ހަބަރު

ތިން ރަށަކަށް ހޯމް މިނިސްޓްރީން އެހީ ދީފި

ތ. އޮމަދޫ އާއި، ދިޔަމިގިލީގެ އިތުރުން ޅ. ކުރެންދޫގައި މަޝްރޫތައް ހިންގަން ފައިސާގެ އެހީ ދޭން ހޯމް މިނިސްޓްރީން އެއްބަސްވެ ސޮއިކޮށްފި އެވެ.

ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ތިން ރަށުގެ ކައުންސިލާއެކު ވަނީ ސޮއި ކޮށްފަ އެވެ. އެހީ ދޭ ތިން މަޝްރޫއަކީ ތ. އޮމަދޫ އާއި ޅ. ކުރެންދޫގައި ހުންނަ ގަބުރުސްތާނުގެ ވަށާފާރު ރޭނުމާއި ތ. ދިޔަމިގިލީގައި މަގު ބައްތި ޖެހުމުގެ މަޝްރޫއެވެ.

އޮމަދޫގެ ގަބުރުސްތާނު ވަށާފާރު ރާނަން މިނިސްޓްރީން ތިން ލައްކަ ރުފިޔާ ހަރަދު ކުރާއިރު އޮމަދޫ ކައުންސިލުން އެ މަޝްރޫއަށް ދެ ލައްކަ ރުފިޔާ ހަރަދު ކުރާނެ އެވެ.

ކުރެންދޫ ގަބުރުސްތާނު ވަށާފާރު ރޭނުމަށް ވެސް ހޯމް މިނިސްޓްރީން ތިން ލައްކަ ރުފިޔާ ހަރަދު ކުރާއިރު ކުރެންދޫ ކައުންސިލުން ތިން ލައްކަ ވިހި ހާސް ހަރަދު ކުރެ އެވެ.

ދިޔަމިގިލީގައި މަގުބައްތި ޖެހުމުގެ މަޝްރޫއަށް ހޯމް މިނިސްޓްރީން ތިން ލައްކަ ހަރަދު ކުރާނެ އެވެ. ރަށު ކައުންސިލުން ލައްކަ އަކަށް ވުރެ ގިނައިން ހަރަދު ކުރާނެ އެވެ.

މި ތިން މަޝްރޫއުގެ އެއްބަސްވުމުގައިވެސް ހޯމް މިނިސްޓްރީން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރެވެ.