ހަބަރު

މުޅި ރާއްޖެއަށް ތެރަޕީ ހިދުމަތް ދޭން މަޝްވަރާ ކޮށްފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ފަށާފައިވާ ތެރަޕީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމާ ބެހޭ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުގެ އިސް ފަރާތްތަކާއެކު މަޝްވަރާ ކުރައްވައިފިއެވެ.

އިއްޔެ ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ފެންވަރުގެ ސިއްހީ ހިދުމަތްތައް ފެށިގެން ދާއިރު އެ ސަރަހައްދުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރެޕީގެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ތައުލީމާ ދާއިރާގައި ވެސް ތެރެޕީގެ ހިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ބެހޭ ގޮތުންނާއި މާބަނޑު ދުވަސްވަރުން ފެށިގެން ކުއްޖާގެ އުމުރުން ފަސް އަހަރު ވަންދެން ކުދިންގެ ހެދިބޮޑުވުމުގެ ކަންކަން ހަރުދަނާ ގޮތެއްގައި މޮނިޓަރު ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައި އެވެ.

މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އަދި އެންސްޕާއާއި އާސަންދައިގެ ފަރާތުން އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.