ބްރެޒިލް

އެމަޒަންގައި ރޯވި އަލިފާން ނިއްވާލަން އިތުރު ސިފައިން ފޮނުވަނީ

ބްރެޒިލްގެ އެމެޒަން ޖަންގަލީގައި ރޯވެގެން އުޅޭ އަލިފާންގަނޑު ނިއްވާލުމަށް އިތުރު ސިފައިންތަކެއް ފޮނުވަން ބްރެޒިލްގެ ރައީސް ޖޭރު ބޮލްސަނާރޯ ނިންމައިފި އެވެ.

އެމަޒަންގައި ރޯވި އަލިފާން ނިއްވާ ނުލެއްވި ގިނަ ދުވަސްވުމާއި ގުޅިގެން ގައުމާ މުހާތަބު ކުރައްވަމުން، ބޮލްސަނާރޯ ވިދާޅުވީ، އެމެޒަން އަކީ ދުނިޔޭގެ ފުއްޕާމެއި ކަމަށްވާއިރު، މިހާރު ދުނިޔެ މިއޮތީ ނުރައްކަލަކަށް ވެއްޓިފައި ކަމަށްވުމުން، އަލިފާން ނިއްވާލުމަށް އިތުރު ސިފައިން ފޮނުވަން ނިންމާފައިވާ ކަަމަށެވެ. ފޮނުވަނީ ކިތަށް ސިފައިން ކަމެއް ބޮލްސަނާރޯ ވިދާޅެއްނުވެ އެވެ.

ބޮލްސަނާރޯ އަލިފާން ނިއްވުމަށް އިތުރު ސިފައިން ފޮނުވަން ނިންމީ، އިޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެމެޒަން އަލިފާން ނިއްވާލުމަށް އެކަށީގެންވާ މަސައްކަތެއް ބްރެޒިލް އިން ނުކުރާ ކަމެއް ބުނެ ބަޔާނެއް ނެރުމުންނެވެ، މީގެ އިތުރުން ފްރާންސް އަދި އަޔަލޭންޑުން ބްރްޒިލް އާއެކު ވިޔަފާރީގެ ގުޅުން ނިންމުމަކަށް ގެންނަން ޖެހިދާނެ ކަމުގެ އިންޒާރުވެސް ދީފައި ވަނިކޮށެވެ.

ގިނަ ގައުމުތަކުން ގަބޫލުކުރާ ގޮތުގައި އެމަޒަން ޖަންގަލީގައި އަލިފާން ރޯކޮށްލީ ބަޔަކު ގަސްތުގަ އެވެ. ބޭނުމަކީ އެމަޒަންގެ ޖަންގަލީގެ ބޮޑު ބައެއް ނައްތާލުމަށްފަހު ބިން ހޯދުން ކަމަށް އެގައުމުތަކުން ވަނީ ބުނެފަ އެވެ. އެމަޒަން ޖަންގައްޔަކީ ދަނޑުވެރިކަމާއި، ހިލަ ނެގުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުންދާ ތަނަކަށްވާތީ، ޖަންގަލީގެ ރައްކާތެރިކަމާމެދު އަބަދު ވެސް ދަނީ ބަހުސް ކުރެވެމުންނެވެ.

އެމަޒަން ޖަންގަލީގައި އަލިފާން ރޯވެގެން އުޅޭކަމުގެ އެންމެ ފުރަތަމަ ރިޕޯޓް ލިބިފައިވަނީ މިމަހު 15 ވަނަ ދުވަހު އެވެ. އެމަޒަން ޖަންގަލީ ސަލާމަތް ކުރުމަށް ބްރެޒިލް އިން އެކަށީގެންވާ މަސައްކަތް ނުކުރާކަމަށް ބުނެ ފްރާންސުން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ. އަދި އީޔޫން ވެސް ދަނީ ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ތައްޔާރުވަމުންނެވެ. އެމަޒަން ޖަންގަލީއަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު ޖަންގަލީ އެވެ. މިއީ ދުނިޔެ ހޫނުވުމުން ދަށްކުރުމަށް މުހިންމު ޖަންގަލީ އެއް ކަމަށް އދގެ ތިމާވެށީގެ އޮފީހުން ވަނީ ބުނެފަ އެވެ.