ހަބަރު

ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ހާއްސަ ކުރާނަން: ރައީސް

ލާމަރުކަޒީ ނިޒާމު އަލުން ގާއިމް ކުރަން ގެންނަން ޖެހޭ އިސްލާހުތަކުގައި ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ހާއްސަ ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް ޝަރަފުވެރި ކޮށްދެއްވާ މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ގާއިމް ކުރުމަށް ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ ކައުންސިލްތައް މާލީ ގޮތުން ތަނަވަސް ކުރުން ކަމަށާއި ރަށު ކައުންސިލްތަކުގެ އިހްތިސޯސް ކަނޑައެޅި އެ ރަށެއްގެ މުއްސަނދިކަން އެ ރަށަކަށް ލިބޭނެ ފުރިހަމަ ނިޒާމެއް ގާއިމް ކުރުން ކަމަށެވެ. އެގޮތުން ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ހާއްސަ ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމުގައި ހަގީގީ ކުލަ ޖެއްސުމަށް އަލުން މަސައްކަތް ފަށާ އެޖެންޑާ 19 ގައި ހިމަނާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ފާސްވެގެން އައީ އެމްޑީޕީން ބޭނުންވި ގޮތަކަށް ނޫން ކަމަށާއި ކައުންސިލްތައް އުފެދިގެން ދިޔަ އިރު ސަރުކާރު ވުޒާރާ ތަކުން ކުރަމުން އައި ކަންކަން ރަށު ކައުންސިލްތަކަށް ދިން ކަމަށެވެ. އެހެންނަމަވެސް، އެމްޑީޕީ ސަރުކާރަށްފަހު ދެން އައި ސަރުކާރުތަކުން އެ ނިޒާމަށް ފަށާފައިވާ އުއްމީދީ ދަތުރު ނިމުމަކަށް ގެނެސް ކުރިއަށް އޮތް މަރުކަޒީ ނިޒާމަށް އަނބުރާލަން މަސައްކަތް ކޮށްފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.

"2010 ވަނަ އަހަރު ލާމަރުކަޒީ ނިޒާމު ގާއިމް ކުރުމުގެ ގާނޫނު ފާސްވެގެން އައިއިރު އެމްޑީޕީން އެ ގާނޫނުގައި ހިމަނަން އެދުނު ކަަންކަން ވީ ބަދަލުވެފައި. ލާ މަރުކަޒީ ގާނޫނު ފާސް ވެގެން އައީ އެމްޑީޕީން ބޭނުންވި ގޮތަކަށް ނޫން. ލާ މަރުކަޒީ ގާނޫނު ވުޖޫދުވެ އެ ގާނޫނުގެ ދަށުން އުފެދެން ޖެހޭ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާ އަތޮޅު ކައުންސިލްތައް 2011 ވަނަ އަހަރު އުފެދިގެން ދިޔަ. އަދި ގާނޫނުގައި މި ދެންނެވި ކައުންސިލްތަކަށް ލިބިދީފައިވާ ހުރި ބާރުތައް އެ ކައުންސިލްތަކަށް ދިނުމަށް އޭރު އޮތް އެމްޑިޕީ ސަރުކާރުންް މަސައްކަތް ކުރި" ރައީސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ، މި ސަރުކާރުން ގެންނަން ވައުދުވެގެން އައި ޖަޒީރާ ރާއްޖެއަށް ވާސިލް ކުރެވޭނީ ލާމަރުކަޒީ ނިޒާމު ގާއިމް ކުރެވިގެން ކަމަށެވެ.

"މާލެ ސަރަހައްދަށް ދިމާވެފައިވާ ތޮށް ޖެހުމާއި އިޖުތިމާއީ އެތައް މައްސަލަތައް ހައްލުކުރެވެން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްގީ ކުރެވި ވަޒީފާތައް އުފެދި ރަށްތަކުގެ ފުދުންތެރިކަން އިތުރުވެގެން. މި ހުރިހާ ކަމެއް ކުރެވޭނީ ޒަމާނުއްސުރެ މާލެ އަށް ޖަމާވެފައިވާ ބާރުުތައް ދޫކޮށްލެވިގެން"

ލާމަރުކަޒީ ނިޒާމު ފުރިހަމަ ކުރުމަށް ގެންނަން ޖެހޭ ގާނޫނީ ބަދަލުތައް މިހާރުވަނީ ޑްރާފްޓް ކުރެވިފައި ކަމަށް ރައީސް ވިދާޅުވި އެެވެ. އެގޮތުން، ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓު ރަށު ކައުންސިލްތަކަށް ދީ ކައުންސިލްތައް މާލީ ގޮތުން މުއްސަނދި ކުރުމުގެ އިތުރުން، ބިމާ ރަށާއި ފަޅާ ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސެންޓާއި މީހުން ދިރިއުޅޭ ރަށްރަށުގެ ބިމުގެ ކުލީގެ 100 ޕަސެންޓް ކައުންސިލްތަކަށް ދޫކޮށްލެވޭނެ ކަމަށެވެ. އަދި، ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ ވަންނާނީ ސީދާ ކައުންސިލްތަކަށް ކަމަށެވެ.

ރައީސް ވިދާޅުވީ، ރައްޔިތުން ހަވާލުކޮށްފައިވާ ބޮޑު ޒިންމާ އަދާ ކުރެވޭނީ ލާމަރުކަޒީ ކުރެވިގެން ކަމަށެވެ. އަދި، ތަރައްގީގެ ކަންކަމުގައި ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަކީވެސް ލާމަރުކަޒީ ކުރުމުގެ މުހިއްމު އެއްބައި ކަން ރައީސް ފާހަގަކުރެއްވި އެވެ.

"ލާމަރުކަޒީ ނިޒާމަށް ގެންނަން މި ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ރަށު އަދި ސިޓީ ކައުންސިލް ގޮނޑީގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމަށް ނިންމާފައިވާނެ"