ޓޫރިޒަމް

16 އަތޮޅެއްގެ ޓޫރިޒަމް އިންސްޕެކްޝަން ނިމިއްޖެ

Aug 24, 2019

ސޯޅަ އަތޮޅެއްގައި ޓޫރިޒަމްގެ ވިޔަފާރި ހިދުމަތް ދޭ ތަންތަން އިންސްޕެކްޓްކޮށް ނިމިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ 20 އަތޮޅުގެ ތެރެ އިން 16 އަތޮޅުގެ އިންސްޕެކްޝަން ނިމިފައިވާއިރު، އަންނަ މަހުގެ 27 ގެ ކުރިން އިންސްޕެކްޝަން އެއްކޮށް ނިންމާނެ ކަމަށެވެ. އަދި އިންސްޕެކްޝަންގައި މިހާތަނަށް ފާހަގަވި ކަންކަން ރަނގަޅު ކުރަން ފުރުސަތު ދީ "މިނިމަން ރިކްއާމަންޓް ސްޓިކާ" ދޫކޮށް، އަހަރަކު އެއް ފަހަރު އިންސްޕެކްޓް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ފަތުރުވެރިންނަށް ހިދުމަތްދޭ ހުރިހާ ތަނެއް ކޮންމެ އަހަރަކު އިންސްޕެކްޓް ކުރެވޭނެ. ސްޓިކާ އާ ކުރާނީ އިންސްޕެކްޝަނުން ފާހަގަވި ކަންކަން ރަނގަޅު ކުރުމުން،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް އިންސްޕެކްޝަންގައި ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމާއި އިންސާނީ ހައްގުތައް ކަށަވަރު ކުރަން ފަދަ ކަންކަން ފުރިހަމަވެފައި ހުރިކަން މިންވަރުވެސް ކުރާނެ ކަމަށެވެ.

މުޅި ރާއްޖޭގައި ޓޫރިޒަމް އިންޕެކްޝަން ކުރިއަށްދާއިރު، މިއީ މިހާ ފުޅާ ދާއިރާއެއްގައި މި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. މި އިންސްޕެކްޝަން ކުރިއަށް ގެންދަނީ ސިފައިންނާއި ފުލުހުންނާ ގުޅިގެންނެވެ.