އަންޑާ ވޯޓާ ވޮލްޑް އޮފް މޯލްޑިވްސް ފޮޓޯ މައުރަޒު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ހުޅުވައިދެއްވައިފި އެވެ.
އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތެއްގެ ފޮޓޯ މައުރަޒު ހުޅުވައިދެއްވުމަށްފަހު ރައީސް ސޯލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ ފޮޓޯ މައުރަޒު ބައްލަވާލައްވާފަ އެވެ. އަދި މިނިސްޓާ އޮފް އާޓްސް އެންޑް ކަލްޗާ ޔުމްނާ މައުމޫން ވެސް ވަނީ ފޮޓޯ މައުރަޒު ބައްލަވާލައްވާފަ އެވެ.
އަންޑާ ވޯޓާ އޮފް މޯލްޑިވްސް ފޮޓޯ މައުރަޒަކީ ޑރ. ނާއިލާ މުހައްމަދު ދީދީގެ ކުރެހުންތަކާއި އަތްތެރި މަސައްކަތް ދައްކުވައިދޭ މައުރަޒެކެވެ. މި މައުރަޒު ހުޅުވައިދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން ރައީސް ސޯލިހުގެ ދެކަނބަލުންނަށް ވަނީ ހަނދާނީ ހަދިޔާއެއްވެސް އަރުވާފަ އެވެ.
ޑރ. ނާއިލާ އަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ގިނަ ދުވަސް ވަންދެން ހިދުމަތް ކޮށްދެއްވާފައިވާ ބެފުޅެކެވެ. ނާއިލާއަކީ ރާއްޖޭގެ ފުރަތަމަ އަންހެނުންގެ ޑޮކްޓަރެވެ. މީގެ އިތުރުން ނާއިލާ ވަނީ އަންހެނުންގެ ތަފާތު ބަލިތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ވެސް ކޮށްފަ އެވެ.
މިއީ ނާއިލާގެ ކުރެހުންތަށް އާންމުނަށް ދައްކާލުމުގެ ގޮތުން ބާއްވާ މިފަދަ ތިން ވަނަ ފޮޓޯ މައުރަޒު ކަމަށް، މިކަން އިންތިޒާމުކުރި ކްރާފްޓްސް އެންޑް ކްރިއޭޝަނުން ވަނީ ބުނެފަ އެވެ. ނާއިލާގެ ކުރެހުންތަށް މިއަދުން ފެށިގެން ތިން ދުވަހުގެ ނިޔަލަށް އާޓް ގެލެރީގައި ބެލެން ހުންނާނެ އެވެ.