ކުޅިވަރު

ލަމްޕާޑްގެ ފުރަތަމަ ހޯމް ގޭމުން އުފަލެއް ނުލިބުނު

ޗެލްސީގެ ކޯޗު ކަމާ ފްރޭންކް ލަމްޕާޑް ހަވާލުވެ، ކުލަބުގެ ހޯމް ދަނޑު ސްޓެމްފޯޑް ބުރިޖްގައި ކުޅުނު ފުރަތަމަ މެޗުގައި ޗެލްސީން މޮޅުވިޔަ ނުދީ ލެސްޓާ ސިޓީން ހިފަހައްޓައިފި އެވެ.

ޗެލްސީން މެޗުގެ ވަރަށް ކުރީ ކޮޅު ލީޑް ނެގި އެވެ. މެޗު ފެށިގެން ހަތް ވަނަ މިނެޓްގައި ލީޑް ނެގީ މޭސަން މައުންޓް އެވެ. އެ ލަނޑަކީ އޭނާ ޕްރިމިއާ ލީގްގައި ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ. އުމުރުން 20 އަހަރުގެ މައުންޓް ކިބައިން އުނިވި ތަންކޮޅަކީ އޭނާގެ މެޗުއަރީޓީ އެވެ. ލަނޑު ޖަހާނެ އެހެން ރަނުގެ ފުރުސަތެއް ވެސް އޭނާ އަށް ލިބުނު ނަމަވެސް ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.

ޗެލްސީގެ ލީޑް ލެސްޓާއިން ނިމުމަކަށް ގެނައީ، މެޗުގެ 67 ވަނަ މިނެޓްގައި ޖޭމްސް މެޑިސަން ނެގި ކޯނަރަކުން ވެލްފްރެޑް އެންޑީޑީ ބޮލުން ކާމިޔާބު ކުރި ލަނޑުންނެވެ.

ލަމްޕާޑްގެ ޓީމުން ކުރިއެރުންތައް ފެނުނުނަމަވެސް މިޑްފީލްޑްގައި އެ ޓީމަށް މައްސަލަތައް ކުރިމަތިވެގެން ދިޔަ އެވެ. ލެސްޓާގެ ވިންގުން ކުޅެމުން ދިޔަ މެޑިސަން ކުރިއަށް ތަނަވަސް ކޮށްދޭ ބޯޅަތައް ހުއްޓުވުމުގައި ޗެލްސީއަށް އުނދަގޫ ވި އެވެ.