ހަބަރު

އައިޔޫއެމްގެ ޗާންސެލާ ކަމަށް ޒާހިރު، އެމްއެންޔޫއަށް ހަސަން

Aug 20, 2019

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާގެ މަގާމަށް އެ މަގާމުގައި އެންމެ ފުރަތަމަ ވެސް ހުންނެވި ޑރ. މުހަންމަދު ޒާހިރު ހުސެއިން އައްޔަން ކުރައްވައިފި އެވެ. އަދި ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ކަމަށް އެތަނަށް ގިނަ ހިދުމަތްތަކެއް ކޮށް ދެއްވަމުންދާ ޑރ. ހަސަން ހަމީދު ވަނީ އައްޔަން ކުރައްވާފަ އެވެ.

އިސްލާމިކް ޔުނިވާސިޓީ އެންމެ ފުރަތަމަ އުފެއްދުމަށްފަހު ޗާންސެލާގެ މަގާމަށް މިދިޔަ ސަރުކާރުގައި ޑރ. ޒާހިރު އައްޔަން ކުރުމަށްފަހު އެ މަގާމުން ވަކި ކުރެއްވީ ވެސް ކުއްލިއަކަށެވެ. އެއީ ސިޔާސީ ކަންތައްގަނޑެއްގައި ޑރ. ޒާހިރު ސަރުކާރުން އެއްކައިރިކުރުމަށެވެ.

ޑރ. ޒާހިރު، ޗާންސެލާ ކަމުން ވަކި ކުރުމަށްފަހު އެ މަގާމަށް އައްޔަން ކުރެއްވީ އޭރު އެ ތަނުގެ ވައިސް ޗާންސެލާގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ޑރ. ޝަހީމް ވަނީ ސަރުކާރު ބަދަލުވުމާއެކު އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

މިވީ ދުވަސްތަކުގައި އިސްލާމިކް ޔުނިވާސިޓީ ހިންގަވަމުން ދިޔައީ ވައިސް ޗާންސެލާ އާއިޝަތު ހަލީލާ އަބްދުއްސައްތާރެވެ.

ގައުމީ ޔުނިވާސިޓީގެ ޗާންސެލާގެ މަގާމަށް އައްޔަން ކުރެއްވި ޑރ. ހަސަން މީގެކުރިން ހުންނެވީ އެ ތަނުގެ ވައިސް ޗާންސެލާގެ މަގާމުގަ އެވެ.