ލައިފްސްޓައިލް

24 އަހަރު ކުރިން ބައިސްކަލެއް ދިން މީހަކު ހޯދައިފި

މީގެ 24 އަހަރު ކުރިން ރެފިއުޖީ ކުއްޖަކަށް ބައިސްކަލެއް ދިން އެއިޑް ވޯކަރެއް ސޯޝަލް މީޑިއާގެ އެހީގައި ހޯދާ ޝުކުރު އަދާކޮށްފި އެވެ. މިއީ 1991 ވަނަ އަހަރު އިރާގުން ނުކުމެ ހިމާޔަތް ހޯދަން މަސައްކަތްކުރި މީވާން ބާބަކާ ގެ ވާހަކައެވެ.

މީވާން އާއި އޭނާގެ އާއިލާ އިރާގުން ނިކުމެ ރަޝިއާ، ތުރުކީ އަދި އަޒާބައިޖާން އިން ނެދަލޭންޑަށް ހިޖުރަކޮށް އެތާނގެ ރެފިއުޖީ ކޭމްޕެއްގައި އުޅުނު އިރު ދިމާވި ކަމެކެވެ.

އޭރު މީވާންއަށް އެންމެ ފަަސް އަަހަރެވެ. އެ ދުވަސްވަރު އެ ކޭމްޕްގައި މަސައްކަތްކުރި ޑަޗް ހިއުމެނިޓޭރިއަން ވޯކަރެއް ކަމުގައިވާ އެގްބާޓް އޭނާގެ ހަނދާނުގައި ވެއެވެ.

މީވާންގެ އާއިލާއަށް ރެފިއުޖީ ކޭމްޕްއިން ސަލަމާތްވެ ނެދަލޭންޑްސްގައި ދިރިއުޅެން ފެށިތަނާ އެގްބާޓް 100 މޭލު ދުރުގައިވާ ރެފިއުޖީ ކޭމްޕުން އޭނާގެ ގެއަށްގޮސް ހަދިޔާ ކުރީ ރަތްކުލައިގެ ބައިސްކަލެކެވެ.

މީވާން ބުނި ގޮތުގައި އެ ބައިސްކަލް ލިބުމުން އޭނާ އުފަލުން އޭރު ފޮޅުނެވެ. އަދި އެއީ އޭނާގެ އެއްޗެއްކަން ގަބޫލު ކުރަން އުދަނގޫވި އެވެ.

އަހަރުތަކެއް ފަހުން މީވާން އޭނާގެ އާއިލާއާއެކު އިނގިރޭސި ވިލާތަށް ބަދަލުވެ މާސްޓާސް ޑިގްރީއެއް ހެދުމަށްފަހު މީޑިއާގެ ދާއިރާގައި މަސަައްކތަ ފެށި އެވެ. މިފަހުން މީވާން ވަނީ އޭނާގެ ކުރުދީ ރެފިއުޖީއެއްގެ ގޮތުގައި އުޅުނު ދުވަސްތަކުގެ ހަަނދާންތަކާއި ގުޅޭގޮތުން އިތުުރަށް ހޯދަން ޝައުގުވެރިވެފަ އެވެ. އެގޮތުން އޭނާގެ ދިރިއުޅުމުގެ ދަތުރުގައި އޭނާގެ ކުޑައިރުގެ ހަނދާންތަކުގެ ބޮޑު ބައެއް ކުޅެފައިވާ މި ބައިސްކަލް ދިން މީހާ ހޯދަން ބޭނުންވި އެވެ.

އެހެންކަމުން އަލުން ނެދަލޭންޑަށް ގޮސް ސިޓީހޯލާއި ލައިބްރަރީއެއްގައި އެގްބާޓްއަކީ ކާކުކަން ހޯދަން މަސައްކަތް ފަށާ ކާމިޔާބު ނުވުމުން އިންޓަނެޓްގެ އެހީ ހޯދި އެވެ. އަދި އެއްވެސް މީހަކަށް އެގްބާޓަކީ ކާކުކަން ބުނެދޭން ނޭގުމުން އެންމެ ފަހުގެ އުއްމީދެއްގެ ގޮތުން ސޯޝަލް މީޑިއާގެ އެހީ މީވާން ހޯދި އެވެ.


މީގެ 24 އަހަރު ކރުިން ބައިސްކަލެއް ދިން މީހާ ހޯދަން ޓުވިޓާގައި ޖެހި ޕޯށްޓް

ޓްވިޓާގެ އެހީގައި ދެ ގަޑި އިރު ތެރޭ މީވަންއަށް އެގްބާޓް ޖަރުމަނުގައި ދިރިއުޅޭ ކަމުގެ މައުލޫމާތު ލިބި ހޯދުނުވެ. އެގްބާޓް ގެ ދެމަފިރިން އެހީތެރިވި އެހެން މީހުން ވެސް މީވާންއަށް މެސެޖް ކުރަމުން ދިޔައެވެ. އެގްބާޓްގެ ދެމަފިރިން އެމީހުންގެ އޯގާތެރިކަމާއެކު ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ވެސް ހާމަވިއެވެ.

މީވާން އެގްބަޓަށް ޝުކުރު އަދާކޮށް ބުނެފައިވަނީ މިއީ އަބަދު ނުފެންނަ ގާތްތިމާގެ މީހުން ފެނުން ކަހަލަ ކަމެއް ކަމަށެވެ. މީވާން އަށް އެގްބާޓަށް ޝުކުރު އަދާ ކުރަނީ ހަމައެކަނި ބައިސްކަލަކަށް ނޫން ކަމަށެވެ. މީވާންގެ އަމިއްލަ ނަފްސުގެ އަގަށް ވެގެން ދިޔައީ ކުޑައިރު ލިބުނު މި ހަދިޔާއިން އޭނާއަަށް ގެނައި އުފާވެރި އިހުސާސްތަކުން ކަމުގައި އޭނާ ބުނެފައިވެއެވެ.