ޓޫރިސްޓް އެރައިވަލް

ބްލޫ ޕެނަރޯމާއާއެކު ޕޮލެންޑު މާކެޓު ބޮޑުތަން ރަނގަޅުވެއްޖެ

ކުރިން ރާއްޖެއަށް ޑައިރެކްޓް ފްލައިޓްތައް ނޯންނަ ޕޮލެންޑާއި ރާއްޖެއާ ދެމެދު ޖޫން މަހު ފެށި އާ ފްލައިޓްތަކާއެކު އެ ގައުމުން އައި މީހުންގެ އަދަދު 34.7 ޕަސެންޓް އިތުރުވެއްޖެ އެވެ.

ޕޮލެންޑު އެއާލައިނެއް ކަމަށްވާ ބްލޫ ޕެނަރޯމާ އިން ރާއްޖެއަށް ޗާޓަރު ފްލައިޓުތައް ފަށާފައިވަނީ މި އަހަރުގެ ޖޫން މަހު އެވެ. ޓޫރިޒަމްގެ މައި ސީޒަނާ ދިމާކޮށް ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ފްލައިޓްތައް ފެށުމުގެ ކުރީގައި އެ ގައުމަކީ ޔޫރަޕުގެ މާކެޓަށް ބަލާއިރު އެހާ ރަނގަޅު ގައުމެއް ނޫނެވެ. ނަމަވެސް މެދުތެރޭ ޔޫރަޕުގައި އޮންނަ މި ގައުމުން މިހާރު އަންނަ ޓޫރިސްޓުންގެ އަދަދު ބޮޑުތަން އިތުރުވަމުން އަންނަ ކަމަށް ޓޫރިޒަމް ތަފާސް ހިސާބު ތަކުން ދައްކަ އެވެ.

ޖުލައި މަހު ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެ ގައުމުން މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހު އައިސްފައި ވަނީ 7,543 މީހުންނެވެ. ނަމަވެސް މި އަހަރު މި މުއްދަތުގައި ޕޮލެންޑުން 10,157 މީހުން އައިސްފަ އެވެ. މިއީ 34.7 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހު އެ ގައުމުން އައިސްފައިވަނީ 878 މީހުންނެވެ. ނަމަވެސް މި އަހަރުގެ ޖުލައި މަހު އެކަނި އެ ގައުމުން 1,937 މީހުން އައިސްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މެދުތެރޭ އައި ދެކުނު ޔޫރަޕުން މި އަހަރުގެ މިހާތަނަށް 104,172 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 92,285 މީހުންނާ އަޅާ ބަލާއިރު 12.9 ޕަސެންޓުގެ އިތުރު ވުމެކެވެ. މި ސަރަހައްދުން އެންމެ ގިނަ މީހުން އައި ރަޝިއާ އިން 48,294 މީހުން އައިސްފައިވެ އެވެ. މިއީ އެ ގައުމުން މިދިޔަ އަހަރު އައި 42,767 މީހުންނާ އަޅާ ބަލާއިރު 12.9 ޕަސެންޓުގެ އިތުރު ވުމެކެވެ.