ހޮންކޮންގް

ހޮންގްކޮންގް މުޒާހަރާތަކާހެދި ބޭންކުތައް ރުޅި އަތުވެއްޖެ

ހޮންކޮންގެ ރައްޔިތުން އެ ގައުމުގެ މަޖިލީހަށް ހުށަހަޅާފައިވާ އެކްސްޓްރެޑިޝަން ބިލާއި ދެކޮޅަަށް ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން ބޭންކުތަކަށް ގެއްލުންވަމުން ދާތީ މުޒާހަރާތައް ކުރިއަށް ނުގެންގޮސް ހުއްޓާލަން ހޮންގްކޮންގެ ބޭންކުތަކުން ގޮވާލައިފި އެވެ.

މުޒާހަރާތަށް ހުއްޓާލުމަށް ބޭންކުތަކުން ގޮވާލީ ހޮންގްކޮންގައި ހިންގާ ނޫހެއް މެދުވެރިކޮށެވެ. އެ ނޫހަށް މައުލޫމާތު ދެމުން ގިނަ ބޭންކުތަކުން ބުނީ، ޗައިނާއިން އެގައުމުގެ ގާނޫނު ހޮންގްކޮންގައި ހިންގުމަށް ކުރާ މަސައްކަތް ވެސް ހުއްޓާލުމަށް އެދިފަ އެވެ. ހޮންގްކޮންގެ މެއިންސްސްޓީރިމް މީޑިއާކަށް މައުލޫމާތު ދިން ބޭންކުތަކުގެ ތެރޭގައި އެޗްއެސްބީސީ އާއި ސްޓޭންޑާޑް ޗާޓެޑް އެންޑް ބޭންކް އޮފް އީސްޓް އޭޝިއާ ހިމެނެ އެވެ.

ބޭންކުތަކުން ވަނީ މުޒާހަރާގެ ބައިވެރިންގެ ކިބައިން އާންމު އިޖްތިމާއި މިންގަނޑުގެ ދަށުން ދުނިޔެ ގަބޫލުކުރާ އުސޫލުގެ ދަށުން މުޒާހަރާތަށް ކުރުމަށް ގޮވާލާފަ އެވެ. އަދި މިހާރު މުޒާހަރާގެ ބައިވެރިން ކުރަމުންދާ ކަމަކީ އެކްސްޓްރެޑިޝަން ބިލާއި ދެކޮޅަށް މުޒާހަރާ ކުރުމުގެ ނަންމަތީގައި ގައުމުގެ މާލީ ހާލަތު ދަށްކޮށް، ބޭރު ކުންފުނިތަކުން ބޭންކުތަކަށްް ކުރި އިތުބާރު ގެއްލުވާލުމުގެ މަސައްކަތް ކަމަށް ވެސް ބުނެފަ އެވެ.

ހޮންގްކޮންގެ ރައްޔިތުން ދެކޮޅު ހަދަމުންދާ އެކްސްޓެރެޑިޝަން ބިލްގައިވާ ގޮތުން ޗައިނާ ސަރުކާރުން އެދިއްޖެ ހާލަތެއްގައި ހޮންގްކޮންގް ފަސްގަނޑުގައި ހުރި ކޮންމެ މީހަކު ހައްޔަރުކޮށް އަނބުރާ ޗައިނާއަށް ފޮނުވާލުމުގެ ބާރު ޗައިނާއަށް ލިބެ އެވެ. މި ބިލްގައި އިނގިރޭސިވިލާތައި އެމެރިކާގެ އިތުރުން 20 ގައުމެއް ހިމެނޭއިރު އެކަމާ މުޒާހަރާގެ ބައިވެރިން ކަންބޮނޑުވުން ފާޅުކޮށް މުޒާހަރާއެއް ނުކުރެ އެވެ.

ކުރިން އިނގިރޭސިވިލާތުގެ އަޅުވެތިކަމުގައި އޮތް ހޮންގްކޮންގައި މިހާރު އަމިއްލަ ދައުލަތެއް އޮންނަ ނަމަވެސް އަސްކަރީ ކަންކަމުގައި ހަރަކާތްތެރިވަނީ ޗައިނާ އެވެ. ޗައިނާގެ ނުފޫޒުގެ ސަބަބުން އެ ގައުމަށް ބޭރުގެ އެހީތައް ނުލިބޭ ކަމަށްވެސް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ. މުޒާހަރާގެ ބައިވެރިން ވަނީ މީގެ ކުރިން ޗައިނާ ބޯޑަރު ކައިރީގައި ވެސް މުޒާހަރާކޮށްފަ އެވެ.