ބޭނުން ކުރުމާއި ޓެސްޓް ކުރުން މަނާ ކޮށްފައިވާ ކްރޫޒް މިސައިލެއް އެމެރިކާއިން މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައި ޓެސްޓްކޮށްފައި ވުމުން، ގައުމީ ސަލާމަތަށް ނުރައްކާ އެބައޮތް ކަމަށް ބުނެ ޗައިނާ އާއި ރަޝިއާއިން އެއް މޭޒެއްގެ ދޮށުގައި އދ. މެދުވެރިކޮށް މަޝްވަރާ ކުރަން ނިންމައިފި އެވެ.
އދ. ގެ ސެކިއުރެޓީ ކައުންސިލް މެދުވެރިކޮށް ބާއްވާ މި ބައްދަލުވުން ބާއްވާނީ މިއަދުގެ ވަގުތެއްގަ އެވެ. ޗައިނާ އާއި ރަޝިއާއަށް ދިމާވާ ނުރައްކަލުގެ އިތުރުން އެ ދެ ގައުމުން ބުނަނީ އެމެރިކާގެ މިސައިލް ޓެސްޓުގެ ސަބަބުން ބައިނަލްއަގްވާމީ މުޖްތަމައުގެ ސުލްހަ ގެއްލިގެންދާނެ ކަމަށެވެ. ބައްދަލުވުމުގައި 15 މެމްބަރުން ބައިވެރިކުރާ ކުރާ ގޮތަށް ޗައިނާ އަދި ރަޝިއާއިން ވަނީ އދ. އަށް ހުށަހަޅާފަ އެވެ.
އެމެރިކާއިން ކްރޫޒް މިސައިލް ޓެސްޓް ކޮށްފައިވަނީ، އެމެރިކާގެ ހަތުރުންނަށް އަމާޒު ކޮށްގެން ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ މާސްކާ އެސްޕާ ވަނީ ވިދާޅުވެފަ އެވެ. އެމެރިކާގެ ޓިވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި އެސްޕާ ވިދާޅުވީ، ކްރޫޒް މިސައިން ޓެސްޓް ކުރީ ޗައިނާ އާއި އުތުރު ކޮރެއާ އަދި ރަޝިއާގެ އަމަލުތަކުގެ ސަބަބުން ކަންބޮޑުވާތީ މެސެޖެއް ދިނުމުގެ ބޭނުމުގައި ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ޗައިނާ އާއި އެހެން ގައުމުތަކުގެ އަމަލުތަކަށް ރައްދު ދީ އެމެރިކާގެ އަސްކަރީ ގާބިލްކަން ހުރި މިންވަރު އެ ގައުމުތަކަށް ދައްކައިދޭން މިސައިލް ޓެސްޓް ކޮށްގެން" އެސްޕާ ވިދާޅުވި އެވެ.
އެސްޕާ އިތުރަށް ވިދާޅުވީ، އޭޝިއާގެ ގައުމަކަށް ވަރަށް އަވަހަށް މިސައިލެއް ޓެސްޓެއް ކުރާނެ ކަމަށެވެ. އެއީ ކޮން ގައުމެއްކަން އެސްޕާ ވިދާޅެއްނުވެ އެވެ. ނަމަވެސް އޭޝިއާގައި އަސްކަރީ ގޮތުން އެމެރިކާ އާއި އަރާ ހަމަކުރެވޭނީ ޗައިނާ އަށެވެ. ދެން އޮތީ ނުރައްކަލެއް ކަމަށް ދެކޭ އުތުރު ކޮރެއާ އެވެ.
ކްރޫޒް މިސައިލް އެމެރިކާއިން ޓެސްޓު ކުރީ ހަމަލާދޭން ކަމަށް ރަޝިއާގެ ރައީސް ޕުޓިން ވަނީ ވިދާޅުވެފަ އެވެ. ޕުޓިން ވިދާޅުވީ، ހޯމަ ދުވަހު މިސައިލް ޓެސްޓެއް ކުރީ، ބުދަ ދުވަހު ރޮމޭނިއާ ނުވަތަ ޕޮލެންޑުގެ ހިސާބަކަށް ހަމަލާދީ ރަޝިއާ ރުޅި އަރުވަން ކަމަށެވެ. އެގޮތަށް އެމެރިކާ ކަންތައްކުރީ ރަޝިއާ ރުޅި އެރުވައި، އިސްވެ އޮވެ އެމެރިކާއަށް ހަމަލާއެއް ދޭތޯ ބަލަން ކަމަށް ވެސް ވިދާޅުވި އެވެ.