އެއްވެސް އިންތިހާބެއްގެ ކެމްޕޭނަކާ ގުޅިގެން ފައިސާ ހޯދަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގުޅާފައި ނުވާ ކަމަަށް އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި އުޅުއްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑްރިން ދައުވާ ކުރާ މައްސަލައިގައި ދައުލަތުން ހުށަހެޅި ހެއްކެތްގެ ގޮތުގައި އަދީބު ހާޒިރު ކުރުމުން، ދައުލަތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަދީބު ވިދާޅުވީ، ކެމްޕެއިން ފައިސާއެއް ދެއްވަން ޔާމީން ނުގުޅުއްވާ ކަމަށާއި، ނަމަވެސް އެމްއެމްޕީއާރްސީގެ ފައިސާގެ ކަންކަމުގައި ވަރަށް ގިނައިން ޔާމީން ގުޅުއްވާފައިވާ ކަމަށެވެ.
ޝަރިއާތުގެ މަޖިލީހުގައި އަދީބު އިތުރަށް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ފައިސާ އަމިއްލަ ކުންފުނިތަކަށް ޖަމާކޮށް އެ ފައިސާ ހޯދަން ޔާމީން އެތަކެއް ފަހަރު މަތިން ގުޅާފައިވާ ކަމަށެވެ. އަދި ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ކެމްޕޭނަށް ލިބުނު ފައިސާ ކަމަށް އެމަނިކުފާނު ވިދާޅުވިޔަސް، އެއީ ކެޕްޕޭނަށް ލިބިވަޑައިގެންނެވި ފައިސާ ނޫން ކަމަށް ވެސް ހެކި ބަސް ދެމުން އަދީބު ވަނީ ވިދާޅުވެފަ އެވެ.
ދެހާސް ފަނަރަ އަހަރު އެއްވެސް އިންތިހާބެއް ނެތް ކަމަށާއި، އިންތިހާބެއް އޮތް ނަމަވެސް ފައިސާ ދޭ މީހެއްގެ އަތުން ލިބެނީ ދެ ލައްކައެއްހާ ރުފިޔާ ކަމަށްވެސް އަދީބު ވަނީ ވިދާޅުވެފަ އެވެ. އަދި އޭނާ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދޭނީ އެއްވެސް ފަރާތަކާއި ޒާތީ ވުމެއް ނެތި ކަމަށްވެސް އަދީބު ވިދާޅުވި އެވެ.
ޔާމީން އާ ދެކޮޅަށް އަދީބު ހެކިބަސް ދެމުން ގެންދާއިރު، ޔާމީން ވަނީ އަދީބު ހެކިބަސް ނުނެގުމަށް މައްސަލަ ޝަރިއަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ގާޒީ އަހްމަދް ހައިލަމްގެ ކިބައިން އެދި ވަޑައިގެންފަ އެވެ. އަދީބުގެ ހެކިބަސް ނުނެގުމަށް ގާޒީ އަރިހުން ޔާމީން އެދި ވަޑައިގަތީ އަދީބުގެ ހިތުގައި ޔާމީންއާ ދެމެދު އަދާވަތްތެރިކަން އޮންނާނެތީ އާއި ބޮޑެތި ކުށްތަކެއް ތުހުމަތުވާ ބޭފުޅަކަށްވާތީ ކަމަށް ވިދާޅުވެ އެވެ. ނަމަވެސް މައްސަލަ ގާޒީ ނިންމެވީ އެފަދަ އަދާވަތްތެރިކަމެއް އޮންނާނެ ކަމަށް ނުބެލެވޭ ކަމަށާއި ހެކި ބަސް ނަގާނެ ކަމަށެވެ.