ބާރު ސްޕީޑުގައި ދުއްވާ އުޅަނދާއި އުޅަނދު ދުއްވަން އިންނަ މީހާގެ ފޮޓޯ ނަގައި ވަގުތުން ވީޑިއޯ ރެކޯޑްކުރެވޭ ގޮތަށް ފަހުގެ ޓެކްނޮލޮޖީއާއެކު އުފައްދާފައިވާ ސްޕީޑް ގަން ފުލުހުން ބޭނުން ކުރަން ފަށައިފި އެވެ.
މިއަދުން ފެށިގެން މާލެ އާއި ހުޅުމާލެ އަދި ބްރިޖް ސަރަޙައްދުގައި ޓްރެފިކް ފުލުހުން މި ގަން ބޭނުންކުރާނެ އެވެ. މި ސްޕީޑް ގަން އަކީ މިހާރު ބޭނުންކުރަމުންދާ ގަންއަށް ވުރެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ އަދި އޭގައި ބޭނުންކުރެވޭ ފަންކްޝަންތައް ވެސް ގިނަ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ޓްރެފިކް ފުލުހުންވެސް ބޭނުންކުރަމުންދާ ވަސީލަތެކެވެ.
މި ސްޕީޑް ގަން އިން އުޅަނދުގެ ރަޖިސްޓްރީ ނަންބަރު ރެކޯޑު ކުރެވި އުޅަނދު ދުއްވި ސްޕީޑާއި ދުރުމިން ވަގުތުން އަންގައިދޭނެއެވެ. އަދި މި ގަން އިން 320 ކިލޯ މީޓަރު ބާރުމިނަށް ދުއްވާ އުޅަނދުތައް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ރެކޯޑްކޮށް ރައްކާކުރެވޭނެ އެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ފުލުހުން އަންނަނީ މީގެ ކުރިން ވެސް ސްޕީޑް ގަން ބޭނުންކުރަމުންނެވެ.