ދުނިޔެ

އެމެރިކާގެ އަސްކަރިއްޔާގެ މައްޗަށް ޗައިނާއަށް ބާރު ދެއްކިދާނެ

އޭޝިއާ ގައުމުތަކުގައި އެމެރިކާއިން ގާއިމްކޮށްފައިވާ އަސްކަރީ މަރުކަޒުތަކަށް ބާރު ފޯރުވުމުގެ ގާބިލްކަން ޗައިނާއަށް ލިބިފައިވާ ކަމަށް އޮސްޓްރޭލިއާގައި ހުންނަ ޔުނައިޓެޑް ސްޓޭޓްސް ސްޓަޑީ ސެންޓާއިން ބުނެފި އެވެ.

އެ ސެންޓަރުން ކުރި ދިރާސާއެއްގެ ރިޕޯޓުގައި ބުނެފައިވަނީ، އޭޝިއާގެ ގައުމުތަކުގައި މިހާރު އޮތް އެންމެ ވަރުގަދަ އަސްކަރިއްޔާއަކީ ޗައިނާ ކަމަށެވެ. އަދި އެމެރިކާއިން އޭޝިއާގެ ގައުމުތަކުގައި ގާއިމްކޮށްފައިވާ އަސްކަރީ މަރުކަޒުތަކުގައި ބޭނުންކުރާ މިސައިލްތަކަށްވުރެ މާ ގާބިލް މިސައިލްތަށް މިހާރު ޗައިނާއިން އުފައްދާ ޓެސްޓު ކުރަމުންދާ ކަމަށެވެ. އަދި މިހާރު އެމެރިކާގެ އަސްކަރިއްޔާގެ ކިބައިގައި ހަމަލާތަކުން ދިފާއުވުމުގެ ބާރު ދަށްވެފައިވާ ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އެމެރިކާއިން އަލުން އޭޝިއާގައި ބާރުގަދަ ބޭނުންވާނަމަ، އޮސްޓްރޭލިއާ، ޖަޕާން އަދި އެހެނިހެން ގައުމުތަކުގެ އަސްކަރިއްޔާގެ އެހީތެރިކަން ހޯދަން ޖެހޭ ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އެމެރިކާއިން އޭޝިއާގެ ގައުމުތަކުގައި ސިފައިން ބައި ތިއްބަން ނިންމީ އިންޑޯ ޕެސިފިކް ރީޖަން ޕޮރްގްރާމްގެ ދަށުންނެވެ.

ޗައިނާގެ އަސްކަރިއްޔާއިން އޭޝިއާގައި ބާރުފަދަ ކުރަމުންދާ ސަރަހައްދުތަށް ރިޕޯޓުގައި ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި ހޮންގްކޮންގާއި ޓައިވާން ހިމެނެ އެވެ. ރިޕޯޓު އާންމުކުރުމުން ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން އަދި ރިޕޯޓުގައި ނުބަލާ ކަމަށާއި، ނަމަވެސް ޗައިނާއިން ކުރާ ކޮންމެ ކުރާނީ އޭޝިއާ އާއި ޗައިނާގެ ރައްކަލަކަށް ކަމަށެވެ.