ދިވެހި ސިނަމާ

"ލީނާ" ހުޅުމާލެ ޝްވެކަށް ގެންދަނީ

މިދިޔަ ޖުލައި މަހުގެ 23 ވަަނަ ދުވަހު ރިލީޒް ކުރި އަބްދުﷲ މުއާޒްގެ ފުރަތަމަ ފީޗާ ފިލްމު "ލީނާ" ގެ ޝޯތަކެއް ހުޅުމާލެ ޝްވެކްގައި އަޅުވަން ނިންމައިފި އެވެ.

މި މަހު 29 އިން ފަށައިގެން ޝްވެކަށް "ލީނާ" ގެންދާ އިރު، މާލޭ ޝްވެކައި ނާޅުވާނެ ކަންވެސް މުއާ ފާހަގަ ކުރި އެވެ. ޝޯތަކަށް ޓިކެޓް ބުކް ކުރުން އަަންނަ ހަފުތާގައި ފަށާނެ އެވެ.

އަންހެން ކުއްޖެއްގެ މަރުގެ ވާހަކަ ކިޔައިދޭ ފިލްމު ބޯއިކޮޓްކޮށް ނޭޅުވުމަށް އެކި ފަހަރު މަތިން ސޯޝަލް މީޑިއާގައި އަޑުގަދަ ކޮށްފައި ވަނިކޮށް މި ފިލްމު އެޅުވީ ދެ އަހަރުގެ މަސައްކަތަށް ފަހު އެވެ. އެހެން ނަމަވެސް މި ފިލްމުގެ 15 ޝޯ އޮލިމްޕަހުގައި އަަޅުވާފައިވާއިރު 11 ޝޯ ދިޔައީ ހައުސްފުލް ކޮށް ކަމަށް ފިލްމުގެ ޕްރޮޑިއުސަރު އަދި ލީޑް އެކްޓަރު މުއާ ބުންޏެވެ.

"އަސްލު ހަމަ ހީކުރި ވަރަށްވުރެ ބޮޑަށް ސަކްސެކްފުލް. 11 ޝޯ ހައުސްފުލް ކަމަށް ބަލަމާ. ވަރަށް ރަނގަޅު ކޮމެންޓްސް ލިބެނީ ވެސް ފިލްމާ ދޭތެރޭ" މީގެ ކުރިން މުއާ އަވަސް އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ފިލްމުގެ ތިއެޓްރިކަލް ޓްރެއިލާ--

"ލީނާ" އަކީ ރާއްޖޭގައި ކުރިން ހިނގާފައިވާ ހާދިސާއަކުން އިންސްޕަޔާ ވެގެން އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ. ފިލްމުގެ ޓައިޓްލް ރޯލް ކުޅެފައި ވަނީ މަރިޔަމް އައްޒަ އެވެ. އައްޒަގެ ލޯބިވެރިޔާގެ ރޯލު އަލީ އާޒިމް (ދޮން އައްޔަ) ކުޅެފައިވާއިރު ގާތިލުގެ ރޯލު ކުޅުނީ މުއާ އެވެ. އިތުރު މުހިއްމު ބައިތަކުގައި ނުޒުހަތު (ނުޒޫ) ޝުއައިބް، ޒީނަތު އައްބާސް، އަހުމަދު ނިމާލް އަދި އަހުމަދު އީސަ (އާނަންދު) ވެސް ހިމެނެ އެވެ.

މި ފިލްމު އަތޮޅު ތެރޭގައިވެސް އަޅުވާފަައި ވެ އެވެ.