ފިނޭންސް މިނިސްޓްރީ

ކުދި މަޝްރޫތަކަށް ވާދަ ކުރެވޭނީ ދިވެހި ކުންފުނިތަކަށް

ކޮންސްޓްރަކްޝަން ދާއިރާގެ މަޝްރޫއު ތަކުގެ ތެރެއިން އަގު ވަކި ވަރަކަށް ކުދި މަޝްރޫއު ތަކަށް ހަމައެކަނި ދިވެހި ކުންފިނިތަކަށް ވާދަކުރެވޭނެ ގޮތް ހަމަޖައްސަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ބީލަންވެރިންގެ މަހާސިންތާ ފައްޓަވައި ދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީރު މިއަދު ވިދާޅުވީ ކޮންސްޓްރަކްޝަންގެ ކުދި މަޝްރޫއުތަކަށް ހަމައެކަނި ދިވެހި ކުންފިނިތައް ވާދަކުރެވޭ ގޮތް ހަމަޖައްސަން ނިންމީ ދިވެހި ވިޔަފާރިތައް އިތުރަށް ކުރިއަރުވަން ކަމަށެވެ.

އަދި ވިދާޅުވީ ބީލަންވެރިންގެ މަސައްކަތް ދެފުށް ފެންނަ ގޮތަަކަށް ކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތަކުން ބީލަމުގެ މަރުހަލާ ކުރިއަށް ގެންދިޔައީ މާލިޔަތު ގަވާއިދާ އެއްގޮތަށްތޯ ބަަލަން މިނިވަން ކޮމެޓީ އެއްވެސް މިހާރު އުފައްދަވާފައިވާ ކަމަށެވެ.

"ސަރުކާރުގެ އޮފީސްތަކުން ބީލަމުގެ މަރުހަލާ ކުރިއަށް ގެންދިޔައީ މާލިޔަތު ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ ގޮތުން ވާނީ ކޮމެޓީއެއް އުފައްދާފައި." މިނިސްޓަރު ވިދާޅުވި އެވެ .

މީގެ އިތުރުން، ސަރުކާރުގެ އޮފީސްތަކުން ކުރިއަށް ގެންދާ ޕްރޮކިއުމެންޓްތައް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކުރަން ސަރުކާރުން ނިންމުމާއި ގުޅިގެން އެ އުސޫލަށް އަމަލު ކުރަން ދައުލަތުގެ އޮފީސްތަކަށް އަންގާފައިވާނެ ކަަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.