ދުނިޔެ

އިރާންގެ ތެޔޮ ޓޭންކަރަށް އެއްވެސް ގައުމަކުން އެހީވެގެން ނުވާނެ: އެމެރިކާ

ގްރީސްއަށް މިހާރު ދަތުރުކުރަމުންދާ އިރާންގެ ތެޔޮ ޓޭންކަރު ގްރޭސް 1 އަކަށް އެއްވެސް ގައުމަކުން އެހީ ފޯރުކޮށްދީގެން ނުވާނެ ކަމަށް އެމެރިކާއިން ބުނެފި އެވެ.

އިނގިރޭސިވިލާތުން ހިފެހެއްޓި އިރާންގެ މި ޓޭންކަރުގެ މައްސަލައިގައި އެމެރިކާ އާއި އިރާނު ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ. ގިބްރެލްޓާއިން ހިފެހެއްޓި އިރާންގެ ޓޭންކަރު މިހާރު ދަތުރު ކުރަމުންދަނީ ގްރީސް އަށެވެ. އިނގިރޭސިވިލާތުން މި ޓޭންކަރު ހިފެހެއްޓީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ދަށުންނެވެ. އެ ދަތިކުރުމުގެ ފިޔަވަޅުގައި ވާގޮތުން އިރާނުން ސީރިއާށް ޔޫރަޕްގެ ކަނޑުގެ މަގުން ތެޔެ އެތެރެ ކުރުން މަނާވާނެ އެވެ. ނަމަވެސް އިރާނުން ބުނީ، ގްރޭސް 1 ގައި ހުރި ތެލަކީ ސީރިއާށް ގެންދިޔަ ތެޔޮ ނޫން ކަމަށެވެ.

އެމެރިކާއިން ވަނީ އިނގިރޭސިވިލާތުން އިރާންގެ ޓޭންކަރު ދޫކޮށްލުމުން އެކަމާ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕު ވިދާޅުވީ، އިރާނުގެ ޓޭންކަރު ދޫކޮށްލަން ނިންމި ނިންމުމަކީ ދިމާވި ބަދަ ނަސީބެއް ކަމަށެވެ. އޭނާ ވިދާޅުވީ، ޓޭންކަރު ސަލާމަތުން އޭގެ މަންޒިލަށް ގޮސްގެން ލިބޭ ލާރިން، އިރާނުން އަނެއްކާވެސް ނިއްކުލިއާ ފައްކާކޮށް ދުނިޔެ ބޮޑު ބިރުވެރިކަމަކަށް ވައްޓާލާނެ ކަމަށެވެ.

އިރާނުގެ ޓޭންކަރު އިނގިރޭސިވިލާތުން ދޫކޮށްލަން ނިންމީ، އިރާނުން ގަވާއިދާ ހިލާފަށް ތެޔޮ ގެންދަނިކޮށް އަތުލައިގަތް އިނގިރޭސިވިލާތުގެ ޓޭންކަރެއް ކަމަށްވާ ސްޓެނާ އިޕްމީރިއާ ނަމަކަށް ކިޔާ ޓޭންކަރެެއް ދޫކޮށްލާފައި ވަނިކޮށެވެ. ދެ ގައުމުން ޓޭންކަރުން ހިފަހައްޓާފައިވާއިރު މި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

އެގޮތުން ގައުމުތަކަށް ތެޔޮ ގެންދަން އެންމެ ގިނައިން ބޭނުންކުރާ ހޮރޮމުޒް ކަނޑުއޮޅި ބަލަހައްޓަން އިނގިރޭސިވިލާތުން ވަނީ އަސްކަރީ ކޯލިޝަނެއްވެސް ހަދާފަ އެވެ. މި ކޯލިޝަންގެ ސަބަބުން އިނގިރޭސިވިލާތައި އިރާންގެ ގުޅުމަށް މީގެ ކުރިން ބުރޫ ނާރާ ވަރަށް ވަނީ ބުރޫ އަރާފަ އެވެ.