ފައްޔާޒް އިސްމާއީލް

ރާއްޖޭގައި މަސައްކަތް ކުރާ ބޭރުގެ ކޮންޓްރެކްޓަރުން މަދު ކުރަނީ

ރާއްޖޭގައި މަސައްކަތް ކުރާ ބޭރުގެ ކޮންޓްރެކްޓަރުން މަދުކޮށް، އެ ފަރާތްތަކަށް މަސައްކަތް ކުރެވޭނެ ދާއިރާގެ އަދަދު ވަކި ވަރަކަށް ކަނޑައަޅަން މަޝްވަރާ ކުރަމުންދާ ކަމަށް، އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެެ.

އިސްލާމީ މަރުކަޒުގައި ފެށި "ބީލަންވެރިންގެ މަހާސިންތާ" ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ދައުލަތުގެ ވަކި ކަހަލަ ޕްރޮޖެކްޓްތަކަށް ބޭރުގެ ކޮންޓްރެކްޓަރުން ހަވާލު ކުރާއިރު ދިވެހި ކޮންޓްރެކްޓަރަކާއެކު ޖޮއިންޓް ވެންޗާ އެއްބަސްވުމެއް އޮތުން މަޖުބޫރުކުރަން މަޝްވަރާ ކުރާ ކަމަށެވެ. އަދި މި އުސޫލު ޕްރައިވެޓް ސެކްޓާގެ ކުންފުނި ތަކަށް ވެސް ކަނޑައަޅަން މަސައްކަތް ކުރެވެމުންދާ ކަަމަށެވެ.

"ހާއްސަކޮށް ދައުލަތުގެ ވަކި ކަހަލަ ޕްރޮޖެކްޓުތަކަކަށް ބޭރުގެ ކޮންޓްރެކްޓަރުންނާއި ހަވާލުކުރެވޭއިރު ދިވެހި ކޮންޓްރެކްޓަރަކާއެކު ޖޮއިންޓް ވެންޗާ މަޖުބޫރުކުރުމާއި މި އުސޫލު ޕްރައިވެޓް ސެކްޓާގެ ކުންފުނިތަކަށް ވެސް ކަނޑައަޅަން ދަނީ މަޝްވަރާ ކުރެވެމުން،" މިނިސްޓަރު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާ އަށް ބޮޑެތި ގޮން ޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާ އެ ކަންކަން ހައްލު ކުރަން މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އާއެކު ބައްދަލުކޮށް މަޝްވަރާކޮށްފައިވާނެ ކަމަށެވެ. އަލަށް ރަޖިސްޓްރީ ކުރެވުނު ކޮންޓްރެކްޓަރުންނާއެކު އެ ކުންފުނި ތަކުގެ ގޮންޖެހުންތައް ދެނެގަތުމަށް ވަރަށް އަަވަހަށް ބައްދަލުވުންތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ފައްޔާޒު އިތުރަށް ވިދާޅުވީ ކޮންސްޓްރަކްޝަން ދާއިރާގެ އިތުރުން އެހެން ދާއިރާ ތަކުން ވެސް ގިނަ ކަންތައްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި ނަމަވެސް މަސައްކަތަތައް އަވަސް ސްޕީޑެއްގައި ކުރިއަށް ގެންދަން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސައްކަތްތަކަށް ބޭނުންވާ ތަކެއްޗާއި ވަޒީފާ އަދާކުރާން މީހުން ނެތުން ކަމަށެވެ.