.

މިއަދު ހަވީރު އެންމެ ފުރަތަމަ ރާއްޖެއައިސްފައިވަނީ ތަޒްކިޔާ ޖަމާތުގެ ހަވާލުގައި ހައްޖައް ދިޔަ 44 މީހެކެވެ. އެޖަމާތުގެ ހަވާލުގައި ހައްޖަށް ދިޔަ އިތުރު 75 މީހަކު މާދަމާވެސް ރާއްޖެ އަންނަން ވަނީ ހަމަޖެހިފަ އެވެ. މި އަހަރު އަމީރުލް ހައްޖުގެ ގޮތުގައި ރާއްޖެއިން ވަޑައިގެންނެވި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްވެސް ވަނީ މިއަދު ރާއްޖެ ވަޑައިގެންފަ އެވެ.

މި އަހަރު ރާއްޖެއިން 2000 މީހަކު ހައްޖަށްދިޔަ އިރު، އޭގެ އެންމެ ފަހު ގްރޫޕަކަށް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ 263 މީހުން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހު އެވެ.

ކޮންމެ އަހަރެއްގެ ވެސް ހައްޖު މޫސުން ނިންމާފަ ހައްޖުވެރިން އެނބުރި އަންނަ އިރު ގިނަ ބަލިތައް ފެތުރޭތީ އެ ބަލިތަކަށް ރައްކާތެރިވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ އެދިފަ އެވެ.

އެޗްޕީއޭ އިން ބުނީ ހައްޖުން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި ހުންއައުމާއި ކެއްސުމާއި ނޭވާލާން އުދަނގޫވާނަމަ ޑޮކްޓަރެއްގެ މަޝްވަރާ ހޯދަންވާނެ ކަމަށެވެ. އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސާ ކިނބިހި އަޅާއިރު އަނގަ މައްޗާއި ނޭފަތް ނިވާކުރަން ސަމާލުކަން ބަހައްޓަން ޖެހޭ ކަމަށާއި ރޯގާ ޖެހި ކެއްސާނަމަ މީހުން އުޅޭ ތަންތަނަށް ނުދިއުމާއި ބަލިބޮޑު ތަންތަނަށް ކުޑަކުދިން ނުގެންދިއުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.