ރާއްޖެ ކުޅިވަރު

ވީއޭއެމް މައްސަލާގައި ލަތީފް އެދުނު ވަގުތީ އަމުރު ނުދިން

Aug 21, 2019
1

ވޮލީބޯލް އެސޯސިއޭޝަން، ވީއޭއެމްއަށް ކޮމިޝަނާ އޮފް ސްޕޯޓްސް އެޅި ފިޔަވަޅަށް އަމަލު ކުރުން ފަސްކުރުމަށް އެދި އެ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެދުނު ވަގުތީ އަމުރު ނެރެ ނުދޭން އެ ކޯޓުން ނިންމައިފި އެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސްއަށް ލިބޭ ބާރުގެ ދަށުން ވީއެމްއެމްއަށް ފިޔަވަޅު އަޅަން ނިންމީ ޔޫތް މިނިސްޓްރީން ވީއެމްއެމްއާ ގުޅޭ ގިނަ ޝަކުވާތަކެއް ކޮމިޝަނާ އޮފް ސްޕޯޓްސްއަށް ހުށަހެޅުމުންނެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސްއިން ވީއެމްއެމްއަށް އެންގީ ނޯމަލައިޒޭޝަން ކޮމެޓީއެއް އެކުލަވާލުމަށާއި އެ އެސޯޝިއޭޝަންގެ ހިންގުމާއި އޮފީހާއި އެންމެހައި ލިޔެކިޔުންތަކާއި އެހެނިހެން ސަމާނާއި ވަސީލްތްތަކާއި ތަކެތި އެ ކޮމެޓީއާ ހަވާލުކުރުމަށެވެ.

ލަތީފް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ އެ ނިންމުމަކީ ކުޅިވަރު ގާނޫނާއި ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓަރީކޮށް ހިންގުމާ ބެހޭ ގަވައިދާ ހިލާފު ނިންމުމެއް ކަމަށް ބުނެ އެވެ. އޭނާ އެދިފައިވަނީ އެ ނިންމުމަކީ ބާތިލް ނިންމުމެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށެވެ.

އެ ނިންމުމަށް އަމަލު ކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް ލަތީފް އެދުނު ސަބަބެއް ކަމަށް ބުނެފައިވަނީ އިންތިހާބުކޮށްފައިވާ ހިންގާ ކޮމެޓީގެ ދައުރު ގަވައިދުގައިވާ ގޮތުގެ މަތިން ހަމަނުވަނީސް އެ ކޮމެޓީގެ މެންބަރުން މަގޫމުން ދުރުކުރުމުގެ ސަބަބުން މެންބަރުންނަށް އިޔާދަނުކުރެވޭނެ ގެއްލުން ލިބޭނެތީ އެވެ. އަދި މިހާރު ބައިވެރިވާާން ނިންމާފައިވާ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވޮލީ ޓީމް ބައިވެރިކުރުމަށް ހުރަސްތައް އެޅިގެންދާނެ ކަމަށް ބުނެ އެވެ.

އެކަމަށް ޔޫތް މިނިސްޓްރީން ވަނީ އިންކާރުކޮށްފަ އެވެ. އެހެންވެ ލަތީފް ވަގުތީ އަމުރު ހޯދަން އެދުނު ސަބަބު އޮތް ކަމަށް ފެންނަން ނެތް ކަމަށް ސިވިލް ކޯޓުން ނިންމި އެވެ. އެގޮތަށް ނިންމީ ވަގުތީ އަމުރާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ އުސޫލަށް ރިއާޔަތްކުރުމަށްފަހު އެވެ.