ހަބަރު

އޮންލައިން ވިޔަފާރިތައް ރަޖިސްޓަރީ ކުރަން ޖެހޭ ގޮތް ހަދަނީ

Aug 21, 2019
4

ވިޔަފާރި ރަޖިސްޓަރީ ކުރުމާބެހޭ ގާނޫނަށް ގެންނަ އާ އިސްލާހާއެކު ސޯޝަލް މީޑިއާތަކާއި އެހެނިހެން ޕްލެޓް ފޯމްތަކުގައި އޮންލައިންކޮށް ކުރާ ވިޔަފާރިތައް ވެސް ރަޖިސްޓާ ކުރަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ސަރުކާރު ފަރާތުން ވިޔަފާރި ރަޖިސްޓާ ކުރުމާބެހޭ ގާނޫނަށް ގެނައުމަށް ހުށަހެޅި ބިލާ ގުޅޭ ގޮތުން މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ ރާއްޖޭގައި މިހާރު ކުރާ ވިޔަފާރިތަކުގެ ތެރެއިން ދައުލަތުގައި ރަޖިސްޓާކޮށް ހިންގަނީ މަދު ވިޔަފާރިތަކެއް ކަމަށެވެ. އެގޮތުން ފިހާރަތަކާއި ކެންޓީންތައް ހިންގަން ރަޖިސްޓަރީ ކުރަން ޖެހޭ ނަމަވެސް ގަރާޖާއި ޓިއުޝަން ކްލާސްތައް ފަދަ ތަންތަން ރަޖިސްޓަތީ ކުރަން ލާޒިމްކޮށްފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް އާ ބިލުގެ ބޭނުމަކީ ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރިތައް ރަޖިސްޓަރީ ކުރުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެގޮތުން އޮންލައިންކޮށް ކުރާ ވިޔަފާތިތައް ރަޖިސްޓާ ކުރަން ވެސް މަޖުބޫރުވާނެ ކަމަށް ވިދާޅުވި އެވެ.

"އޮންލައިން ވިޔަފާރިގެ ކަންތައް އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭތީ ބިލު ފާސްވުމުން އެފަދަ ވިޔަފާރިތައް ވެސް ރަޖިސްޓާ ކުރަން މަޖުބޫރު ވެގެން ދާނެ،" ފައްޔާޒު ވިދާޅުވި އެވެ.

އާ ބިލުން ވިޔަފާރިތައް ރަޖިސްޓާ ކުރުމުގައި ފަސޭހަވެގެން ދާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެގޮތުން ވަކި ކުންފުންޏެއް ރަޖިސްޓަރޫ ކޮށްފައި ވާނަމަ އެ އެސްޓެބްލިޝަމަންޓުން ހިންގާ އިތުރު ކަންކަން ވަކިން ރަޖިސްޓާ ކުރަން ނުޖެހޭނެ ކަމަށާއި އެއާއެކު މަހުން މަހަށް ދައްކަން ޖެހޭ ފީ ވެސް ދައްކާކަށް ނުޖެހޭނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"ކުންފުންޏަކުން ރަޖިސްޓާކޮށްފައި ހޮޓަލެއް ހިންގަނީ. އަޅުގަނޑުމެންގެ ހުއްދައެއް އަލުން ނަގާކަށް ނުޖެހޭނެ 200 ރުފިޔާ މަހު ފީ ދައްކާކަށް ނުޖެހޭނެ. އެއް މަހު ނުދެއްކިގެން ޖޫރިމަނާ އަރައިގެން ތިން ވަނަ މަހު ނުދެއްކުނީމަ ހުއްދަ ބާތިލުވާ ބާތިލުވުން ނިމުމަކަށް މި ގެންނަނީ. އަޅުގަނޑުމެން ހަމައެކަނި މި ބޭނުންވަނީ އެ ބޭފުޅުން މަސައްކަތްކޮށްފައި ފައިދާ ހޯދަފައި ޓެކްސް ސަރުކާރަށް ދެއްކުން. އެހެންވެ ވަރަށް ބޮޑު ލުއި ފަސޭހައެއް ސަރުކާރަށް ވެގެން ދާނެ،" ފައްޔާޒު ވިދާޅުވި އެވެ.