ހަބަރު

"ދަވާލައިފި"ގެ ނަމުގައި އިދިކޮޅުން ރެލީއަކަށް ތައްޔާރުވަނީ

އަންނަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އިދިކޮޅު ޕީޕެއެމް އާއި ޕީއެންސީއިން ރެލީއެއް ބާއްވަން ނިންމާފައިވާ ކަމަށް ދެ ޕާޓީން މިއަދު ބުނެފި އެވެ.

ދެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ "ދަވާލައިފި" ނަމުގައި ބާއްވާ މި ރެލީގައި ދެ ޕާޓީގެ ގިނަ މެމްބަރުން ބައިވެރިވާނެ ކަމަށެވެ. އަދި މި ފަހަރުގެ ރެލީ ވަރަށް ބޮޑަށް ތަފާތު ވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް މިފަހަރުގެ ރެލީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމެއް ވިދާޅެއްނުވެ އެވެ. އަދި ރެލީ ބާއްވާނެ ތަނެއްގެ ތަފްސީލެއް ވެސް ނުދެއްވަ އެވެ.

ކާނިވާ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ގުޅިގެން މީގެ ކުރިން ވަނީ "ފޭރުމާ ދެކޮޅަށް" ނަމުގައި އާއި "ކޮބައި ނުވިއެއްނު" ނަމުގައި ރެލީއެއް ބާއްވާފަ އެވެ. މި ދެ އެއްވުމުގައި ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

އެންމެ ފަހުން ބޭއްވި ރެލީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ގައުމު ހަލާކުވެ އަނދަޅަށް ދަނީ ކޮންމެ ފަހަރަކު ވެސް ރައްޔިތުންނަށް ދޮގު ވައުދު ވަމުންދާ ސިޔާސީ ބޮޑުންގެ ސަބަބުން ވިދާޅުވެ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.