ހަބަރު

ކަނދޮޅުދޫ މީހުން ދުވާފަރުގައި ރަޖިސްޓްރީ ކުރަން ފަށަނީ

ދެހާސް ހަތަރު ވަނަ އަހަރު އައި ސުނާމީގެ ކާރިސާއަށް އަށްފަހު، ރ. ކަނދޮޅުދޫ މީހުނަށް ބޯހިޔާވަހިކަން ދިނުމުގެ ގޮތުން އެ އަތޮޅު ދުވާފަރުގައި އިމާރާތް ކުރި ގެ ތަކުގައި 10 އަހަަރަށްފަހު މީހުން ރަޖިސްޓްރީ ކޮށްދޭން ނިންމައިފި އެވެ.

ކަނދޮޅުދޫ މީހުން ދުވާފަރަށް ބަދަލުކޮށް ބޯހިޔާވަހިކަން ދިނުމުގެ މަޝްރޫއުގެ ދަށުން 676 ގެ އެއް ވަނީ އިމާރާތްކޮށްފަ އެވެ. ނަމަވެސް، ކަނދޮޅުދޫ މީހުން އެ ރަށުގައި 10 އަހަރު ވަންދެން އުޅެ ދިރިއުޅުން އާރާސްތުކުރި އިރުވެސް ގެތަކުގެ އިމާރާތާއި ގޯތީގެ ރަޖިސްޓަރީއާއި ރަށްވެހިންގެ ރަޖިސްޓަރީ ހަދައިދީފައެއް ނުވެ އެވެ.

ދާއިމީ ރަށްވެހިކަމެއް ކަނދޮޅުދޫ ރައްޔިތުންނަށް ދުވާފަރުގައި ނެތުމުގެ ސަބަބުން އެ ރަށުގައި ވިހާ ކުދިން މިއަދާ ހަމައަށްވެސް ރަޖިސްޓްރީ ކުރަމުން ދިޔައީ ފަޅަށް އޮތް ކަނދޮޅުދޫގަ އެވެ. މި މައްސަލަ ހައްލު ކޮށްދިނުމަށް އެދި މީގެ ކުރިންވެސް ސަރުކާރަށް ވަނީ އެދިފަ އެވެ. މިދިޔަ އަހަރު ޑިސެމްބަރު މަހުވެސް ރަށު ކައުންްސިލުން ރައީސް އާ ބައްދަލު ކޮށްފައި ވެ އެވެ.

އިއްޔެ ގެޒެޓު ކުރި އިއުލާނުގައި ބުނެފައިވަނީ ދުވާފަރުން ދޫކޮށްފައިވާ ގެތަކުގެ އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހަދައިދިނުމުގައި އަސްލަކަށް ބަލާނީ، ރ. ދުވާފަރު ގެތަކުގެ ވަގުތީ ރަޖިސްޓަރީގެ ގޮތުގައި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ކަނޑައަޅައިފައިވާ ލިސްޓުގެ މައްޗަށް ދައުލަތުން ދޫކޮށްފައިވާ ވަގުތީ ރަޖިސްޓަރީއަށް ކަމަށެވެ.

އަދި މި ލިސްޓުގައި ހިމެނޭ ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު ކަނދޮޅުދޫ މީހުންގެ އަނބިންނާއި ފިރިންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ އެހެން ރަށް ރަށުގެ ރަށްވެހިން ވެސް ހިމެނޭ ކަމަށާއި، ނަމަވެސް ދާއިމީ ރަޖިސްޓްރީ ހަދައިދޭ އިރު، ވަރިވެފައިވާ އަނބިންނާއި ފިރިން އެ ލިސްޓުން އުނި ކުރެވޭނެ ކަމަށް އުސޫލުގައިވެ އެވެ. އެއީ، ދުވާފަރަށް ބަދަލުވުމަށްފަހު ކަނދޮޅުދޫ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީ ވުމަށް އެ ފަރާތްތަކަށް ވަގުތީ ރަޖިސްޓަރީގައި ދީފައިވާ އެއް މަސްދުވަހުގެ މުއްދަތުގެ ތެރޭގައި ކަނދޮޅުދޫ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީ ވެފައި ނުވާ ނަމަ، އަދި ދުވާފަރުން ލިބުނު ގޭގައި މިހާރު ދިރިއުޅޭ މީހެއް ކަމުގައި ނުވާނަމަ ކަމަށްވެސް ގެޒެޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އަދި، އެ ފަރާތަކީ އެ ގެއެއްގެ ވަގުތީ ރަޖިސްޓަރީގައި ހިމެނޭ ކަނދޮޅުދޫ ރައްޔިތަކާ ކައިވެނިކޮށް ދަރިންލިބި، އެ ދަރިންނާއެކު ދުވާފަރުން ލިބިފައިވާ ގޭގައި މިހާރު ވެސް ދިރިއުޅޭ ފަރާތެއް ކަމުގައިވާ ނަމަ އެފަރާތެއް ލިސްޓުން އުނިކޮށްގެން ނުވާނެ ކަމަށް ގެޒެޓު ކުރި އުސޫލުގައިވެ އެވެ.

އިތުރަށް ބުނެފައިވަނީ، ރަށްވެހިންގެ ރަޖިސްޓްރީ ހެދުމަށް އެދޭ ކަނދޮޅުދޫ ރައްޔިތުން މި އުސޫލަށް އަމަލުކުރަން ފަށާތާ އެއް އެއް އަހަރު ތެރޭގައި ރަޖިސްޓަރީ ހެދުމަށް ދުވާފަރު ކައުންސިލަށް ހުށަހަޅަން ޖެހޭ ކަމަށެވެ.

ދުވާފަރުގެ ރައްޔިތުންނަށް ރަށްވެހިކަން ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.