އިންޑޮނޭޝިއާ

މުޒާހަރާތަކާ ގުޅިގެން އިންޑޮނޭޝިއާގައި ނެޓުގެ ހިދުމަތް ކަނޑާލައިފި

އިންޑޮނޭޝިއާގެ ހުޅަނގުގެ ޕްރޮވިންސެއް ކަމަށްވާ ޕަޕުއާގެ ރައްޔިތުންނަށް އެ ގައުމުގެ އެހެން ރައްޔިތުންނަށް އޮންނަ ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ބުނެ ކުރަމުންދާ މުޒާހަރާތައް ސަލާމަތީ ބާރުތަކަށް ކޮންޓޮރޯލްނުވެ ހާލަތު ގޯސްވަމުންދާތީ އެ ސަރަހައްދުން އިންޓެނެޓުގެ ހިދުމަތް މެދު ކަނޑާލަން ނިންމާފައިވާ ކަމަށް އެ ގައުމުގެ އިންފޮމޭޝަން މިނިސްޓްރީން ބުނެފި އެވެ.

އިންޓަނެޓުގެ ހިދުމަތް ކަނޑާލާފައި ވަނީ، މުޒާހަރާތައް ކޮންޓްރޯލް ކުރަން ޕަޕުއާ ސަރަހައްދަށް އިތުރު ސިފައިންތަކެއް ވެސް ފޮނުވުމަށްފަހު އެވެ. އިންޓަނެޓު ހިދުމަތް ކަނޑާލިކަން މުޒާހަރާގެ ބައިވެރިންނަށް އެނގުނު ހިސާބުން ފެށިގެން ދަނީ އިތުރު ހަމަނުޖެހުންތައް އުފައްދާ ސަރުކާރަށް ޕްރެޝަރު ކޮށްގެން އަލުން އިންޓަނެޓުގެ ހިދުމަތް ދިނުމަށް ގޮވާލަމުންނެެވެ.

އިންޓަނެޓުގެ ހިދުމަތް ކަނޑާލި މައްސަލައިގައި ވެރިރަށް ޖަކާޓާގައި ވެސް މިހާރު ވަނީ މުޒާހަރާކުރަން ފަށާފަ އެވެ. އިންފޮމޭޝަން މިނިސްޓްރީން ބުނެފައިވަނީ، ޕަޕުއާގެ ހާލަތު ހަމައަކަށް އެޅެންދެން އިންޓަނެޓުގެ ހިދުމަތް އަލުން ދޭން ނުފެށޭނެ ކަމަށެވެ. އަދި މެދު ކަނޑާލާފައިވަނީ ހަމައެކަނި އިންޓަނެޓުގެ ހިދުމަތް ކަމަށްވުމުން، މުވާސަލާތީ އެއްވެސް ކަމަކަށް ހުރަހެއް އެޅިފައިނުވާ ކަމަށެވެ.

ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ބުނެ މިދިޔަ ހޯމަ ދުވަހާ ހަމައިން ކުރަން ފެށި މުޒާހަރާގެ ފުރަތަމަ ދުވަހު ވެސް ބައިވެރިން ވަނީ، ސަރުކާރުގެ އިމާރާތްތަކުގައި އަލިފާން ރޯކޮށް މުދަލަށް ގެއްލުންދީފަ އެވެ. މި މުޒާހަރާ އެންމެ ފުރަތަމަ ކުރަން ފެށީ، މަންކްވާރީ އަވަށުގަ އެވެ.