ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދުގެ މަގާމު ގެއްލޭ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބަދަލު ކުރާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.
ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މޫސާ ސިރާޖު ހުށަހެޅުއްވި އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރި ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ޖޭއެސްސީގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ނަމުގައި އާ އިދާރާއެއް އުފައްދައި، މިހާރު ސުޕްރީމް ކޯޓުގެ ދަށުން ހިންގާ ޑީޖޭއޭ އުވޭނެ އެވެ.
އަދި އެ އިދާރާގެ އެންމެ އިސް ފަރާތުގެ ގޮތުގައި ޗީފް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކު އައްޔަން ކުރަން ޖެހޭނެ ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ. އެހެންކަމުން އެ އިސްލާހު ފާސްވާ ހިސާބުން ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކު އައްޔަން ކުރުމާއެކު، މިހާރު އެ މަގާމުގައި ހުންނެވި ނަޒީރުގެ މަގާމު ގެއްލޭނެ އެވެ.
ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކަށް މީހަކު އައްޔަން ކުރުމާއި އެ މަގާމުގައި ހުންނަ މީހަކު މަގާމުން ވަކިކުރުމުގެ ބާރު އެ ބިލުން ދީފައި ވަނީ ވެސް ޖޭއެސްސީއަށެވެ.
ކޮމިޓީ ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ، ޖުޑިޝަލް އެކަޑަމީގެ އިދާރީ މުވައްޒިފުންނާއި މަސައްކަތާއި ވަސީލަތްތަކާއި ޒިންމާތައް ޑީޖޭއޭއަށް ބަދަލު ވާނެ ކަމަށެވެ. އަދި އެ އެކަޑަމީގެ އެންމެ އިސް ފަރާތަކަށް ވާނީ ވެސް ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް ކޮމިޓީ ރިޕޯޓުގައިވެ އެވެ. އެހެންކަމުން ބިލުގައިވާ ގޮތުން، ޖުޑިޝަލް އެކަޑަމީގެ ޗާންސެލާ މާޖިދުގެ މަގާމު ވެސް ގެއްލޭނެ އެވެ.
އޭގެ އިތުރު ބައެއް ބަދަލުތައް ވެސް ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ގެނެސްފައިވެ އެވެ. އެގޮތުން ޖޭއެސްސީގެ މެންބަރެއްގެ އެންމެ ދަށް އުމުރަކީ 30 އަހަރު ކަމަށް ކޮމިޓީ ރިޕޯޓުގައިވެ އެވެ. ބިލުގައި ކުރިން އޮތް ގޮތުންނަމަ، އެންމެ ދަށް އުމުރަކީ 40 އަހަރެވެ.
މީގެ ކުރިން ބިލުގައިވަނީ ޖޭއެސްސީއަށް އައްޔަން ކުރާ ނުވަތަ އިންތިހާބު ކުރާ ވަކީލަކު އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ބަންޑާރަ ނައިބަށް ކޯޓުތަކުގައި ވަކާލާތު ކުރެވޭ ގޮތަށް ބިލުގެ އެ މާއްދާއަށް ވަނީ ބަދަލު ގެނެސްފަ އެވެ.