ހަބަރު

ކައުންސިލް އިންތިހާބު އެމްޑީޕީން ބޮޑުތަނުން ކާމިޔާބު ކުރާނެ: ޝިފާޒު

ލޯކަލް ކައުންސިލް އިންތިހާބު ބޮޑު ތަނުން އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ބޭއްވި ކައުންސިލަރުންގެ ކޮންގްރެސް ނިންމުމަށް ބޭއްވި ޖަލްސާގައި ޝިފާޒު ވިދާޅުވީ، މިދިޔަ ސަރުކާރުން ކަން ކުރި ގޮތަށް އިންތިހާބު ނުބާއްވަން މި ސަރުކާރުން އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި، އިންތިހާބު ހަމަޖެހިފައިވާ ތާރީހުގައި ބާއްވާނެ ކަމަށެވެ. އެހެން ކަމުން އެ ހާސް ކަން މިހާރު ނޯންނާނެ ކަމަށާއި، ވިސްނުމުގައި ބަހައްޓަންވީ ދަތި އުނދަގުލާއި، ތުރާލާއި އަނިޔާވެރިކަމުގައި ނިކުމެ ބޮޑު އަޣުލަބިއްޔަތެއް ހޯދި ފަދައިން މި އިންތިހާބުވެސް ބޮޑުތަނުން ކާމިޔާބު ކުރަން ކަމަށެވެ.

ކުރީގެ ރައީސް އަބުދުއްﷲ ޔާމީނަށް ވެރިކަމުގައި ހުންނަވައިގެން ވެސް އެމްޑީޕީ ފަހަތަށް ނުޖެއްސުނު ކަމަށާއި، މިހާރު އެމްޑީޕީގެ ވެރިކަމެއް އޮވެ ރާއްޖޭގެ ކައުންސިލްތައް އެ ޕާޓީން ބޮޑުތަނުން ނަގާނެ ކަމަށެވެ. މީގެ އިތުރުން އެ ކޮންފަރެންސް ނިމިގެންދަނީ އުމްމީދުތަކެއް ލިބިގެން ކަމަށާއި، ރައްޔިތުންގެ ނަޒަރު ހުއްޓިފައި އޮތީ އެކޮންފަރެންސަށް ކަމަށެވެ.

"އެބޭފުޅުންގެ ރަށު ތަރައްގީއާއި، އެބޭފުޅުންގެ މުސްތަގުބަލާއި ގުޅިފައިވާ ކަންކަމަށް އަންނާނެ ހެޔޮ ބަދަލްތަކާއި ދޭތެރޭގައި. ހަމަ ގައިމުވެސް ރާއްޖޭގެ ތަރައްގީގެ ޕްލޭން އެކަށައަޅަމުންދާ ގޮތް ތިބޭފުޅުންނާއި ވަރަށް ރަނގަޅަށް ހިއްސާ ކުރެވިއްޖެ. ތިބޭފުޅުންނާއި އެ ވާހަކަތައް މި ކޮންފަރެންސް ނިމުމަށްފަހު ހިއްސާ ކުރެވޭނެ" ޝިފާޒު ވިދާޅުވި އެވެ.

ޝިފާޒު އިތުރަށް ވިދާޅުވީ، އެޕާޓީން މެނުވީ އެވާހަކަތައް ދައްކާ ބަޔަކު ނެތް ކަމަށާއި، ރައީސް ސޯލިހުވެސް އެ ކޮންފަރެންސްގެ ފެށުމަށް ވަޑައިގެން އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ވަރަށް ރަނގަޅަށް ހިއްސާކޮށްދެއްވާފައިވާ ކަމަށާއި، އެކަންކަމާއިއެކު އެމަސައްކަތް ދާނީ ވަރަށް ބާރަށް ކުރިޔަށް ކަމަށެވެ.