ހޮންކޮންގް

ހޮންގްކޮންގް މުޒާހަރާގެ އަމަން ނަގާލަން ޗައިނާއިން ދޮގު ފަތުރަނީ

ހޮންކޮންގެ ބައިވެރިން އެކެސްޓްރެޑިޝަން ބިލާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ އަމަން ނަގާލާ ފުލުހުންނާ އާންމުނާ ކުރިމަތިލުންތަށް ހިންގުވުމުގެ ބޭނުމުގައި ޗައިނާއިން ޓުވިޓާ އަދި ފޭސްބުކުގައި ދޮގު ހަބަރު ފަތުރަމުންދާކަމަށް އެ ދެ ކުންފުނިން ބުނެފި އެވެ.

ފާއިތުވި ދެ ހަފްތާގައި ޗައިނާއަށް ނިސްބަތްވާ ފޭސްބުކް އަދި ޓުވިޓާ އެކައުންޓުތަކުން، ދިޔައީ ފުލުހުން މުޒާހަރާގެ ބައިވެރިންނާ މެދު ލާއިންސާނީ އަމަލުތަށް ހިންގަމުންދާ ފޮޓޯތަށް އާންމު ކުރަމުންނެވެ. އަދި ބައެއް އެކައުންޓުތަކުން ނުރައްކާތެރި ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އައިއެސް އިން މުޒާހަރާގައި ބައިވެރިވާކަމަށް ވެސް ވަނީ ބުނެފަ އެވެ. ޓުވިޓާ އަދި ފޭސްބުކުން ބުނީ، ޗައިނާގެ އެކައުންޓުތަކުން ޕޯސްޓުކުރާ ތަކެއްޗަކީ ގަވާއިދާ ހިލާފު އެއްޗަކަށްވުމުން މިހާރު އެކަމާއި މެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ދޮގު ހަބަރާއި މައުލޫމާތު ފެތުރި ފޭސްބުކް ހަތް ޕޭޖަކާއި ފަސް އެކައުންޓެއް ޑިލިޓް ކޮށްފައިވާއިރު، ޓުވިޓާއިން ވަނީ 936 އެކައުންޓު ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ޑިލިޓްކޮށްފަ އެވެ. އަދި ބައެއް ޗައިނާގެ ނޫސްތަކުގެ ޓުވިޓާ އެކައުންޓުވެސް، ޓުވިޓާ ކުންފުނިން ވަނީ ޑިލިޓް ކޮށްފަ އެވެ.

"ޑިލިޓްކުރި އެކައުންޓުތަކުން ވަނީ ހޮންގްކޮންގެ ސިޔާސީ މަސްރަހުގެ ހަގީގަތް އޮޅޭގޮތަށް މައުލޫމާތު ގެނެސްދީ މުޒާހަރާގެ ހަމަޖެހުން ނަގާލުމަށް މަސައްކަތްކޮށްފަ،" ފޭސްބުކް އަދި ޓުވިޓާއިން ބުންޏެވެ.

ހޮންގްކޮންގެ ރައްޔިތުން ދެކޮޅު ހަދަމުންދާ އެކްސްޓެރެޑިޝަން ބިލްގައިވާ ގޮތުން ޗައިނާ ސަރުކާރުން އެދިއްޖެ ހާލަތެއްގައި ހޮންގްކޮންގް ފަސްގަނޑުގައި ހުރި ކޮންމެ މީހަކު ހައްޔަރުކޮށް އަނބުރާ ޗައިނާއަށް ފޮނުވާލުމުގެ ބާރު ޗައިނާއަށް ލިބެ އެވެ. މި ބިލްގައި އިނގިރޭސިވިލާތައި އެމެރިކާގެ އިތުރުން 20 ގައުމެއް ހިމެނޭއިރު އެކަމާ މުޒާހަރާގެ ބައިވެރިން ކަންބޮނޑުވުން ފާޅުކޮށް މުޒާހަރާއެއް ނުކުރެ އެވެ.

ކުރިން އިނގިރޭސިވިލާތުގެ އަޅުވެތިކަމުގައި އޮތް ހޮންގްކޮންގައި މިހާރު އަމިއްލަ ދައުލަތެއް އޮންނަ ނަމަވެސް އަސްކަރީ ކަންކަމުގައި ހަރަކާތްތެރިވަނީ ޗައިނާ އެވެ. ޗައިނާގެ ނުފޫޒުގެ ސަބަބުން އެ ގައުމަށް ބޭރުގެ އެހީތައް ނުލިބޭ ކަމަށްވެސް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ. މުޒާހަރާގެ ބައިވެރިން ވަނީ މީގެ ކުރިން ޗައިނާ ބޯޑަރު ކައިރީގައި ވެސް މުޒާހަރާކޮށްފަ އެވެ.

ޗަައިނާއިން މީގެ ކުރިން ބުނެފައިވަނީ، މުޒާހަރާގެ ހަމަނުޖެހުން ނަގާލަން މަސައްކަތް ކުރަމުންދަނީ، ހޮންގްކޮންގް ރައްޔިތުން ކަމަށް ހެދިގެން އުޅޭ އެމެރިކާގެ އޮފިޝަލުންތަކެއް ކަމަށެވެ. ޓުވިޓާ އިން ޗައިނާގެ އެކައުންޓުތަށް ޑިލީޓް ކޮށްލިކަން އާންމު ކުރަމުން ވެސް ބުނީ، ޗައިނާގެ އެކައުންޓުތަކުން ޕޯސްޓުކުރާ އެއްޗެހިތަށް ޕޮރޮމޯޓް ކޮށްފައިވަނީ ހުޅަނގުގެ ގައުމަކުން ކަމަށެވެ. އެއީ ކޮން ގައުމެއް ކަމަށް ޓުވިޓާއިން ބުނެފައެއް ނުވެ އެވެ.