ބޮލީވުޑް

"ޒޯޔާ ފެކްޓާ"ގެ އާ ޕޯސްޓަރެއް ދައްކާލައިފި

ސޯނަމް ކަޕޫރުގެ ފަހުގެ ފިލްމު "ދަ ޒޯޔާ ފެކްޓާ" ގެ މޯޝަން ޕޯސްޓަރު ދައްކާލައިފި އެވެ.

އަންނަ މަހު 20 ވަނަ ދުވަހު ރިލީޒް ކުރާ މި ފިލްމުގައި ސޯނަމްއާއެކު ލީޑް ރޯލުން ފެންނާނީ ސައުތުގެ އެކްޓަރު ދަލްގޫރް ސަލްމާނެވެ. ފިލްމު ޑައިރެކްޓު ކުރަނީ މިދިޔަ އަހަރު ޖޯން އަބްރަހަމް އާއެކު ގެނެސްދިން "ޕަރުމަނޫ: ދަ ސްޓޯރީ އޮފް ޕޮކްރާން" އަބީޝެކް ޝަރުމާ އެވެ.

މި ފިލްމަކީ، 2008 ވަނަ އަހަރު އަނޫޖާ ޗޯހަން ހަމަ އެ ނަމުގައި ނެރުނު ވާހަކަ އަކަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. ރޮމޭންޓިކް ކޮމެޑީ މި ފިލްމުުގައި ފެންނާނީ އެޑްވަޓައިޒިން އޭޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރާ ޒޯޔާ އާއި އިންޑިއާ ކްރިކެޓު ޓީމުގެ ކެޕްޓަން އާ އެ ޓީމުގެ ނަސީބާ ގުޅޭ ގޮތެވެ.

ސޯނަމްގެ ޓްވިޓާގައި ހިއްސާކުރި މޯޝަން ޕޯސްޓަރުގައި ފެންނަނީ ސޯނަމްގެ ފޮޓޯއަކާއެކު "އިންޑިއާގެ ލަކީ ޗާމް" ޖަހާފައިވާ ތަނެވެ.

މި ފިލްމުގައި ސޯނަމްގެ ބޮޑުބޭބެ ސަންޖޭ ކަޕޫރު އޭނާގެ ބައްޕަގެ ރޯލުން ފެންނާނެ އެވެ. މީގެ އިތުރުން، ސިކަންދަރު ކޭރް އާއި އަބީލާޝް ޗޯދްރީ އާއި ސޯރަބް ޝުކްލާ އަދި ރާހުލް ކަންނާ ހިމެނެ އެވެ.

"ދަ ޒޯޔާ ފެކްޓާ" އަކީ މި އަހަަރު ރިލީޒް ކުރާ ސޯނަމްގެ ދެވަނަ ފިލްމެވެ. ފެބްރުއަރީގައި ނެރުނު "އެކް ލަޅްކީ ކި ދޭކަ ތޮ އޭސާ ލަގާ" ފިލްމަށް ބޮކްސް އޮފީހުގައި 43 ކްރޯޑް ލިބުނެވެ.