ދިވެހި ސިނަމާ

"ބަވަތި"ގެ ޓިކެޓު ވިއްކަން ފަށައިފި

އައި ފިލްމްސްގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި"ގެ ޓިކެޓު އޮލިމްޕަހުގައި ވިއްކަން ފަށައިފި އެވެ.

ސެޕްޓެމްބަރު ދެވަނަ ދުވަހުގެ ރޭ ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ މި ފިލްމަކީ އިލްޔާސް ވަހީދު ލިޔެ ޑައިރެކްޓުކުރާ ފުރަތަމަ ފިލްމެވެ.

ކުރިއަރަމުން އަންނަ ބަތަލާ ނުޒުހަތު ޝުއައިބު އާއި ފީޗާ ފިލްމަކުން އަލަށް ތައާރަފުވާ އަހްމަދު އިފްނާޒް ލީޑް ކުރާ މި ފިލްމުގައި ދައްކުވައިދޭނީ އާއިލީ މައްސަލަތަކުގެ ތެރެއިން ބޮޑުވަމުން އަންނަ ކުއްޖެއްގެ ހަޔާތަށް ރޫހާނީ ބާރުތަކެއް އައިސް ދިމާވާ އާދަޔާ ހިލާފު ކަންތައްތަކެއް ކަމަށް "ބަވަތި"ގެ ޓީމުން ބުނެ އެވެ.

ފިލްމުގެ ޓްރެއިލާ ---

"ބަވަތި"ގެ އޮފިޝަލް ޓްރެއިލާ އާންމުންނަށް ދައްކާލާފައިވާއިރު، ޓްރެއިލާއިން ފިލްމުގައި އެންމެ މުހިންމު ރޯލުން ފެނިގެންދާ ނުޒޫގެ ހަޔާތުގެ އަަނދިރިކަން ފެނެ އެވެ. ރަށުތެރެއަށް ބަދުނާމު ވެފައިވާ ކަމާއި ނުޒޫގެ މަންމަގެ އަތެއް އެކަމުގައިވާ ކަން ވެސް ބުނެ އެވެ. އަދި، ކައިވެނީގެ ކުރިން މި ދިމާވާ ކަންކަމާއި މީހެއްގެ ފަރާތުން ކުރިމަތިވާ އަނިޔާތައްވެސް ކޮންމެވެސް ވަރަކަށް ދަައްކުވައިދެ އެވެ.

ކައިވެންޏަށްފަހު ނުޒޫ އާއި އިފްނާޒްގެ ދިރިއުޅުން ސަސްޕެންސް ގަނޑަކާއެކު ބަދަލުވެގެން އަންނަ ކަން ޓްރެއިލާ އިން ފާހަގަވެ އެވެ. ޓްރެއިލާގައި ނުޒޫ ބުނާ "އެއް ބިރުވެރިކަމުން ސަލާމަތްކޮށްގެން އައިސް އަނެއް ބިރުވެރިކަމަށް" ގެނައުމަކީ ކޮބައިކަމާއި ދެ މިނެޓުގެ ކުރު ޓްރެއިލާ ނިންމާލާއިރު ފެންނަ ކަޅު ދުންގަނޑަކީ ކޮބައިކަންވެސް އެނގޭނީ ދެން ފިލްމު ބަލާލުމުންނެވެ.

މި ފިލްމުގެ 21 ޝޯ އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައި ކަމަށްވެސް ފިލްމުގެ ޓީމުން ވަނީ ބުނެފަ އެވެ.

ފިލްމުގެ ރަސްމީ ޓްރެއިލާ ދައްކައިލުމުގެ ކުރިން ދެ ޓީޒާއަކާއި ޕްރޮމޯޝަނަލް ލަވައެއް ވެސް ކުރިން ވަނީ ދައްކާލައިފަ އެވެ.