ޓައިވާންގެ އަސްކަރީ ގާބިލްކަން އިތުރު ކުރަން ހިންގާ ޕްރޮގްރާމްގެ ދަށުން އެ ގައުމުގެ ވައިގެ އަސްކަރިއްޔާ ވަރުގަދަ ކުރަން ބޭނުންވާ އަށް ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން އެމެރިކާ އެއްބަސްވެއްޖެ އެވެ. އެމެރިކާއިން ވަނީ މީގެ ކުރިން ވެސް ޓައިވާނަށް ދެ ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން ނިންމާ އެ މަސައްކަތް ފަށާފަ އެވެ.
އަށް ބިލިއަން ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތުގެ ދަށުން އެމެރިކާއިން ޓައިވާނަށް ވިއްކާނީ އެފް 16 އިގެ 66 ހަނގުރާމަވެރި މަތިންދާ ބޯޓާއި، އެންމެ ފަހުގެ ލޮކްހީޑް މާޓިން ބިލްޓް ފައިޓާ އެފް 16 ސީ ގެ 70 މަތިންދާ ބޯޓުގެ އިތުރުން 75 ޖެނެރަލް އިލެކްޓްރިކް ކޯ އިންޖީނާއި އެހެނިހެން ހަތިޔާރުތަކެވެ.
ޓައިވާނާއެކުވި ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވީ، އޭޝިއާ ބައްރުގައި އޮތް ޗައިނާގެ އަސްކަރިއްޔާގެ މައްޗަށް ބާރު ފޯރުވޭނެ ގައުމެއް އޮންނަން ޖެހޭ ކަމަށެވެ.
އޭޝިއާގެ ގާއިމްވެ ތިބޭ އެމެރިކާގެ ސިފައިން މައްޗަށް ކޮންމެ ވަގުތަކު ވެސް އަތްގަދަ ކޮށްލުމުގެ ފުރުސަތު ޗައިނާ އަސްކަރިއްޔާއަށް ލިބިގެންވާ ކަމަށް އެމެރިކަން ސެންޓާ ފޯ ސްޓަޑީސް އިން ވެސް ވަނީ މި ހަފުތާގައި ބުނެފަ އެވެ.
ވައިގެ އަސްކަރިއްޔާ ތަރައްގީ ކުރުމަށް ޓައިވާނުން ކުރަމުންދާ މަސައްކަތަށް ޗައިނާއިން ވަނީ ފާޑު ކިޔާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެމެރިކާއެކު ޓައިވާނުން ކުރިއަށް ގެންދާ ހަތިޔާރުގެ ވިޔަފާރީގެ މުއާމަލާތް ކުށްވެރި ކުރައްވާ ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެމެރިކާއިން ޓައިވާނަށް އެފް 16 ގެ މަރުކާގެ މަތިންދާބޯޓު ވިއްކައިފި ނަމަ، ސަރަހައްދުގެ އަސްކަރީ ހަމަހަމަކަން ބޮއްސުން ލައިގެންދާނެ ކަމަށެވެ.
އެމެރިކާއިން ޓައިވާނާއެކު ގާތް ގުޅުމެއް ބާއްވަން ބޭނުންވާނަމަ، ހަތިޔާރު ނުވިއްކާ، ޑިޕްލޮމެޓިކޮށް ގުޅުން ވަރުގަދަ ކުރަން ވެސް ބަޔާނުގައި ވަނީ ގޮވާލާފަ އެވެ. އެމެރިކާއިން ދެ ބިލިއަން ޑޮލަރުގެ ހަތިޔާރު ޓައިވާނަށް ވިއްކަން ނިންމުމުން ވެސް ޗައިނާއިން ވަނީ އެކަމާ މީގެ ކުރިން ފާޑު ކިޔާފަ އެވެ.
އެފަހަރު ޗައިނާއިން ބުނީ، ޓައިވާނަށް ވިއްކާ ހަތިޔާރުގެ ސަބަބުން ޗައިނާގެ ސަލާމަތަށް ނުރައްކާ ކުރިމަތިވާ ކަމަށެވެ. ދެ ބިލިއަން ޑޮލަރުގެ ވިަޔފާރީގެ މުއާމަލާތުގެ ދަށުން އެފަހަރު ޓައިވާނަށް ވިއްކަން ނިންމީ އެއްގަމު ހަތިޔާތުގެ ގޮތުގައި ބޭނުންކުރާ އަބްރަމްސް ޓޭންކަރެވެ.