ރިޕޯޓް

ރިސޯޓުތައް ހުޅުވަނީ، އެކަމަކު ދިވެހިންނަށް ވަޒީފާއެއް ނެތް!

ރާއްޖޭގައި މިހާރު ސަތޭކަ ސާޅީހަށް ވުރެ ގިނަ ރިސޯޓު އެބަހުއްޓެވެ. މިދިޔަ ފަސް އަހަރު އެކަނި 50 ރިސޯޓު މުޅިން އަލަށް ހުޅުވި އެވެ. ނަމަވެސް ދިވެހި ޒުވާނުން މިއަދު ވެސް ވަޒީފާއެއް ނުލިބިގެން ދުވަނީ އެވެ. ދިވެހިންނަށް ވަޒީފާ ނުލިބެނީ ކީއްވެގެން ހެއްޔެވެ؟ ވަޒީފާ އަށް ދިވެހިން ނުދަނީ ހެއްޔެވެ؟ ނޫނީ ވަޒީފާ ދޭ ފަރާތްތަކަށް ބޭނުން ވާ ފެންވަރުގެ ދިވެހިން ނުލިބެނީ ހެއްޔެވެ؟

"ޓޫރިޒަމް ދާއިރާ އިން ދިވެހިންނަށް ވަޒީފާ ނުލިބުމުގައި ވަރަށް ގިނަ ސަބަބުތައް އެބަހުރި. އެއް މައްސަލައަކީ ވަޒީފާ ދޭ މަގާމުތަކުގައި ބިދޭސީން ތިބުން. ދިވެހިން ވަޒީފާގައި އުޅޭއިރު ހައްގު ހޯދަން ފައިޓް ކުރާތީ ދިވެހިންނަށް ނުދިނުމަކީ ވެސް ސަބަބެއް،" ޓޫރިޒަމް އެމްޕްލޯއިމަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ޖެނެރަލް ސެކެޓްރީ މައުރޫފު ޒާކިރު ވިދާޅުވި އެވެ.

މިވެސް ސަބަބެކެވެ. އެކަމަކު ދިވެހިންނަށް ވަޒީފާ ނުލިބުމުގެ މައްސަލަ އޮތީ މިހާ ތިލަކޮށް ހެއްޔެވެ؟ ހަގީގީ ސަބަބަކީ ކޮބައި ހެއްޔެވެ؟

ރާއްޖޭގައި ޓޫރިޒަމް އުފެދުނުތާ 45 އަހަރު ވެއްޖެ އެވެ. އަދި މިހާރު ރާއްޖެއަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ޔުނިވާސިޓީ ތަކުން މަސައްކަތު ތަޖުރިބާ ހޯދަން ކުދިން ފޮނުވާ "ވޯކިން އެކްސްޕީރިއަންސް" ސެންޓަރެކެވެ. ނަމަވެސް ރާއްޖެއަކީ ދުނިޔޭގައި އޮތް ހަމައެކަނި އިންޑަަސްޓްރީ ފެންވަރުގައި މީހުން ތަމްރީން ނުކުރާ ގައުމު ކަމަށް ނިންމިދާނެ އެވެ. މި ސަރަހައްދުގެ ގައުމު ތަކަށް ބަލާއިރު ދަނޑުވެރިކަން އޮތް ގައުމުތަކުގައި އެ ގައުމުގެ މީހުން ތަމްރީން ކުރަން ބޮޑެތި ހޭދަތަކެއް ކުރެ އެވެ. ސަބަބަކީ އެ ދާއިރާ އިން މީހުން ތަމްރީންކޮށް ވަޒީފާ އަށް ނެރެވޭނެ ވަަރަށް މީހުންގެ ސިކުނޑި ތަރައްގީ ކުރުމެވެ. ނަމަވެސް ރާއްޖޭގެ ޓޫރިޒަމް ފުޅާވެގެން ދިޔައިރު، މި ދާއިރާ އަށް ބޭނުންވާ ވަރަކަށް ދިވެހިން އުފެއްދިފައެއް ނުވެ އެވެ.

ޓޫރިޒަމްގެ ކުރިއެރުން މިހާރު ހުރީ "ރޮކެޓް އިސްޕީޑު" ގަ އެވެ. އެކަމަކު މި ދާއިރާ އަށް މީހުން ތަމްރީން ކުރުމުގެ މަސައްކަތް އޮތީ ފިނިހަކަ އަށް ވުރެ ވެސް ދުވެލި މަޑުކޮށެވެ. މި ދާއިރާ އަށް މީހުން ބިނާ ކުރަން އޮތް "ހޮޓެލް ސްކޫލް" ރިސޯޓެއްގެ އިން ހައުސް ޓްރޭނިން ދޭ ޑިޕާޓްމަންޓަކަށް ވުރެ ވެސް ފެންވަރު ދަށެވެ. ހަގީގީ ސަބަބަކީ މިއީ ކަމަށް ގިނަ ތަޖުރިބާކާރުން އިއްތިފާގުވެ އެވެ. ޓޫރިޒަމް ހަލުވިކަމާއެކު ކުރިއަރައިގެން ދިޔަނަމަވެސް ވަޒީފާ ތަކަށް ބޭނުންވާ ވަރަށް މީހުން ތަމްރީން ކުރެވިފަ އެއް ނެތެވެ. މި ކަމުގައި ހުރިހާ ސަރުކާރެއް އޮތީ ފެއިލްވެފަ އެވެ.

ސަރުކާރުން ވެރިކަމަށް އަންނަން ވާ ވައުދުގެ ތެރޭގައި ރިސޯޓު ހުޅުވުން އޮވެ އެވެ. އެއީ މި ފަހަކަށް އައިސް ލާޒިމް ކަމެކެވެ. ނަމަވެސް މި ހުޅުވާ ރިސޯޓު ތަކަށް ބޭނުންވާނެ ދިވެހިން ތަމްރީން ކުރާނެ ގޮތެއް ނުބުނެ އެވެ. އެހެންވީއިރު، ދިވެހިންނަށް ވަޒީފާ ލިބޭނީ ކިހިނެއް ހެއްޔެވެ؟

ރާއްޖޭގެ ޓޫރިޒަމް ވިޔަފާރިވެރިއަކު ވިދާޅުވި ގޮތުގައި ދިވެހިންނަށް ވަޒީފާ ނުލިބުމުގެ ސަބަބަކީ ދިވެހިން މި ދާއިރާ އަށް ތަމްރީން ނުކުރެވުން ކަމަށެވެ.

"ވެރިކަމަށް މި އަންނަނީ ވައުދުވަމުން، ދައުރުގެ ތެރޭގައި ރިސޯޓު ހުޅުވާ ވަޒީފާ އުފައްދަން އޮވޭ. އެކަމަކު އެއްވެސް ބަޔަކު މަސައްކަތެއް ނުކުރެ އެ ރިސޯޓުތައް ހުޅުވަން ވާއިރަށް އެ ތަނަށް ބޭނުންވާ ވަރަށް މީހުން އުފައްދާކަށް. އެހެންވުމުން ހަގީގަތަކީ ބޭނުންވާ ވަރާ ގާތަށް ވެސް މީހުން ނުލިބޭ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ޓްރެއިނިން ރިސޯޓެއް ބޭނުންވޭ

މިކަމުގެ ހައްލު ސަރުކާރަށް ނޭނގެނީއެއް ނޫނެވެ. އެކަަމަކު މިހާތަނަށް ވެސް އެކަން ކުރާކަށް ބޭނުމެއް ނުވެ އެވެ. ކޮންމެ އަހަރަކު އެތަކަެއް ރިސޯޓެއް މާކެޓެއް ނެރޭއިރު "ޓްރެއިނިން ރިސޯޓެއް" ނުހަދަނީ ކީއްވެގެން ހެއްޔެވެ؟ ދުނިޔޭގެ ޓޫރިޒަމްގެ ބްރޭންޑުގައި މި ދާއިރާ އިން މީހުން ތަމްރީން ކުރާނެ މައި މަރުކަޒެއް ނެތުމަކީ ލަދު ގަންނަން ޖެހޭ ކަމަކަށް ނުވޭ ހެއްޔެވެ؟

ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި ގޮތުގައި ޓްރެއިނިން ރިސޯޓެއް ހަދަން ރާއްޖެ އަށް ވުރެ މުހިންމު ގައުމެއް ނެތް ކަމަށެވެ.

"މި ރިސޯޓު ވާން ޖެހޭނީ ތަފާތު ތަނަކަށް. އެ ތަނުން މީހުން ތަމްރީންކޮށް ނެރޭނެ. އެކަމަކު އެތަން ވާން ޖެހޭނީ ހިންގާ ރިސޯޓަކަށް، އޭރުން އެކަން ފީޒިބަލްކޮށް ކުރެވޭނީ. މިހާރު މި ހުރީ ހޮޓެލް ސްކޫލް. އެތަނުން މީހުން ތަމްރީނެއް ނުކުރެވޭ ބޭނުންވާ ވަރާ ގާތަށްވެސް. މިގޮތަށް ވަކި ރިސޯޓެއް ހެދީމަ ކުދިން އައިސް ވަޒީފާ ވެސް އަދާކުރެވޭނެ. ހަމައެއާއެކު މަސައްކަތު ތަޖުރިބާ ވެސް ލިބުނީ،" ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިންވެސްޓް ވެސް ކުރަމުން ގެންދާ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

ދެން މި އޮތީ އަބަދުގެ ޝަކުވާ އެވެ. މި ޝަކުވާ ކުރާތާ ވީ ދުވަހެއް ހަނދާނެއް ވެސް ނެތެވެ. އެކަމަކު މިކަމުގައި ހައްލެއް ލިބޭނެކަމުގެ ކޮޅުމައްޗެއް އަދިވެސް ނުފެނެ އެވެ. ޓޫރިޒަމް ސިނާއަތުގެ މަސައްކަތަށް ވަޒީފާ އަށް ނުކުންނަން ބޭނުންވާ ދިވެހިންނަށް ވަޒީފާ ނުލިބުމަކީ ބޮޑު މައްސަލަ އެކެވެ. ޓޫރިޒަމް ދާއިރާގައި މިހާރު 17،000 ދިވެހިން އުޅޭ ކަމަށް ނުރަސްމީ ހިސާބު ތަކުން ދައްކަ އެވެ. މި ދާއިރާ އަށް ދިވެހިން ނުކުންނަން ހުރި ދަތިތަކާއި އެ ދަތިތައް ކުރިމަތިވަނީ ކޮން ސަބަބަކުންތޯ ރަސްމީ ސިފައެއްގައި ބެލިފައެއް ނުވެ އެވެ. ނަތީޖާއަކީ ބޮޑެތި ބްރޭންޑުތަކުގެ ރިސޯޓުތައް ހުޅުވާއިރު، ދިވެހިން ވަޒީފާ ނެތި ރިސޯޓު ހުޅުވާ ތަން ބަލަން ތިބެން ޖެހުމެވެ.

ދީފިއްޔާ އަދާކުރާނެ، ޔަގީން

ރަނގަޅު އާމްދަނީއެއް ލިބޭ ދާއިރާއެއްނަމަ ދިވެހިން ކެރިގެން ނުކުންނާނެ ކަމުގެ ހެއްކަކީ "ވެމްކޯ" އެވެ. ކުރިން ކުނި އުކީ ބިދޭސީންނެވެ. އެ މީހުންގެ އަތުން ކުނިކޮތަޅު އަތުލައި ސަރުކާރުން ދިވެހިންނާ ހަވާލު ކުރުމުން މިހާރު އެކަން ކުރަނީ ފަހުރުވެރިކަމާއެކު ދިވެހިންނެވެ. ހަމަ އެއްކަލަ "ހަޑި" މަސައްކަތް ކުރަން ބޭނުންނުވާ ކަމަށް ޒަމާނުއްސުރެ ބުނަމުންދާ ދިވެހިންނެވެ. އެ މަސައްކަތުގައި އަންހެނުންނާއި ޒުވާނުންވެސް ހިމެނޭކަމީ އެހެން ދާއިރާތަކަށް ހަގީގަތަށްވެސް ފިލާވަޅެކެވެ.

މީގެން އެނގެނީ ދިވެހިން ވަޒީފާ އަދާ ކުރަން ފަސް ނުޖެހޭނެ ކަމެވެ. މިގޮތުން ޓޫރިޒަމް ދާއިރާ އަށް މީހުން ހޯދާއިރު ހަމައެކަނި ދިވެހިން ވަޒީފާ އަދާ ކުރަން ތައްޔާރަށް ތިބީ ޕްރޮފެޝަނަލް ވަޒީފާތައް އެކަންޏެއް ވެސް ނޫނެވެ. ރަނގަޅު އާމްދަނީއެއް ލިބޭނަމަ އެހެން ވަޒީފާތަކަށް ދާން ތައްޔާރަށް ތިބި އެތަށް ބަޔަކު އެބަތިއްނެވެ. އަދި އެފަދަ ވަޒީފާތަކަށް ދާން ތިބީ ހަމައެކަނި ޒުވާނުން އެކަންޏެއްވެސް ނޫނެވެ. ފިރިހެނުންނާއި އަންހެނުންވެސް ތިބީ ހަމަ ތައްޔާރަށެވެ. މެދު އުމުރުގެ އަންހެންވެރިން ވެސް އެ ތިބީ އެފަދަ ފުރުސަތަކަށް ބަލަބަލަ އެވެ. ގިނަ ރަށްރަށުގެ ރާޅު ބިންދާ ފަށުގައި ރިސޯޓުތައް ހުރިއިރު މި ރަށް ރަށުގައި އުޅޭ އަންހެނުންނަށް ވެސް އަދާކުރެވޭނެ ކިތަންމެ ވަޒީފާއެއް ރިސޯޓުތަކުގައި އެބަހުއްޓެވެ. ނަމަވެސް އެ ފަދަ ވަޒީފާތައް ދިވެހިންނަަށް ދިނުމުގެ ބަދަލުގައި ދެނީ ބިދޭސީންނަށެވެ.

ޓީމްގެ ސެކްރެޓަރީ ޖެނެރަލް މައުރޫފު ވިދާޅުވީ ވަޒީފާ ދޭނަމަ ދިވެހިން ކޮންމެ ވަޒީފާއެއް ވެސް އަދާކުރާނެ ކަމަށާ، ނަމަވެސް ވަޒީފާ އަށް ދިވެހިން ނުނެގުމަކީ މައްސަލައެއް ކަމަށެވެ.

"ވަޒީފާ އަށް ދެވޭނެ ކްރައުޑް މި ގުނަނީ ހަމައެކަނި ރަށްރަށުގައި ތިބި ޒުވާނުން އެކަނި. އެކަަމަކު ވަޒީފާ ބޭނުންވެ، ކުރަން ކެރޭ މެދު އުމުރުގެ ކްރައުޑެއްވެސް އެބަތިބި. ހާއްސަކޮށް ރަށްރަށުގަ. މިސާލަކަށް ކ. ހުރާގެ 50 އަކަށް އަންހެނުން ކުޑަ ހުރާ އާއި އެހެނިގެން ރިސޯޓުތަކަށް ގޮސް ރަށުތެރެ ސާފު ކުރަނީ. އެ މީހުން ހެނދުނު ރިސޯޓަށް ގޮސް، މަސައްކަތް ނިންމާފަ ހަވީރު އެ ދަނީ ރަށަށް. އެކަމަކު މީހުން ދިރިއުޅޭ ރަށްރަށް ކައިރީގައި ހުންނަ ބައެއް ރިސޯޓު ތަކުން ދިވެހިންނަށް މި ފަދަ ވަޒީފާތައް ވެސް ނުދޭ،" މައުރޫފު ވިދާޅުވި އެވެ.

އެޗްއާރު މޯލްޑިވްސް އިން ވާހަކަ ދެއްކެވި ސީނިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ވަޒީފާތައް ދިވެހިންނަށް ނުދިނުމާއި ތަފާތު ކުރުމުގައި ބޭރުގެ އެޗްއާރު ޑިރެކްޓަރުންގެ ރޯލު ބޮޑު ކަމަށެވެ.

"ބޭރުގެ ބްރޭންޑުތަކުގެ ރިސޯޓުތައް ހުޅުވާއިރު އެބަހުރޭ ވަކި ސްޓޭންޑަޑްތަކެއް. އެހެންވެ ރާއްޖޭގައި ރިސޯޓު ހުޅުވާއިރު ގިނަ ކުންފުނިތަކުން ބޭރުގައި ހިންގާ ތަކަށް މީހުން ގެނޭ. ބައެއް ފަހަރު އެމީހުންނާ ގުޅުންހުރި މީހުން ގެނޭ. މި ދާއިރާގެ މަތީ ވަޒީފާ ތަކަށް އެޕްލައި ކުރާ ސިސްޓަމް ވެސް މި ހުންނަނީ ޔޫރަޕު މީހުން ނޫނީ ބޭރު މީހުން ނަގަން ސެޓްކޮށްފަ. އޮންލައިންކޮށް އެޕްލައި ކުރާ ލިންކް ހުޅުވާލާއިރަށް އިންނާގެ ޕާސްޕޯޓް ނޫނީ ގައުމު ޖަހަން. އެ ހިސާބުން އެޕްލައި ކުރާއިރަށް ގިނަ ފަހަރު ދެން ހަބަރެއް ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.

ދެން އޮތީ ވަޒީފާތަކުގައި ދިވެހިންނާއި ބިދޭސީންގެ ތަފާތު ކުރުމުގެ ވާހަކަ އެވެ. ރިސޯޓުތަކުގައި މިގޮތަށް ހުންނަ ވަޒީފާ ތަކަށް ދިވެހިން ނުދަނީ ހެއްޔެވެ؟

ދިވެހިން ނުދާ ވާހަކަ ދައްކާއިރު ބައެއް ރިސޯޓު ތަކުން ދިވެހިންނާމެދު ކަންތައް ކުރާ އިހާނެތި ގޮތުގެ ވާހަކަ ވެސް ދައްކަން ޖެހެ އެވެ. ކުރިން ބުނި ރަށު ތެރެ ސާފު ކުރުމުގެ މަސައްކަތް ކުރާނަމަ ދިވެހިންނަށް އެވްރެޖު ގޮތެއްގައި މިދެނީ މަހު މުސާރައިގެ ގޮތުގައި ގާތްގަނޑަކަށް 5،000ރ. އާއި 6،000ރ. އާ ދެމެދުގެ އަދަދެކެވެ. މީގެ އިތުރުން އެހެން އިނާޔަތެއް އެމީހުންނަކަށް ނުލިބެ އެވެ. ރިސޯޓުގެ ސާވިސް ޗާޖު އިންތިހާ އަށް ބޮޑުވިނަމަވެސް އެންމެ ރުފިޔާއެއް ވެސް ނުލިބެ އެވެ.

މައުރޫފު ވިދާޅުވީ އެ ފަދަ މުވައްޒަފުންނަށް ރޯދަ އެލަވަންސާއި އެނުއަލް ލީވް ވެސް ނުދޭކަމުގެ ޝަކުވާ ލިބޭ ކަމަށެވެ.

މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދޭން އުފައްދާފައިވާ މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ލޭބަ ޕާޓީ) ގެ ޗެއާޕާސަން އަހުމަދު ޝިހާމް ވިދާޅުވީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ދިވެހިންގެ އަދަދު އިތުރު ކުރާނަމަ ފުރަތަމަ ރަނގަޅު ދިރާސާ ތަކެއް ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ސަރުކާރަށް އެހީތެރިވާން މި ދިރާސާކޮށްދޭން ވެސް. މީގައި ޖެހެނީ ފޯކަސްކޮށްގެން ރަނގަޅަށް އިހުލާސްތެރިކަމާއެކު މަަސައްކަތް ކުރަން،" ޝިހާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ދިމާވަމުންދާ މައްސަލައަކީ ސިޔާސީ ފަރާތް ތަކުން ރައްޔިތުން ވޯޓު ހޯދުމުގައި ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަ ކަމަށެވެ.

"އިންތިހާބް ކާމިޔާބުވުމާއެކު، ވައުދުތަކުގެ މަތިން ހަނދާނެތިގެންދޭ. ސިޔާސީ ޕާޓީތަކުގެ ވެރިންނާއި ގުޅިފައިވާ ވިޔަފާރިތަކާއި، ޕާޓީ ތަކަށް ފަންޑު ކުރާ މަހުޖަނުންގެ ނުފޫޒު ޕާޓީތަކަށް އިންތިހާ އަށް ވަދެފައިވުމުން، ސިޔާސަތު އެކުލަވާލައި ހިންގުމުގައި ނިކަމެތި ރައްޔިތުންގެ މަންފާ އަށް ވުރެ އިސްކަން ދެވެނީ، ވެރިކަމުގެ މިތުރު މަހުޖަނުންގެ މަސްލަހަތަށް. މަސައްކަތްތެރިންނާއި ފަގީރު އާއްމު ރައްޔިތުންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް ފަހިވާ ގޮތަށް ސިޔާސަތު ބައްޓަންކުރެވޭ ތަނެއް ނުފެނޭ،" ޝިހާމް ވިދާޅުވި އެވެ.

ދިވެހިންނަށް ރިސޯޓުތަކުން ވަޒީފާ ނުލިބުމުގައި އޮތީ ހަމައެކަނި ރިސޯޓުތައް ހިންގާ މަހުޖަނުންނާއި ސަރުކާރުގެ މައްސަލަ އެކަންޏެއް ވެސް ނޫނެވެ. މީގައި ވަޒީފާގައި އުޅޭ ދިވެހިންގެ މައްސަލަ ވެސް ކުޑައެއް ނޫނެވެ.

ޓީމުން ވާހަކަ ދެއްކެވި މައުރޫފު ވިދާޅުވީ އަލަށް ރިސޯޓެއް ހުޅުވާއިރަށް ވަޒީފާ ބަދަލުކުރާ ކްރައުޑެއްވެސް ރާއްޖޭގައި އުޅޭ ކަމަށެވެ.

"ލަގްޒަރީ މަލްޓިނޭޝަނަލް ކުންފުނި ތަކުން ހުޅުވާ ރިސޯޓުތަކުގެ ޕްރީ- އޯޕެނިން ނަށް ވަޒީފާ ބަދަލު ކުރާ ކްރައުޑެއް އެބަ އުޅޭ. އެހެން އެވަނީ ރަނގަޅު އެ ތަންތަނުން ރަނގަޅު އޮފާތަކެއް ދޭތީ. މި ފަދަ ބައެއް މީހުން އެ ރިސޯޓުތަކަށް ގޮސް ޕްރޮބޭޝަން ޕީރިއަޑް ނިމުމުން ވަޒީފާ ދާއިމީކޮށް ނުދީގެން ޖޮބް ގެއްލިފައި އެބަތިބި،" އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މީހުންނަކީ އިގްތިސާދުގެ އެންމެ މުހިންމު މަސައްކަތްތެރިންނެވެ. ނަމަވެސް މި މީހުންނަކީ މިހާތަނަށް ފާހަގަ ކުރާ ބައެއް ނޫނެވެ. ނަމަވެސް އާ ސަރުކާރުން ވަނީ އެ މީހުންގެ މަސައްކަތުގެ އަގު ވަޒަން ކުރާނެ ކަމަށް ވައުދުވެފަ އެވެ. މިގޮތުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވާ ގޮތުގައި ޓޫރިޒަމް ސިނާއަތުގައި ހުރި މައްސަލަ ތަކަށް ސަރުކާރުން ހައްލު ހޯދައި ދޭނެ އެވެ. އެގޮތުން އެ މިނިސްޓްރީން ވަނީ ޓޫރިޒަމް މަސައްކަތްތެރި ނަށް ފަސޭހައިން ޝަކުވާ ހުށަހެޅޭނެ އިންތިޒާމެއް ވެސް ހަމަޖައްސާފަ އެވެ. އަދި މިހާރު ޓޫރިޒަމް ސިނާއަތުގައި ކުރަމުން ގެންދާ "އިންސްޕެކްޝަން" ނިމުމުން މުވައްޒަފުންގެ ރޭޝިއޯ އާއި އެހެނިހެން މައްސަލަތަކަށް ހައްލު ގެނެސްދޭނެ ކަމަށް ވަނީ ވައުދުވެފަ އެވެ.

މިއީ ކުރީގެ ސަރުކާރުން ވެސް ވެފައިވާ ވައުދުތަކެވެ. ނަމަވެސް މިހާރު ޓޫރިޒަމް މަސައްކަތްތެރިންނާއި ވަޒީފާ ބޭނުންވެފައި ތިބި މީހުން ބަލަން ބޭނުންވަނީ އަމަލީ ސިފަ އަންނަ ތަނެވެ. ރާއްޖޭގައި ރިސޯޓުތައް ހުޅުވަމުން ދާއިރު، ދިވެހިންނަށް ވަޒީފާ ނުލިބިފައި ތިބެން ޖެހުން މިއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.